އެމެރިކާގެ މީސްމީޑިއާގައި އިއްޔެ އާންމުވި ފޮޓޯއަކީ، ހިލޭ އަލުވި ބަހަން ވެގެން ބަޔަކު މީހުން އިއުލާން ކުރުމުން އެކަމަށް އިޖާބަދީ، އާންމުންގެ މީހުން ދަމާލި ދިގު ސަފުތަކުގެ ފޮޓޯތަކެވެ. އެއިން ދައްކައި ދެނީ އެމެރިކާގައި އާންމުވަމުންދާ ބަނޑުހައި ހޫނުކަމުގެ މިންވަރު ކަމަށް އެހާދިސާއަށް ވާހަކަ ދެއްކި މީހުން ބުނެއެވެ.
އެމެރިކާގެ އާބާދީގެ 348 މިލިއަން މީހުންގެ ތެރޭން 12 އިންސައްތައަށް ވުރެން ގިނަ މީހުންނަކީ ބަނޑުހައި ހޫނުކަމުގައި އުޅޭ މީހުންނެވެ. އަދި ބޯހިވާހި ކަމެއް ނެތި މަގުމަތީގައި ހާމައަށް ނިދާ މީހުންގެ ނިސްބަތްވެސް އާބާދީގެ އެއްޕަސެންޓަށް އަރާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގައި މި އެންމެ ފަގީރު އާބާދީކަމަށް ބެލެވޭ 12 އިންސައްތަ މީހުން ކަމަށްވާ 41 މިލިއަން މީހުންނަކީ، ސަރުކާރުން ކާން ދޭ މީހުންނެވެ. މިމީހުން، ކާނާ ގަންނަން ބޭނުން ކުރާނީ ފުޑް ސްޓޭމްޕެވެ. މި ފުޑް ސްޓޭމްޕަކީ، ސަޕްލިމެންޓަލް ނިއުޓްރިޝަން އެސިސްޓެންސް ޕްރޮގްރާމް (ސްނެޕް) ގެ ދަށުން ހާންތިވާ މީހުންނަށް ދެވޭ އެހީއެވެ. މުޅި ޕްރޮގްރާމަށް ކޮންމެ މަހަކަށް 9 (ނުވައެއް) ބިލިއަން ޑޮލަރު ބޭނުން ވެއެވެ.
އެއީ ގާތްގަނޑަކަށް އެމެރިކާއިން މެދުއިރުމަތީގައި ޖެނޮސައިޑް ހިންގުމަށާއި ފަސާދަކޮށް ކޮންޓްރޯލު ކުރުމަށް އިޒްރޭލާއި މިސްރާއި ޖޯޑަންއަށް ދޭ ފައިސާގެ ދެ ގުނައެވެ.
ސްނެޕްއަކީ 60 އަހަރު ވަންދެން އެމެރިކާގައި ހިންގަމުން ގެންދާ ޕްރޮގްރާމެކެވެ.
ޓްރަމްޕް ވެރިކަމަށް އައީ، ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔާއިގެ ހުދު ކުލައިގެ ހަރުކަށި ނަސާރާއިންގެ ދީނީ ފިކުރު ނިވާފަތްގަނޑަކަށް ދައްކައިގެންނެވެ. ކެމްޕޭންގައި އެމެރިކާ ވަރުގަދަ ގައުމަކަށް ހަދާނެ ކަމަށް ބުނިގޮތަށް އޭނާ ވަނީ އެމެރިކާގެ ފަގީރުންނަށްވެސް އެހީވާނެ ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ ވެރިކަމުގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާއި އޭނާއާ އެއްފަދަ ސާދާގަރުންނަށް މާލީ އިނާޔަތްތަކާއި ވިޔަފާރިތައް ލިބި އެމީހުންގެ މުއްސަނދިކަން އިތުރުވަމުންދާއިރު އެމެރިކާ ރައްޔިތުން ދަނީ ބިކަވެ ނިކަމެތި ވަމުންނެވެ.
ޓްރަމްޕްގެ މިދައުރުގައި އެމެރިކާ ސަރުކާރުގައި ތަޅުއެޅުވިތާ މިހާރު 60 ދުވަސް ވެއްޖެއެވެ. އޭނާގެ ވެރިކަމުގެ ކުރީ ދައުރުގައި ވެސް ބަޖެޓް ފާސްކުރުމަށް ސަރުކާރާއި ކޮންގްރެސް އެއްގަލަކަށް ނޭރުމުން 35 ދުވަހަށް ސަރުކާރު ބަންދު ކުރިއެވެ.
އެމެރިކާ ސަރުކާރު ބަންދު ކުރުމުން ނިކަމެތިންނަށް އަސަރު ކުރެއެވެ. އެމެރިކާ ސަރުކާރުގެ 2 މިލިއަން މުވައްޒަފުންނަށް މުސާރަ ދީފައެއް ނުވެއެވެ! އަދި 9 ލައްކަ މީހުން ވަނީ މުސާރަ ދޭން ޖެހިދާނެތީ ވަޒީފާއިން ވަކިކޮށްފައެވެ.
އެމެރިކާގައި ހާންތިވާ ނިކަމެތިންނަށް ސަރުކާރުން ކާންދޭ ޕްރޮގްރާމުގެ ދަށުން ކޮންމެ މީހަކަށް އެވްރެޖްކޮށް މަހަކަށް މީހަކަށް 189.60 ޑޮލަރު ދެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 2924 ރުފިޔާ އެވެ.
ދިވެހިރާއްޖޭގައި ސަރުކާރުން ދޭން ހަމަޖައްސާ އިނާޔަތްތަކާއި މި އަދަދު އަޅާކިޔާލަމާ ބަހީއެވެ!
- ޤުރުއާން ހިތުން ދަސްކޮށްފައިވާ މީހަކަށް 4 ހާސް ރުފިޔާ
- އެކަނިވެރި މައިންނަށް، ކުއްޖަކަށް 3 ހާސް ރުފިޔާ،
- ތެލެސީމިއާ ޕޭޝަންޓަކަށް 1 ހާސް ރުފިޔާ،
- އުމުރުން 65 އަހަރު ވުމުން 5 ހާސް ރުފިޔާ،
ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގައި ހާންތިކަން ފިލުވަން ދޭ އިނާޔަތަކީ ކޮންމެ ފަގީރު މީހަކަށް ދުވާލަކަށް ސަތޭކަ ދިވެހި ރުފިޔާއަށް ވުރެންވެސް މަދު މިންވަރެކެވެ.
އެމެރިކާގެ ފަގީރުންނަށް މި ނޮވެމްބަރު މަހަކީ އިތުރަށް ވޭންދެނިވި މަހެކެވެ. އެމެރިކާ ސަރުކާރު ބަންދު ކުރުމުން މިފައިސާ ފަގީރުންނަށް ނުލިބިގެން އެމައްސަލާގައި ދައުވާ ކުރުމުން ދަށު ކޯޓުން ވަނީ އެފައިސާ ދިނުމަށް އަމުރުކޮށްފައެވެ. ނަމަވެސް ޓްރަމްޕް ސަރުކާރުން ސުޕްރީމް ކޯޓަށް ދިއުމުން ސުޕްރީމް ކޯޓުން ވަނީ އެފައިސާ ދިނުން ހުއްޓުވާފައެވެ. ޓްރަމްޕް ސަރުކާރުން ކޯޓުގައި ބުނީ މިފައިސާ ފަގީރުންނަށް މި ދަނޑިވަޅުގައި ދޭން ދިމާކޮށްފިނަމަ މާލީ ނިޒާމަށް ބުރޫއަރާނެ ކަމަށެވެ!
އެމެރިކާ ސަރުކާރުން ހާންތި ފިލުވުމަށް ދޭ ފުޑް ސްޓޭމްޕް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، 43 އިންސައްތަ ކުޑަ ކުދިން، 11 އިންސައްތަ އިސް ރަށްވެހިން، 27 އިންސައްތަ ނުކުޅެދޭ މީހުން، ވަޒީފާ އަދާކޮށް އުޅޭ 37 އިންސައްތަ ގޭބިސީތަކެވެ.
ފުޑް ސްޓޭމްޕަށް އެންމެ ބޮޑަށް ބަރޯސާވާ ސްޓޭޓްތަކުގެ ތެރޭގައި ނިއު މެކްސިކޯ، ލޫސިއާނާ، އަދި މިސިސިޕީ ހިމެނެ އެވެ.






