ސުޕަރ ކޮމްޕިއުޓަރުތަކުގެ ވާހަކަ ދައްކާއިރު، ބޮޑެތި މެޝިންތަކެއްގެ ސިފަ ޚިޔާލަށް ގެނެވޭނެއެވެ. މިސާލަކަށް، ކުރީގެ ސުޕަރ ކޮމްޕިއުޓަރެއްގައި ބޭނުންކުރި ވައިރުތަކުގެ ދިގުމިން 60 މޭލަށް ވުރެން ދިގު ވާނެއެވެ. އަދި އެ ކޮމްޕިއުޓަރު ހިންގުމަށް 10 ގޭބިސީއަށް ބޭނުންވާ ވަރަށް ހަކަތަ ބޭނުންވާނެއެވެ. އޭގެ ބަރުދަން 5 ޓަނަށްވުރެ ބަރުވާނެ އެވެ. އަދި އެ ސުޕަރ ކޮމްޕިއުޓަރު ބެހެއްޓުމަށް އެއް އަހަރު ދުވަސް ނަގައެވެ.
ނަމަވެސް މިހާރު ދުނިޔޭގެ އެންމެ ކުޑަ ސުޕަރ ކޮމްޕިއުޓަރު ވަނީ އުފައްދާފައެވެ. އޭގެ ސައިޒު އާދައިގެ ފޮތަކާ އެއްވަރެވެ. އެމެރިކާގެ ކުންފުނި އެންވީޑިއާ އިން އުފެއްދި ޑީޖީއެކްސް ސްޕާކް ނަމަކަށް ކިޔާ މި ސުޕަރ ކޮމްޕިއުޓަރުގެ އަގަކީ 4،000 ޑޮލަރެވެ. އަދި މި ކޮމްޕިއުޓަރު ވަނީ ޓެސްލާގެ ސީއީއޯ އެލޮން މަސްކާ ހަވާލުކޮށްފައެވެ.
މި ސުޕަރ ކޮމްޕިއުޓަރުގައި 128 ޖީބީ ޔުނިފައިޑް ރެމް (ސީޕީޔޫ އަދި ޖީޕީޔޫ) އާއި އެންވީޑިއާ ކަނެކްޓްއެކްސް ނެޓްވޯކިން ފަދަ ފީޗާސްތައް ހިމެނެއެވެ. އަދި މި ކޮމްޕިއުޓަރުގެ ބަރުދަން އެއް ކިލޯއަށްވުރެ ލުއި ކަމަށް ބުނެއެވެ. މީގެ އިތުރުން، މި ކޮމްޕިއުޓަރު ހިންގަނީ ކުންފުނީގެ ޑީޖީއެކްސް އޮޕަރޭޓިން ސިސްޓަމް ބޭނުންކޮށްގެންނެވެ.
ކޮމްޕިއުޓަރުގެ ފަހަތުގައި 4 ޔޫއެސްބީ-ސީ ޕޯޓް، އެއް އެޗްޑީއެމްއައި ޕޯޓް، އެއް އީތަރނެޓް ޕޯޓް އަދި 2 ކިއުއެސްއެފްޕީ ޕޯޓް ހުރެއެވެ. މި ޕޯޓްތައް ބޭނުންކުރަނީ ސާވަރުތަކާއި، ސްވިޗްތަކާއި އަދި އޭއައި ސުޕަރ ކޮމްޕިއުޓަރުތަކުގައެވެ.






