ދަރިވަރުން މުދައްރިސުންނަށް އަނިޔާ ކުރުން: ޔޫރަޕުގައި ބޮޑު މައްސަލައެއް،

ޔޫރަޕުގެ ތަޢުލީމީ ނިޒާމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުދައްރިސުންނަށް ދަރިވަރުންގެ ފަރާތުން ލިބޭ އަނިޔާ އިތުރުވުމެވެ. މި މައްސަލަ ވަނީ މިހާރު ބޮޑު ގައުމީ ފެންވަރުގެ ކާރިސާއަކަށް ވެފައެވެ. މިކަމުގައި ޑެންމާކު ވަނީ ޔޫރަޕްގައި އެންމެ ބޮޑަށް ފާހަގަވާ ޓީޗަރުންނަށް ނުރައްކާތެރި ގައުމަކަށް ވެފައެވެ.

މުދައްރިސުންނަށް ދެވޭ އަނިޔާގެ މައްސަލައަކީ ޔޫރަޕްގައި ހަމައެކަނި ޑެންމާކަށް ޚާއްސަ ކަމެއް ނޫނެވެ.  މިއީ ޔޫރަޕުގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މައްސަލައެކެވެ. މިސާލަކަށް، އުގަންނައި ދިނުމުގައި ދުނިޔެއަށް ނަމުނާއެއް ކަމަށް މަޝްހޫރުވެފައިވާ ފިންލޭންޑުގައި މުދައްރިސުންގެ ތެރެއިން 33 އިންސައްތަ މީހުން ވަނީ ދަރިވަރުންގެ ފަރާތުން ގަނާކުރުމާއި ޖިސްމާނީ ގޮތުން އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ހަމައެފަދައިން، ސްވީޑަންގައި ވެސް ކޮންމެ ތިން މުދައްރިސުންގެ ތެރެއިން އެކަކު ކޮންމެ އަހަރަކުވެސް ދަރިވަރުންގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެއެވެ.

ޔޫރަޕުގައި ހަދާފައިވާ ސިރާސާއަކުން ދައްކާ ގޮތުގައި މުދައްރިސުންނަށް ދަރިވަރުންގެ އަނިޔާތަކާ ކުރިމަތިލާން ޖެހޭ ނިސްބަތް މިހާރު ވަނީ 53 އިންސައްތައަށް އަރާފައެވެ.

މި ހިސާބުތަކުން ދައްކަނީ ޑެންމާކުގެ މައްސަލައަކީ ވަކި ޚާއްސަ ހާލަތެއް ނޫންކަމާއި، އެއީ ޔޫރަޕުގެ ތަޢުލީމީ ނިޒާމުތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްގެ ރަމްޒެއް ކަމެވެ.

ފާއިތުވި އަހަރުގެ ވަޒީފާގެ މާހައުލާ ބެހޭ ގޮތުން ޑެންމާކްގައި ހޯދާފައިވާ ހޯދުންތަކުން ހާމަވާ ގޮތުގައި 8,000 އަށް ވުރެ ގިނަ މުދައްރިސުން ބުނެފައި ވަނީ ބިރުދެއްކުން ނުވަތަ ޖިސްމާނީ ހަމަލާގެ ޝިކާރައަކަށް އެމީހުންވި ކަމަށެވެ. އަދި މިއީ އެގައުމުގެ 700 ޕްރައިމަރީ ސްކޫލުގެ ނިސްބަތުން ބަލާއިރު، ކޮންމެ ސްކޫލަކުން އެވްރެޖުކޮށް ޖިސްމާނީ އަނިޔާގެ 11 މައްސަލައެވެ.

ބީއެމްސީ ސައިކޮލޮޖީ އިން 2018-2019 ވަނަ އަހަރު 1,198 މުދައްރިސުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 62 އިންސައްތަ މުދައްރިސުންނަށް ކުދިންގެ ފަރާތުން ނުހޮރޮއްޕާން ކުރުމާ ކުރިމަތިލާން ޖެހުނެވެ. އަދި 41 އިންސައްތަ ޓީޗަރުންނަށް ބިރުދެއްކުމާއި ކުރިމަތިލާން ޖެހުނެވެ. އަދި، 39 އިންސައްތަ ޓީޗަރުންނަށް ދަރިވަރުން ޖިސްމާނީ އަނިޔާ ކޮށްފައި ވެއެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ނަމުގައި އިންސާނީ ދިރިއުޅުމުގެ ނިޒާމު ބޮލާލައި ޖަހާލި ޔޫރަޕަށް ދިމާވެފައިޥާ މިކާރިސީ ހާލަތުގައި ގިނަ މައްސަލަތައް ރިޕޯޓު ކޮށްފައި ނުވާ ކަމަށާއި މިއިން ދައްކައި ދެނީ އާންމުކޮށް ހާމަވެފައިވާ މިންވަރަށްވުރެންވެސް ބޮޑަށް މިކަން މި މުޖުތަމައުގައި މޫލާފައިވާ ކަމެވެ.

ބިއެމްސީ ސައިކޮލޮޖީގެ ދިރާސާގައި ބުނެފައި ވަނީ މިކަން ކާރިސާއަކަށްވެފައިވާއިރު މިކަން ހުއްޓުވުމަށް ނިޒާމެއްވެސް ކަނޑައެޅިފައި ނެތް ކަމަށެވެ.

ޑެންމާކްގައި އެވަރެޖުކޮށް ކްލާހެއްގައި 28 ކުދިން ތިބެއެވެ.

ދަރިވަރުންގެ ފަރާތުން ލިބޭ އަނިޔާގެ ސަބަބުން މުދައްރިސުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި އެމީހުން ކިޔަވައި ދިނުމުގައި އުޅެން ބޭނުން ނުވާކަމަށްވެސް ދިރާސާއިން ދައްކައެވެ. ނަތީޖާއެއްގެ ގޮތުން ތައުލީމީ ނިޒާމަށް ބާރު ބޮޑުވުމާއި ކިޔަވައި ދިނުމުގެ ފެންވަރު ދަށްވުން ހިމެނެއެވެ.

މި ކާރިސާއަށް ރައްދު ދިނުމަށް ޑެންމާކުގެ ބޮޑުވަޒީރު މެޓާ ފްރެޑެރިކްސެން ވަނީ އަނިޔާ ކުރާ ދަރިވަރުން ވަގުތުން ސްކޫލުން ވަކިކުރުމަށް އަންގަވާފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދަނީ މުދައްރިސުންނަށް އެހީތެރިވުމާއި މައްސަލަ ރިޕޯޓުކުރުމުގެ ސާފު އުސޫލުތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!