މިސްރުގައި އިންޓަރނޭޝަނަލް ސްކޫލެއްގައި ހިނގި ހިތާމަވެރި ހާދިސާއެއް މީސް މީޑިއާގައި ބަހުސަކަށް ވެފައި ވެއެވެ. ސްކޫލުގެ ފީ ނުދެއްކުމުގެ ސަބަބުން ކްލާސްރޫމެއްގައި އޭނާގެ ދަރިފުޅު ބަންދުކުރިކަމަށް ބެލެނިވެރިއަކު ވަނީ މީސްމީޑިއާގައި ބުނެ ވާހަކަ ފަތުރާފައެވެ. އަޙްމަދު ސުބްޙީ އޭނާގެ ފޭސްބުކް އެކައުންޓުގައި ޝާއިޢުކުރި ދިގު ޕޯސްޓެއްގައި ބުނެފައިވަނީ ސްކޫލުގެ ފީ ދެއްކުން ލަސްވެފައިވުމުގެ ސަބަބުން އޭނާގެ ދަރިފުޅު ވަނީ ވަކި ކްލާސްރޫމަކަށް ގެންގޮސް ބަންދުކޮށްފައެވެ. އަދި އެކުއްޖާއަށް ބޯފެން ދިނުމާއި ފާޚާނާއަށް ދިއުމަށްވެސް ފުރުޞަތު ނުދިން ކަމަށް ބުނެއެވެ. މިކަމަކީ "ކިޔަވައިދިނުމުގެ ނުވަތަ އިންސާނިއްޔަތުގެ އެއްވެސް މިންގަނޑަކާ ގުޅުމެއް ނެތް ނަފްސާނީ އަދި ތަރުބަވީ ނިކަމެތިކަމެއް" ކަމަށް އޭނާ ސިފަކުރެއެވެ.
މިކަމާ އިޢުތިރާޟުކުރުމުން ދެވަނަ ދުވަހު ވެސް މި ހާދިސާ ތަކުރާރުވިކަމަށް ބުންޏެވެ. ސްކޫލުގެ އިދާރާ އިން މިކަން ކުރިކަމަށް އެއްބަސްވެއެވެ. ކުއްޖާ ފަރިދާގެ ބައްޕަ ބުނި ގޮތުގައި ފީ ދެއްކުން ލަސްވީ ސްކޫލުގެ ފީ ބަލައި ގަތުމުގެ ސިޔާސަތަށް ބަދަލުގެނަސް އިލެކްތްރޯނިކް ކޮށް ބަލައި ގަތުމުގެ ބަދަލުގަިއ ނަގުދު ފައިސާއިން ފީ ބަލައި ގަންނަން ނިމުންނެވެ.
ސުބްހީ ބުނިގޮތުގައި އޭނާގެ ދަރިދފުޅާއެކު އެހެން 11 ކުދިންވެސް ބަންދުކުރި ކަމަށް ވެއެވެ. މި ވާހަކަ ފެތުރިގެން ދިއުމާއެކު، މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ސްކޫލުގެ މި އަމަލަށް ފާޑުކިޔައި ރުޅިވެރިކަން ފާޅުކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ މިފަދަ ހާލަތްތަކުގައި ދަރިންނަށް އެހީތެރިވެ، އަނިޔާވެރިކަމަށް ދޫނުދިނުމަށް ބެލެނިވެރިންނަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން، ސްކޫލުގެ ރަސްމީ ޕޭޖަށް ބޮޑު ހަމަލާއެއް އަމާޒުވުމުން، ކުޑަކުދިންނަށް ދެވޭ މިފަދަ ނިކަމެތި އަދަބުތަކާ ދެކޮޅަށް ބެލެނިވެރިންގެ ރުޅިވެރިކަން މައިތިރިވަންދެން ސްކޫލުގެ އިދާރާއިން ވަނީ ކޮމެންޓުކުރުމުގެ ބައި ބަންދުކޮށްފައެވެ.
މިކަމާ ގުޅިގެން، މިސްރުގެ ތަޢުލީމާއި ފަންނީ ތަޢުލީމާ ބެހޭ ވަޒީރު މުޙައްމަދު ޢަބްދުއްލަޠީފް ވަނީ ނިއު ކެޕިޓަލް ސްކޫލަށް ޚާއްޞަ ކޮމިޓީއެއް ފޮނުއްވައި، މި ހާދިސާ ތަޙްޤީޤުކޮށް، ކުށް ސާބިތުވެއްޖެނަމަ ޤާނޫނީ ފިޔަވަޅު އެޅުމަށް އަންގަވާފައެވެ. ވަޒީރު ވަނީ ޕްރައިވެޓް ނުވަތަ ބައިނަލްއަޤްވާމީ ސްކޫލުތަކުގައި ހިނގާ ޤަވާއިދާ ޚިލާފު ކޮންމެ ކަމަކާ މެދުގައި ވެސް ހަރުކަށިކޮށް ސަރުކާރުން ޢަމަލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި މިސްރުގެ ހުރިހާ ސްކޫލެއްގައި ވެސް ތަޢުލީމު ދިނުމުގެ މަސައްކަތް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި އެއްވެސް ގޮތަކަށް ފަސްޖެހުމެއް ނުވާނެކަމަށް ވެސް ވަޒީރު ޔަޤީންކަން ދެއްވިއެވެ.
ދަރިވަރުން މުދައްރިސުންނަށް އަނިޔާ ކުރުން: ޔޫރަޕުގައި ބޮޑު މައްސަލައެއް،







