އެމެރިކާގެ މިއާމީގައި ދިރިއުޅޭ ދެމަފިރިއަކު ވަނީ އެންމެ ދިގު މުއްދަތަކަށް ކައިވެނިކޮށްގެން އުޅުމުގެ ރެކޯޑް ހަދާފައެވެ. ދުނިޔޭގެ އެންމެ ދިގު ކައިވެނީގެ ރެކޯޑު ހަދާފައި ވަނީ އުމުރުން 107 އަހަރުގެ އެލިއަނޯ އާއި 108 އަހަރުގެ ލައިލް ގިޓެންސް އެވެ. މި ޖޯޑުގެ ކައިވެންޏަށް 83 އަހަރު ވެފައި ވެއެވެ. ދިގު މުއްދަތަކަށް އެކޮށް ކައިވެންޏެއްގައި ތިބުމުގެ ސިއްރަކީ އެކަކު އަނެކަކަށް ދޭ ލޯބި ކަމަށް މި ދެމަފިރިން ބުނެއެވެ.
މި ދެމަފިރިންގެ ކައިވެނީގެ އުމުރު ކަށަވަރުކޮށް ދީފައިވަނީ 100 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދުނިޔޭގައި ތިބޭ މީހުންގެ ރެކޯޑު ބަލަހައްޓާ ވެބްސައިޓެއް ކަމަށްވާ ލޮންޖިވީކުއެސްޓް އިންނެވެ. މި ޖަމިއްޔާއިން ވަނީ 1942 ވަނަ އަހަރު ތައްޔާރުކޮށްފައިވާ އެ ދެމަފިރިންގެ ކައިވެނީގެ ސެޓްފިކެޓާއި، އެމެރިކާގެ ބޯހިމެނުމުގެ ރެކޯޑުތަކާއި، އެހެނިހެން ލިޔެކިޔުންތައް ބަލައި ޗެކްކޮށްފައެވެ.
ގިޓެންސްގެ އާއިލާއަށް މި ލަގަބު ލިބުނީ، މީގެ ކުރިން ދުނިޔޭގެ އެންމެ ދިގު މުއްދަތަށް ކައިވެނިކޮށްގެން ތިބި ބްރެޒިލްގެ ދެމަފިރިން ކަމަށްވާ 106 އަހަރުގެ މެނުއެލް އެންޖިލަމް ދީނޯ އާއި އޭނާގެ އަންހެނުން، 102 އަހަަރުގެ މާރިއާ ޑީ ސޫޒާ ދީނޯ މަރުވުމުންނެވެ. އެ ދެމަފިރިން ވަނީ 85 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅެފައެވެ.
އެލިއަނޯ އާއި ލައިލްގެ ކައިވެނީގެ ވާހަކައަކީ ވަރަށް ޚާއްސަ ވާހަކައެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްތަކާއި އެއަށްފަހުވެސް ގިނަ ދަތިތަކެއް އެ ދެމަފިރިން ވަނީ ތަހައްމަލުކޮށްފައެވެ. އެ ދެމީހުން ފުރަތަމަ ބައްދަލުވީ 1941 ވަނަ އަހަރު ކޮލެޖް ބާސްކެޓްބޯޅަ މެޗެއްގައެވެ. ލައިލް ކުޅެމުން ދިޔައީ ކްލާކް އެޓްލާންޓާ ޔުނިވަރސިޓީގައެވެ. އަދި، އެލިއަނޯ އެތަނަށް ދިޔައީ ކުޅިބަލާ މީހެއްގެ ގޮތުގައެވެ.
އެ ދެމީހުން ކައިވެނިކުރީ 4 ޖޫން 1942 ގައެވެ. އެއިރު ލައިލް ދިޔައީ ޖޯޖިއާގައި ހަނގުރާމައަށް ތަމްރީނު ހޯދަމުން ނެވެ. އޭނާއަށް ލިބުނު ތިން ދުވަހުގެ ޗުއްޓީގައި ކައިވެނިކޮށްލީއެވެ.
ލައިލް އުޅުނީ އެމެރިކާ ސިފައިންގެ 92 ވަނަ އިންފެންޓްރީ ޑިވިޝަންގައި އިޓަލީގައެވެ. އެއިރު އެނާ ދިރހުއްޓާ ފެންނާނެ ކަމާމެދު އެލިއަނޯ ހުރީ ޗައްކެއްގެ މަތީގައެވެ. އޭރު އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނެވެ.
ބޮޑު ހަނގުރާމައަށް ފަހު، ގިޓެންސް އާއިލާ ނިއުޔޯކްގައި ވަޒަންވެރިވެ، ސިވިލް ސަރވިސް އިމްތިހާނުން ފާސްވެގެން ސަރުކާރުގެ ވަޒީފާތައް އަދާކުރިއެވެ. އަދި އެ ދެމަފިރިން އެކި ގައުމުތަކަށް ދަތުރުކުރިއެވެ.
އެލިއަނޯ ވަނީ 69 އަހަރުގައި ފޯޑްހަމް ޔުނިވަރސިޓީއިން އަރބަން އެޑިޔުކޭޝަންގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކޮށްފައެވެ. އެ ދެމަފިރިން މިއާމީއަށް ބަދަލުވީ އެމީހުންގެ ދަރިފުޅު އެންޖެލާ ކައިރީގައި އުޅުމަށެވެ.






