ސައުތު ކެރޮލައިނާ ސްޓޭޓްގައި 20 އަހަރު ވަންދެން މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލައި އޮތުމަށްފަހު، ފަސް ދުވަހުގެ ތެރޭގައި ތިން މީހަކު މަރާލައިފިއެވެ. އުމުރުން 44 އަހަރުގެ ސްޓީފަން ބްރަޔަންޓް، މަރާލާފައިވަނީ ބަޑި ޖަހައިގެންނެވެ. އޭނާއަށް މަރާލާނެ ގޮތްތަކުން ގޮތެއް އިޚުތިޔާރު ކުރުމަށް ދެވުނެވެ. އެގޮތުން ވިހަ އިންޖެކްޝަން ޖަހައިގެންތޯ ނޫނީ ކަރަންޓު ގޮނޑީގައި ބައިންދައިގެންތޯ އެހުމުން އޭނާ ވަނީ ބަޑި ޖަހައިގެން މަރަލަ ދިނުމަށް އެދިފައެވެ.
އެމެރިކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބްރަޔަންޓް މަރާލާފައި ވަނީ ޖަލުގެ ތިން މުވައްޒަފުން ނެވެ. ބްރަޔަންޓަކީ މި އަހަރު ސައުތު ކެރޮލައިނާގައި އެންމެ އާ އިޖުރާއަތްތަކުގެ ދަށުން މަރާލެވުނު ތިންވަނަ މީހާއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ބްރަޔަންޓަށް ފަހު ބަޔާނެއް ދިނުމަށް އެންގުމުން އެކަން ކުރާންވެސް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް، އޭނާގެ ބޮލުގައި ކަވަރު އެޅުވުމުގެ ކުރިން ހާޒިރުވެ ތިބި ދިހަ ހެކިންނަށް ކުޑަ ވަގުތުކޮޅަކަށް ބަލާލިއެވެ.
ބްރަޔަންޓްގެ ވަކީލުން ވަނީ އެންމެ ފަހު ވަގުތު އިސްތިއުނާފެއް ވެސް ހުށަހަޅާފައެވެ. އެމީހުން ބުނެފައިވަނީ އޭނާގެ މަންމަ ބަނޑުބޮޑު އިރު ބޭނުންކުރި މަސްތުވާތަކެއްޗާއި ބަނގުރާގެ ސަބަބުން ސިކުނޑިއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް ހުކުމް ނެރުނު ގާޒީ ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، އެންމެ މަތީ ކޯޓުން ވަނީ އޮކްޓޯބަރު މަހު ބްރަޔަންޓްގެ މަރުގެ ހުކުމް މުރާޖަޢާކުރުމަށް އެވާހަކައަށް ދެކޮޅު ހަދާފައެވެ.
ސައުތު ކެރޮލައިނާގައި ލީތަލް އިންޖެކްޝަންގެ ބޭސް ނުލިބުމުގެ ސަބަބުން 13 އަހަރު ވަންދެން މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތެވެ. ބްރަޔަންޓަކީ ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި އެ ސްޓޭޓްގައި މަރާލެވުނު ހަތްވަނަ މީހާއެވެ.






