ޝޭޚް ޙަސީނާގެ ޝަރީޢަތާ ގުޅިގެން ބަންގްލަދޭޝްގައި ހަމަނުޖެހުންތަކެއް

އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭޚް ޙަސީނާގެ މައްޗަށް ހިންގާފައިވާ ޝަރީޢަތާ ދެކޮޅަށް، އޭނާގެ އަވާމީ ލީގުން ގޮވާލި ހަޅުތާލުގެ ސަބަބުން މުޅި ގައުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ސްކޫލްތަކުގެ ކިޔެވުން ވަނީ އޮންލައިނަށް ބަދަލުކޮށް ފައެވެ. އަދި، ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި، ޑާކާ އާއި އެހެނިހެން ސިޓީތަކުގައި ހަމަނުޖެހުންތައް ބޮޑުވެފައި ވެއެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ފިޔަވަޅުތައް ވަރުގަދަކޮށް ފޮރި މަރަން ފަށާފައެވެ.

ޑާކާގެ ޚާއްސަ ޓްރައިބިއުނަލްއަކުން މި ހަފްތާގައި ޙަސީނާއަށް ޙުކުމް އިއްވުމަށް ހަމަޖެހިފައި ވެއެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް މަހު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ޙަސީނާއަށް ތުހުމަތުކުރެވެނީ، 15 އަހަރުގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރި ޒުވާނުންނަށް ބަޑި ޖެހުމަށް އަމުރު ކުރެއްވި ކަމަށެވެ. ޕްރޮސެކިއުޓަރުން ވަނީ ހަސީނާއަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މޭސްތިރި ކަމަށް ބުނެ، މަރުގެ އަދަބު ދިނުމަށް އެދިފައެވެ.

ޑާކާގެ މަގުތައް ވަނީ ހަޅުތާލާ ގުޅިގެން ހުސްވެފައެވެ. ވެރިރަށާއި އެހެނިހެން ޑިސްޓްރިކްޓްތަކުން ވަނީ ފޭރުމާއި ވައްކަމާއި ހުޅުޖެހުމާއި އަތު ބޮން ގޮއްވުމުގެ ހާދިސާތައް ރިޕޯޓްކޮށްފައެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ޑރ. ޔޫނުސްގެ ގްރަމީން ބޭންކްގެ އޮފީހެއްގައި ވެސް ހުޅު ޖަހާފައި ވެއެވެ. ރޭލުތަކާއި ބަސްތަކަށް ވެސް ވަނީ އަލިފާނުގެ ހަމަލާ ދީފައެވެ. ޑާކާގައި ޓްރައިބިއުނަލް އިމާރާތް ބަލަހައްޓަން ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ވަގުތީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސް ވަނީ ފެބްރުއަރީ މަހު ބާއްވާ އިންތިޚާބާ ދިމާކޮށް ގައުމީ އާ ޗާޓަރެއް އެކުލަވާލައި، ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހުށަހަޅުއްވާފައެވެ. އޭނާ ވަނީ ޙަސީނާއަށް އަދަބު ލިބެން ޖެހެނޭ ކަމަށް ވިދާޅުވެ ފައެވެ. ޑރ، ޔޫނުސްއަށް ތާއީދު ކުރާ ފަރާތްތަކަކީ ދީނީ ފިކުރުމުގެ މީހުންނެވެ. މިމީހުންނަކީ ހަސީނާގެ ވެރިކަމުގައި އަދަބު ލިބުނު ބައެކެވެ.

ހިއްސާ ކުރައްވާ!