ބަނގްލަދޭޝްގެ މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުގައިވެސް ޤާނޫނާ ޚިލާފަށް މީހުން މެރުމާއި، ބަންދުގައި ހުއްޓާ އަނިޔާކުރާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށް ހައްޤުތަކަށް ވަކާލާތްކުރާ މޮނިޓަރުން ބުނެފިއެވެ. ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ބަދަލުކުރިތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ލައިންސާނީ އަމަލުތައް ވަގުތީ ސަރުކާރުގައި ކުރިއަށް ދާތީ، ޔޫނުސްގެ އިދާރާއަށް ބޮޑު ފިއްތުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.
އޮޑިކާރު ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގެ ވާހަކަ އަލްޖަޒީރާއިން ވަނީ ގެނަސްދީފައެވެ. އޭގައިވާ ގޮތުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހާއި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ދެމެދު ޤާނޫނާ ޚިލާފަށް މީހުން މެރުމުގެ 40 ހާދިސާ ރެކޯޑުކުރެވިފައި ވެއެވެ. މީގެ ތެރޭގައި ބަޑިން ހަމަލާދިނުމާއި، ބަންދުގައި ހުއްޓާ އަނިޔާކުރުމާއި، ތަޅައިގެން މެރުން ހިމެނެއެވެ.
މިކަންކަމުގެ ޝިކާރައަކަށް ވެފައިވަނީ ސިޔާސީ އެކްޓިވިސްޓުންނާއި، ކޯޓު އަމުރެއް ނެތި ހައްޔަރުކުރެވުނު މީހުންނާއި، ކުށްވެރިން ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާއި، ސެކިއުރިޓީ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރެވުނު އާންމުންގެ މީހުންނެވެ.
އެވްރެޖުކޮށް ކޮންމެ މަހަކު ތިން މީހުން މަރާލާފައިވާ ކަމަށް ދައްކައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 11 މީހުން މަރުވެފައިވާކަން ރެކޯޑުކުރެވިފައި ވެއެވެ.
ޔޫނުސް ވެރިކަމަށް ވަޑައިގެންނެވިއިރު، ބަންގްލަދޭޝް ގައި އޮތީ ސިއްރު ފުލުހުންގެ ބިރުވެރިކަން ފެތުރިފައެވެ. އެ ބިރުވެރިކަމުން މިނިވަންކުރުމަށް ވައުދުވެފައިވީ ނަމަވެސް، ފުލުހުންނާއި، ރެޕިޑް އެކްޝަން ބެޓޭލިއަން ފަދަ ބާރުތަކާއި، އަސްކަރީ އިންޓެލިޖެންސް ފަދަ ޖާސޫސީ ސަލާމަތީ އެޖެންސީތަކުގެ މަސައްކަތަށާއި އޮޕަރޭޝަންތަކަށް މިހާތަނަށް މާނަ ހުރި އިސްލާހެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.
މިކަމުގެ ސަބަބުން ކުރީގެ ވެރިކަމުގައި އޮތް ގާނޫނު ބޮލާލައި ޖަހާލުމުގެ ސަގާފަތް އަދިވެސް ދެމިއޮތް ކަމަށް ބުނެއެވެ.
މިގޮތުން، ބީއެންޕީގެ ޒުވާނުންގެ ލީޑަރެއް ކަމަށްވާ އާސިފް ޝިކްދަރު، ޖުލައި މަހު ޑާކާގައި ހައްޔަރުކުރިތާ ގަޑިއިރުކޮޅެއްގެ ތެރޭގައި މަރުވިއެވެ.
އަދި ޖެނުއަރީ މަހު ކޮމިއްލާގައި ހައްޔަރުކުރި ބީއެންޕީގެ އިތުރު ޒުވާން ލީޑަރެއް ކަމަށްވާ ތައުހީދުލްއިސްލާމް، ފަހުން މަރުވެފައިވާކަން އިއުލާންކުރި އެވެ. އޭނާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެނިފައިވެއެވެ.
ސަރުކާރުން ވަނީ ތައުހީދުގެ މައްސަލައިގައި ސިފައިންގެ 7 މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް، ހައްޤުތަކަށް ވަކާލާތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޖަވާބުދާރީކުރުވުން އަދިވެސް ވަރަށް ކުޑައެވެ.
ޔޫއެން ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އިން ވަނީ މި އަހަރުގެ ކުރީކޮޅު ރެޕިޑް އެކްޝަން ބެޓޭލިއަން އާއި ޖާސޫސީ އިދާރާތައް އުވާލުމަށް ލަފާދީފައެވެ. ނަމަވެސް މި ލަފާތައް އަދިވެސް ތަންފީޒުކޮށްފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ ޝެއިޚް ހަސީނާ އާއި، މަގާމުގައި ތިބި ނުވަތަ ރިޓަޔާކޮށްފައިވާ 25 އޮފިސަރުންގެ މައްޗަށް ގަދަކަމުން މީހުން ނިޒާމުން ގެއްލުވާލުމުގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. ހަސީނާގެ މައްޗަށް މާދާ ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.





