މަރުގެ ސަޒާ އިއްވުމާ ގުޅިގެން ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ވަނީ އެޙުކުމަކީ ގޮނޑިކޮއްކޮ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެހުކުމަށް ގޮން ޖައްސަވަމުން ވިދާޅުވީ ހުރިހައި ކަމެއްގެ ހިސާބު ބެލެވޭނެ ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުންނަށް ގޮވާއްލެއްވީ މި ހުކުމާ މެދު ނުތަނަވަސް ނުވުމަށެވެ.
ބަނގްލަދޭޝްގެ މަސްއޫލު ފަރާތްތަކުން ވަނީ ހަސީނާއަކީ އަދާލަތަށް ފިއްލަވާފައިޥާ ފަރާތެއް ކަމަށާއި އިންޑިއާއާއި ބަނގްލަދޭޝްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއެއް ގޮތަށް ހަސީނާ އިންޑިއާއިން ބަންގްލަދޭޝްއަށް ޙަވާލު ކުރަން ޖެހޭނެ ކަމުގައި ބުނެފައެވެ.
ހަސީނާއަށް ޙުކުމް އިއްވީ 3 ފަނޑިޔާރުންގެ ބެންޗަކުން:
- ފަނޑިޔާރު ޣުލާމް މުރުތަޟާ މާޒޫމްދާރު (ރިއާސަތުގައި)
- ފަނޑިޔާރު ޝަފީޢުލް އާލަމް މަޙުމޫދު
- ފަނޑިޔާރު މުޙީޠުލް ހައްޤު އިނާމް ޗައުދްރީ
އިއްވާފައިވާ ޙުކުމަކީ 453 ސަފްހާގެ ހުކުމެއް
ހަސީނާގެ މައްޗަށް، ސާބިތުކޮށްފައި ވަނީ، 2024 ވަނަ އަހަރު ދަރިވަރުން އިސްކޮށް ތިބެގެން ހިންގި ހަމަނުޖެހުންތަކެއް ހުއްޓުވުމަށް މީހުން މަރާލުމަށް އަމުރުކުރެއްވުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގެވި ކަމުގެ ކުށެވެ.
މި ހުކުމް އިއްވާފައި ވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ބަރުލަމާނީ އިންތިޚާބާ ދިމާކޮށެވެ.
މި މައްސަލަ ބެލި ބަނގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ގާނޫނުގެ ދަށުން އެންމެ އިއްވޭނެ އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބެވެ. ޝައިޚް ހަސީނާގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ އޭނާގެ ޣެއިރު ހާޒިރުގައެވެ.
ހަސީނާ ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އިންޑިއާއަށް ފިއްލަވާފައެވެ. ޑާކާގައި ހުންނަ މި ޓްރައިބިއުނަލުން މި ހުކުމް އިއްވާފައި ވަނީ ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކުގައެވެ.
މި ހުކުމު އިއްވިއިރު ޝައިޚް ހަސީނާގެ އަވާމީ ލީގް ޕާޓީއަށް ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުން މަނާކޮށްފައެވެ.
މި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، ހަސީނާގެ ދަރިކަލުން އަދި އެޑްވައިޒަރު ސަޖީބް ވާޖިދު ވިދާޅުވެފައި ވަނީ، އަވާމީ ލީގު ބައިވެރިވާ ޑިމޮކްރެޓިކް ހަމަތަކުން އިންތިޚާބުވެފައިވާ ސަރުކާރެއް ވެރިކަމަށް އަންނަންދެން އިސްތިއުނާފު ނުކޮށް މަޑުކުރާނެ ކަމަށެވެ.
ހަސީނާގެ ވެރިކަމުގައި ބޭންދެނިވި ކަންތައްތަކެއް ތަހައްމަލު ކުރި ޖަމާއަތޭ އިސްލާމީން ވަނީ ހުކުމަށް މަރުޙަބާ ކިޔާފައެވެ. އަދި މި ހުކުމުން އެތައް ބަޔަކަށް ތަސައްލީ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.





