ޚާއްސަ މަގާމެއް ލިބުމާއެކު އަރަބި ދުނިޔޭގެ އެންމެ މުހިންމު ގައުމަކަށް ސައޫދީ އަރަބް ވެއްޖެ

ސައޫދީ އަރަބިއްޔާ އަކީ ނޭޓޯ ގައި ނުހިމެނޭ، އެމެރިކާގެ ރަސްމީ ދިފާއީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކަނޑައަޅުއްވައިފިއެވެ. މިއީ އެމެރިކާއާއި ޚަލީޖު ސަރަހައްދުގެ އަސްކަރީ ގުޅުންތަކަށް މުހިންމު ބަދަލެއް ގެނެސްދޭނެ ފިޔަވަޅެކެވެ. ޓްރަމްޕް މިކަން އިޢުލާނު ކުރެއްވީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު، އިއްޔެ، ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން އަށް ވައިޓް ހައުސްގައި ދެއްވި ޖާފަތުގައެވެ.

"މިއަދު އަޅުގަނޑު ވަރަށް އުފަލާއެކު އިޢުލާނު ކުރަން، އަޅުގަނޑުމެންގެ އަސްކަރީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ސައޫދީ އަރަބިއްޔާ އަކީ ނޭޓޯގައި ނުހިމެނޭ ރަސްމީ ބައިވެރިއެއއްގެ ގޮތުގއި ކަނޑައަޅާކަން." ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

މި ފިޔަވަޅުގެ ސަބަބުން ވޮޝިންގްޓަން އާއި ރިޔާޟް އާ ދެމެދު އޮތް އަސްކަރީ އެއްބާރުލުން ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެއެވެ. އެމްއެންއެންއޭގެ ދަރަޖަ ލިބުމާއެކު، ސައޫދީ އަރަބިއްޔާ ވެގެންދަނީ ޖަޕާނާއި، ދެކުނު ކޮރެއާ، އަދި އިޒްރޭލް ފަދަ އެމެރިކާގެ އިސް ދިފާއީ ބައިވެރިންގެ ލިސްޓަށް ވަންނަ ޤައުމަކަށެވެ. މި ދަރަޖައިގެ ސަބަބުން ނޭޓޯގެ މެންބަރުކަމެއް ނެތިވެސް، ދިފާޢީ ވިޔަފާރިއާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތަކާއި، އިންޓެލިޖެންސް ހިއްސާކުރުން ފަދަ ކަންކަން އިތުރަށް ފުޅާކުރުމުގެ ފުރުސަތު ސައޫދީއަށް ލިބިގެންދާނެއެވެ.

ޓްރަމްޕް ވަނީ އިޒްރޭލުން ދެކޮޅު ހެދުމާއެކުވެސް ސައޫދީއަށް އެފް 35 މަތިންދާ ބޯޓު ވިއްކުމަށް ނިންމަވާފައެވެ. އެމެރިކާއިން 48 ބޯޓު ވިއްކުމަށް ބޭނުން ވެއެވެ. މިއިން ކޮންމެ ބޯޓެއްގެ އަގު އޭގެ އެތެރޭގައި ހިމެނޭ ސާމާނުތަކުގެ ނިސްބަތުން 80 މިލިއަން ޑޮލަރަށް އަރާނެއެވެ. ޓްރަމްޕް ސޮއިކުރައްވާފައިވާ އެއްބަސްވުމަކީ، އެމެރިކާއަށް މި ބޯޓުތައް ވިއްކުން ލާޒިމު ކުރާ އެއް ބަސްވުމެއް ނޫނެވެ. މި ބޯޓުތައް ވިއްކުމުގެ ކުރިން ކޮންގްރެސްއިން ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި އެކްސްޕޯޓް ލައިސަންސް ހޯދަން ޖެހޭނެއެވެ. މިއީ ހައްސާސް ޓެކްނޮލޮޖީ ހިމނޭ އެއްޗެއް ކަމުން އިތުރަށް ސުއާލުކޮށް ބަހުސް ކޮށް ބަލަންވާ ކަންކަން އެމެރިކާއިން ބަލާނެއެވެ.

މިއީ އެންމެ ފަހުގެ ބޯޓުތައް ކަމުގައިވިނަމަވެސް މި ބޯޓުތައް ސައޫދީ އަރަބިއްޔާއަށް ލިބޭއިރު އައު ޖީލެއް އެމެރިކާއިން ވާނީ އުފައްދާފައެވެ. މި ވައްތަރުގެ ބޯޓު އުފައްދައި ހަވާލު ކުރުމަށް 5 އަހަރު ނަގާނެއެވެ. އަދި ޚިދުމަތަށް ބޯޓު ފައްކާ ކުރުމަށް ޕައިލެޓުން ތަމްރީނު ކުރުމަށް 3 އަހަރު ނަގާނެއެވެ.

ޕާކިސްތާނުން 1980ގައި އެމެރިކާގެ އެފް16ގެ މަތިންދާ ބޯޓުތަކަށް އޯޑަރު ދިނެވެ. ފުރަތަމަ ބޯޓުތައް 6 އަހަރު ފަހުން ސަޕްލައިކޮށް ދެން ހުރި ބޯޓުތައް އެކި ބަހަނާތަކުގައި ލަސްކުރަމުން ގޮސް ޖހަވާލު ކުރީ 10 އަހަރު ފަހުންނެވެ. މިފަދަ މުއާމަލާތްތަކަށް ފައިސާ ދައްކާނީ ކުރިއަށެވެ.

ސައޫދީއަށް މުހިންމ،ު ބައިވެރިއެއްގެ ދަރަޖަ ދިނުމުން އެމެރިކާއަށް ލިބޭ ފައިދާއަކީ، ތެލުން މުއްސަނދި މި މުހިންމު ބައިވެރިޔާއާއެކު އަސްކަރީ އަދި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް، މެދުއިރުމަތީގައި ސްޓްރެޓެޖިކް ބާރެއް ލިބުމެވެ. ސައޫދީ އަރަބިއްޔާއަށް މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މަސްރަހުގައި މަތީ މަޤާމެއް ލިބި، ސަރަހައްދުގެ އެންމެ މުހިންމު ގައުމަށް ވެ، އެމެރިކާގެ އެންމެ ފަހުގެ ދިފާޢީ ޓެކްނޮލޮޖީތަކަށް ފުރުސަތު ލިބިގެން ދާނެއެވެ. އަދި ހުޅަނގުގެ ސަލާމަތީ ނިޒާމުތަކާ އިތުރަށް ގުޅެން ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން އިރާނާއެކު ވާދަވެރިކަން އިތުރުވެގެންދިއުމާއި ޗައިނާއައި ރަޝިޔާއާ ދުރަށް ސައޫދީން ގެންދުއމަކީ އެމެރިކާގެ އަމާޒެއް ކަމުގައި ވާނެއެވެ.

ހިއްސާ ކުރައްވާ!