ބަނގްލަދޭޝްގެ ވަގުތީ ބޮޑުވަޒީރު މުޙައްމަދު ޔޫނުސްގެ ޚާއްސަ އެހީތެރިޔާ، ޚުދާ ބަޚްޝް ޗައުދުރީ، އޭނާއަށް ދީފައިވާ ޗުއްޓީ ނިމުނުތާ ހަފްތާއެއް ވެފައިވާއިރުވެސް މަސައްކަތަށް ރިޕޯޓް ކޮށްފައި ނެތުމުން އޭނާ ފިލާފައިވާ ކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައުދުރީ ފިލާފައި ވަނީ އެމެރިކާގައެވެ. އޭނާ ވަނީ އޮކްޓޯބަރު 24 އިން ނޮވެމްބަރު 9 އަށް ޗުއްޓީއެއް ނަގާފައެވެ. އަދި ޗުއްޓީގައި އޭނާ ގޮސްފައި ވަނީ އޭނާގެ އަންހެނުންނާއެކު އެމެރިކާގެ އޮސްޓިން، ޓެކްސަސްއަށެވެ.
ޗައުދްރީ އަދާކޮށްފައި ވަނީ މިނިސްޓަރެއްގެ މަޤާމާއި އެއް ފެންވަރުގެ މަގާމެކެވެ. އޭނާގެ ޗުއްޓީ އިތުރުކުރުމުގެ އެއްވެސް އަމުރެއް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޖަހަންގީރު އާލަމް ޗައުދުރީ ހިންގަވާ ހޯމް މިނިސްޓްރީން އަދި ނެރެފައި ނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޗައުދްރީ އަކީ ކުރިން ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލްގެ މަގާމު ފުރާފައިވާ ފަރާތެކެވެ. އޭނާ ފިލިކަމަށް މީޑިއާގައި ރިޕޯޓް ކުރުމުން ޔޫނުސްގެ ސަރުކާރުގެ އިސް ފަރާތްތައް ވަގުތީ ސަރުކާރުގެ އިތުބާރާ މެދު ޝައްކު ކުރާކަން ސާބިތު ވެއެވެ.
ޗައުދުރީ ފިލި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައިސްފައި ވުމުން، ސިޔާސީ އަދި ސަލާމަތީ ދާއިރާގެ ފަރާތްތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވެއެވެ.
ޚުދާ ބަޚްޝް ޗައުދުރީ އަކީ ފުލުހުންގެ މަޤާމުތަކަށް މީހުން ހޮވުމުގައި ނާޖާއިޒު ނުފޫޒު ފޯރުވާކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވާ ފަރާތެކެވެ. އަދި، ސިފައިންގެ ހަރަކާތްތަކާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެއްދިފައިވާ ދަޢުވާތަކެއް އޭނައާ މެދު ކުރިންވެސް ކުރެވިފައިވާ ފަރާތެކެވެ. އޭނާ ވަނީ ކުރިން އދ.ގެ މިޝަންތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ރެޕިޑް އެކްޝަން ބެޓޭލިއަންގެ ޗީފްގެ މަޤާމުވެސް ފުރާފައި ވެއެވެ. ޗައުދުރީއަށް ވަގުތީ ބޮޑުވަޒީރު ޔޫނުސްގެ ޚާއްސަ އެހީތެރިޔާގެ މަގާމު ދީފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.





