އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މަރާލަން ޓްރަމްޕް ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ، އެމެރިކާ ކޮންގްރެސްގެ 6 މެމްބަރަކަށް މަރުގެ އަދަބު ދޭން ގޮވާލައްވާފައެވެ. މި މެންބަރުންނަކީ ޓްރަމްޕް ސިފައިންނާއި އިންޓެލިޖެންސް އޮފިސަރުންނަށް ކުރައްވާ ގާނޫނާ ޚިލާފު އަމުރުތަކަށް ނުކިޔަމަންތެރިވުމަށް ގޮވައިލާފައިވާ މެމްބަރުންނެވެ. ޓްރަމްޕް ވަނީ ގައުމަށް ޚިޔާނާތްތެރި ބައެއް ކަމަށް މި 6 މެމްބަރުން ސިފަ ކުރައްވާފައެވެ.

ޓްރަމްޕް މި ތުހުމަތު ކުރައްވާފައިވާ ފަރާތްތަކަކީ ސެނެޓަރުން ކަމަށްވާ އެލިސާ ސްލޮޓްކިން އަދި މާކް ކެލީ، އަދި ރެޕްރެޒެންޓޭޓިވްސް ކަމަށްވާ ޖޭސީ ކްރޯ، މެގީ ގުޑްލޭންޑަރ، ކްރިސް ޑެލޫޒިއޯ، އަދި ކްރިސީ ހޫލަހަން އެވެ.

ޓްރަމްޕްގެ ސަރުކާރުގައި އައިސްގެ ސިއްރު ފުލުހުން ބޭނުން ކޮށްގެން އެމެރިކާ ރައްޔިތުންނަށް ފާރަވެރިވެ އަނިޔާވަމުންދާ މަންޒަރު ސިފަ ކުރެވެނީ ކުރިން ރޫސީވިލާތުގައި ކޭޖީބީން ކަންކުރި ގޮތާ އެއްގޮތަށެވެ. މި މެމްބަރުން ދައްކަވާފައިވާ ވާހަކަތައް ޓްރަމްޕް ވަނީ މީސްމީޑިއާގައި ހިއްސާކޮށް މިއީ ނުރައްކާތެރި ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.

މިކަމާ ގުޅިގެން އެމެރިކާ ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވަނީ ޓްރަމްޕްގެ މިވަހަކަތަކަކީ "ބިރުވެރި އަދި ނުރައްކާތެރި" ބަސްމަގެއް ކަމަށް ސިފަ ކުރައްވާފައެވެ. ކޮންގްރެސްގެ މެމްބަރުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކޮންގްރެސްއިން ވަނީ ވޮޝިންޓަނުގެ ކެޕިޓަލް ފުލުހުންނަށް އަންގާފައެވެ.

 

 

 

ހިއްސާ ކުރައްވާ!