ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޤައުމުތަކުން ދަނީ އިސްތިޢުމާރުގެ މާޒީއާ ކުރިމަތިލަމުންނެވެ. ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ކެބެކް އިން ވަނީ ތާރީޚީ ނިންމުމެއް ނިންމާފައެވެ. 2026 ވަނަ އަހަރުން ފެށިގެން، އެ ޕްރޮވިންސްގެ ސްކޫލްތަކުން ދަރިވަރުންނަށް އެމެރިކާ ސަރަހައްދުގެ އަސްލު ދަރިކޮޅުތަކަށް ނިސްބަތްވާ ލިޔުންތެރިންގެ ވާހަކަ ފޮތްތަކާއި ޅެންތައް ކިޔަވައިދިނުން މަޖުބޫރުވާނެއެވެ. މިއީ ކެނެޑާގެ ޕްރޮވިންސަކުން އެ ސަރަހައްދުގެ އަސްލު ދަރިކޮޅުގެ އަދަބިއްޔާތު ކިޔަވައި ދިނުމަށް މަޖުބޫރުކުރާ ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން، ދިގު މުއްދަތަކަށް އަޑު ކަނޑުވައިލެވިފައިވާ ރެޑް އިންޑިއަން ކަމަށް ބުނާ މުޖުތަމަޢުތަކަށް އެމީހުންގެ އަޑު އިއްވައި ދިނުމަށް ފުރުސަތު ލިބިގެންދާނެއެވެ.
އުތުރު އެމެރިކާގެ އަސްލު ދަރިކޮޅުތަކުގެ މީހުންގެ ޢަދަދު 10 މިލިއަންއާ ގާތް ކުރެއެވެ. ގާތްގަނޑަކަށް 7 ނޫނީ 8 މިލިއަން މީހުން އެމެރިކާގައި ދިރިއުޅެއެވެ. އަދި، ކެނެޑާގައި 2 މިލިއަނާ ގާތްކުރާ ޢަދަދެއްގެ މީހުން ދިރިއުޅެއެވެ.
މި ދެގައުމުގައިވެސް އަސްލު ދަރިކޮޅުގެ އާބާދީ ދަނީ ޤައުމީ އެވްރެޖަށްވުރެ ބާރަށް އިތުރުވަމުންނެވެ. އަދި ޒުވާނުންގެ ނިސްބަތްވެސް ބޮޑެވެ. މިމީހުންގެ ތެރޭގައި 14 އަހަރުން ދަށުގެ ކުދިން ގިނައެވެ. ނަމަވެސް، އެމީހުން އަދިވެސް ދިރިއުޅެމުން ދަނީ ފަޤީރުކަމާއި ނުތަނަވަސްކަމުގައެވެ. އެމީހުންގެ ބިންތައް ހުދުމީހުން ފޭރިގަތުމުގެ ސަބަބުން ބިމާބެހޭ މައްސަލަތަކާއި، އުގަންނައި ދިނުމުންމަހުރޫމް ކޮށްފައިވާތީ އެކަމުގެ ދާއިމީ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. މިމީހުންނަކީ ޖެނޮސައިޑާއި ނަސްލު ނައްތައިލުމާއި، މަޖުބޫރުން ހިޖުރަކުރުވުމުގެ ހިތި ތަޖުރިބާތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.
ސޯޝަލް މީޑިއާއަކީ މި މީހުންނަށް އަޑު އިއްވާ ވަސީލަތެއްގެ ގޮތުގައި މިހާރު ލިބިފައިވާ ވަސީލަތެކެވެ. ނިޒާމީ ސިފައެއްގައި މިމީހުންނަށް ދިމާވެފައިޥާ ތަފާތު ކުރުމާ ދެކޮޅަށް ބޭނުން ކުރަމުންދާ ހޭޝްޓެގްތައް ވަނީ ވައިގައި ހިފާފައެވެ. ޒުވާން ޖީލުތަކުން ދަނީ ޢަދުލު އިންސާފާއި އަމިއްލަވަންތަކަމަށް ގޮވަމުންނެވެ. ގިނަ ބަޔަކަށް ޑިޖިޓަލް ޕްލެޓްފޯމްތަކަކީ މިހާރު ދެކޮޅުވެރިކަމާއި އެކުވެރިކަމުގެ ރޫހު ދައްކާލުމަށް ކްލާސްރޫމްތަކެކެވެ.
ޔޫރަޕުގެ ދޮން ސެޓްލަރުން ގެ މެދުގައި މި ސަރަހައްދުގެ އަސްލު ވަޒަންވެރިންނަށް އެމީހުންގެ ހައްގުތައް ދިނުމަށް ހޭލުންތެރިކަން އުފެދިފައި ވެއެވެ. މި ހޭލުންތެރިކަން ކެނެޑާގެ ހުދު މީހުންގެ މެދުގައި އުފެދުނީ ކެނެޑާގެ އިއްތިހާދު އުފެދުނުތާ 150 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އަދި އެމެރިކާގައި ނަސްލު ސާފުކުރުމާއި ބޮޑެތި އާބާދީތައް ނައްތާލުމަށް ޖެނޮސައިޑް ހިންގުމުގެ އިސްތިޢުމާރީ ސިޔާސަތުތައް ހިންގިތާ އެތައް ޤަރުނެއް ފަހުންނެވެ.
Indigenous Voices Enter the Classroom as Nations Confront Colonial Legacies





