ފަނިފަކުސަ މުރަނަކޮށްގެން އޭގެން ފުށް ހަދައިގެން ތައްޔާރުކޮށްފައިވާ ކޮފީއެއް، ބެއިޖިންގގައި މަގްބޫލު ބުއިމަކަށް ވެއްޖެއެވެ. "ކުރަފި ކޮފީ" ގެ ނަމުން މަޝްހޫރުވެފައިވާ މި ބުއިމަކީ، މުޅި ޗައިނާގައި މިހާރު ފެތުރެމުން އަންނަ އާދަޔާ ޚިލާފު ބުއިމެކެވެ.
މި ޚާއްޞަ ކޮފީ މިހާރު ވިއްކަމުން ދަނީ ބެއިޖިންގގެ ސޫފާސޫފީގެ މިއުޒިއަމަކުންނެވެ. ކުރަފި ކޮފީ ތަށްޓެއްގެ އަގު އުޅެނީ 45 ޔުއާން (ގާތްގަނޑަކަށް 140 ދިވެހި ރުފިޔާ) އަށެވެ.
މިވައްތަރު ކޮފީ ތައްޔާރު ކޮށްފައި ހުންނަނީ މުރަނަ ކޮށްފައި ހުންނަ ކުރައްޕާއި ކަނޑާ މުގުރައި މިކްސް ކޮށްގެންނެވެ. މި ކޮފީގެ ރަހަ ޓެސްޓުކުރި މީހުން "ދަ ކަވަރ" އަށް ބުނެފައި ވަނީ އޭގައި އެނދި ރަހައަކާއި މަޑު ހުތް ރަހައެއް ހުންނަ ކަމަށެވެ.
މިއުޒިއަމްގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި މި ބުއިން ތަޖުރިބާ ކުރަން ފަށާފައި ވަނީ ޖޫން މަހުގެ ފަހުކޮޅުގައެވެ. އަދި ފަހުން މީސްމީޑިއާގައި މިކަމަށް ބޮޑު ސަމާލުކަމެއް ލިބުމުން މި ބުއިން ވައިގައި ހިފީކަމަށް އޭނާ ބުނެއެވެ.
ކުރަފި ކޮފީގެ އިތުރުން، މި މިއުޒިއަމުން ވަނީ މާބުރު ކައި އުޅޭ ޕިޗަރ ޕްލާންޓްގެ މަލުންވެސް ބުއިމެއް ތައްޔާރުކޮށްފައެވެ. ޕިޗަރ ޕްލާންޓަކީ އޭގައި މާބުރު ޖެއްސުމުން އެ މާބުރު ކައިއުޅޭ ވައްތަރުގެ މަލެއް އަޅާ ގަހެކެވެ. މި ބުއިން ލިބެން ހުރީ ހެލޮއވީންގެ ދުވަސްވަރު އެކަންޏެވެ.

މި ބުއިންތަކުގައި ހިމެނޭ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ސުއާލު ކުރުމުން މުވައްޒަފު ބުނެފައި ވަނީ އެތަކެތި ރައްކާތެރިވާނެ ކަމަށާއި އެތަކެއްޗަކީ ޗައިނާގެ ގަދީމީ ޒަމާނުގެ ބޭސްވެރިކަމުގެ ސާމާނު ވިއްކާ ފިހާރަތަކުން ހޯދާފައި ހުންނަ ތަކެތި ކަމަށެވެ. ޗައިނާގެ ގަދީމީ ބޭސްވެރިކަމުގައި ކުރަފި ފުށަކީ، ލޭ ދައުރުވުމަށް އެހީވެދޭ އެއްޗެކެވެ.
މި ބާވަތުގެ ބުއިންތަކަށް ޝައުގުވެރިވާ ކަސްޓަމަރުންނަކީ ކަންކަން އަޖުމަ ބަލަން ބޭނުންވާ ޒުވާނުން ކަމަށް ބުނެއެވެ.
މިއީ، ޗައިނާގައި މިފަދަ އާދަޔާޚިލާފު ބުއިން ތައާރަފް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ކުރީކޮޅު ޔުނާންގައި ހުންނަ ކެފޭއަކުން ވަނީ، ފެނު ކެއްކި މާރުއް ފަނިން ތައްޔާރުކޮށްފައިވާ ކޮފީއެއްވެސް ހުށަހަޅާފައެވެ. އަދި ޖިއަންގްޝީގައި ހުންނަ ކެފޭއަކުން ވަނީ މިރުސް އަޅާފައިވާ ލާޓޭ އެއްވެސް ތައާރަފް ކޮށްފައެވެ.






