ގާތްގަނޑަކަށް 10،000 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިތިއޮޕިއާގެ ހައިލީ ގޫބީ އަލިފާން ފަރުބަދަ ވަނީ އާދީއްތަ ދުވަހު ގޮވާފައެވެ. އިތިއޯޕިއާގެ އަފަރު ސަރަހައްދުގެ މިއަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އޭގެ އަޅިއާއި ދުން ވަނީ ރަތްކަނޑު ހުރަސްކޮށް ޔަމަނާއި ސައުދީގެ ބައެއް ސަރަހައްދަށާއި ދުބާއީއަށާއި އޮމާނަށް ފޯރާފައެވެ. އަދި އެއަށްފަހު ގުޖުރާތާއި ރާޖަސްތާން ހުރަސްކޮށް މިހާރު ނިއުދިއްލީއަށް ފޯރާފައިވާ ކަމަށް އިންޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ.
ބައިނަލްއަގްވާމީ މޫސުމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، އަލިފާން ފަރުބަދައިގެ އަޅި ވިލާތައް މިސްރާބު ޖަހާފައި ވަނީ އިންޑިއާގެ އުތުރު ސަރަހައްދާ ދިމާއަށެވެ. އަދި ދެކުނަށް، ރާއްޖެއާވީ ސަރަހައްދަށް މިއަޅި ވިލާތަށް ދަތުރުކުރާނެ ކަމަކަށް ނުބެލެވެއެވެ.
މިއަލިފާން ފަރުބަދަ ގޮވާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.
ޓޫލޫސް ވޯލްކެނިކް އެޝް އެޑްވައިޒަރީ ސެންޓަރު (ވީއޭސީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަޅި ވިލާތައް ޖައްވުގެ ތެރެއަށް ގޮސް 15 ކިލޯމީޓަރަށް އަރާފައި ވެއެވެ.
މެދުއިރުމަތީގައި ދަތުރުކުރާ އެއާލައިންތަކުން ވަނީ ވައިގެ ދަތުރުފަތުރަށް ސަމާލުވުމަށް އިންޒާރުތައް ނެރެފައެވެ. އަދި މިއަޅި ވިލާ އުޅޭ މަގުތަކުން ދަތުރު ކުރާ އުދުހޭ ބޯޓުގެ ދަތުރުތަކަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އޭވިއޭޝަން އޮތޯރިޓީތަކުން ފާހަގަކުރާ ގޮތުގައި އަލިފާންފަރުބަދައިގެ އަޅިއަކީ މަތިންދާބޯޓުތަކުގެ އިންޖީނާއި ދުރުފެނުމަށް ހުރަސްތަކެއް އަދި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އޭގެ ސަބަބުން ވައިގެ ދަތުރުތަކަށް މަގުތައް ބަދަލު ކުރަން ޖެހުމުން ދަތުރު ދިގުވެ، ލަސްވުން އެކަށީގެންވެއެވެ.
ރާއްޖެއަށް މިވަގުތަށް މިކަމުގެ ނުރައްކަލެއް އޮތްކަމަށް ދައްކައެވެ. ރާއްޖެ އޮތީ މިހާރު އަޅިތައް ފެތުރިފައިވާ ކޮރިޑޯގެ ވަރަށް ދެކުނުގައި ކަމަށްވެފައި، ނޮވެމްބަރު މަހުގެ ފަހުކޮޅު މޫސުމީ ވައި ހުރީވެސް އިރުމައްޗާ ދިމާއަށް ކަމަށް ދައްކައެވެ.
ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ ތެރއިން ފްރެންކްފަރޓުން އަންނަ ކޮންޑޯ ފިޔަވައި އަދި އެއްވެސް ބޯޓެއް ޑިލޭވެފައިވާ ކަމަކަށް ނުދައްކައެވެ.






