ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހު ފާސްކޮށްފައި ވަނީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގަ އެވެ.
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކޮށްފިނަމަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓުންނެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފައިވެ އެވެ.
މި އަދަބު ދެވޭނީ މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން މައްސަލަ ބައްލަވާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގަ އެވެ.
ފަނޑިޔާރުން އިއްތިފާގު ނުވާ ހާލަތުގައި މިހާރު ވެސް އޮންނަ ގޮތަށް އުމުރަށް ޖަލަށް ލުމުގެ އަދަބު އިއްވަން ޖެހެ އެވެ. - މަރުގެ އަދަބު ކަނޑައެޅުމަށް ބިލުގައި ވަނީ ވަކި ބަރުދަންތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން،
އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވުން،
ނުވަތަ 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން ހިމެނެ އެވެ.
އަދި ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައި ވާންޖެހެ އެވެ. - މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށް ވާނަމަ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި އިސްލާހުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭ މައްސަލައެއްގައި ހުކުމް ކަނޑައެޅިއްޖެ ނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ސަރުކާރުގެ ފަރާތުން މި ބިލްއ ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ައެވެ. އެކްސްގައި 30 ޖުލައިގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.






