ޗައިނާއިން ވަނީ އެފިޝަންސީ ނުވަތަ ކަންކަން ހަރުދަނާކޮށް ހަލުވިކަމާއެކު ނިންމުމަކީ ސިޔާސީ ފިކުރެއްގެ ގޮތުގައި ބަދަލުކޮށްފައެވެ. މި ފިކުރުގައި އިންސާނާއަށް ވުރެ ބޮޑަށް އިސްކަންދެނީ ނިޒާމާއި އޮނިގަނޑު ބަދަހި ކުރުމާއި މީހާ ގަވާއިދަށް ތަބާވުމަށާއި، އަދި ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ތުނޑުން ތުނޑަށް ކަންކަން ހަމަޖެއްސުމަށެވެ. ކުރިން އިގްތިސާދީ ކުރިއެރުވުމަށް ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވުނު ވިސްނުން މިހާރު ވަނީ ނަޒަރިއްޔާތަކަށް ބަދަލުވެފައެވެ؛ އެއީ ކަންކަން ހަރުދަނާ ކޮށްރަނގަޅު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ބުނާ ނަޒަރިއްޔާތެކެވެ.
މި ނިޒާމުގެ ދަށުން، ރައްޔިތުންނާއި ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް ވަޒަންކުރާނީ އަލްގޮރިދަމްތަކާއި ކީ ޕާފޯމަންސް އިންޑިކޭޓަރުތައް ބޭނުންކޮށްގެންނެވެ. މީގެ ނަތީޖާއަކަށް ވެފައި ވަނީ ކަޓު ޖެއްސުން އިތުރުވުމެވެ. މިސާލަކަށް، މީހުން ނޫޅޭ ބޮޑެތި ސިޓީތައް އުފެއްދުމާއި، އާދަޔާ ޚިލާފް އާންމު ބުއްދި ގަބޫލު ނުކުރާފަދަ ކަންކަމުން ނަންބަރު މަތިކުރުން ހިމެނެއެވެ. ޗައނާ ސަރުކާރުގެ 'ދައުލަތް ހިންގުން ޒަމާނީ ކުރުން' ގެ ދަށުން މުޖުތަމަޢުގެ ކަންކަން ހިންގަނީ ލޮޖިސްޓިކްސް ޗެއިނެއްގެ ގޮތުގައި ކަމަށް ސިފަކުރެވެއެވެ. މީގެ ސަބަބުން އިންސާނުން ބަދަލުވެފައި ވަނީ ހަމައެކަނި ޑޭޓާ ޕޮއިންޓްތަކަކަށެވެ.
އެފިޝަންސީގެ ނަމުގައި ޗައިނާއިން ނުތަނަވަސްކަން އުފެދިދާނެ ކަމަށް ބެލެވޭ ކޮންމެ ކަމެއް މަނާކުރާނެއެވެ. ދީނީ ފިކުރާއި، މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ހައްގާއި،މަދަނީ މުޖުތަމައު އަދި މިނިވަން މީޑިއާ އަށް މި ވަނީ ހިޔަނި އެޅިފައެވެ.
ޚާއްސަކޮށް ޒިންޖިއާންގް ސަރަހައްދަކީ މިކަމުގައި އެންމެ ބޮޑަށް ހައްދުފަހަނަޅާފައިވާ މިސާލެވެ. އެ ސަރަހައްދުގައި ޑިޖިޓަލައިޒްކޮށްފައިވާ ފާރަވެރިވުމާއި 'ރީ-އެޑިޔުކޭޝަން ކޭމްޕް' ތަކުގެ އިސްލާހިއްޔާތައް ވަނީ ގާއިމުކޮށްފައެވެ. އިގްތިސާދީ ގޮތުން ބަލާއިރު، ތަރައްގީއަށް ކަނޑައަޅާ އަމާޒުތަކުގެ ސަބަބުން ބޮޑެތި ދަރަނިތައް ބޮޅު އަޅަން ޖެހޭ އިންފްރާސްޓްރަކްޗާ މަޝްރޫޢުތައް ހިންގަން ޖެހެއެވެ. އަދި އަލިބާބާ އަދި ޑީޑީ ފަދަ ބޮޑެތި ޕްރައިވެޓް ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަނީ މިނިވަންކަމާއެކު މަސައްކަތްކުރާތީއެވެ.
ކޮވިޑް-19 އަށް ޗައިނާއިން ދިން އިޖާބަ ފުރަތަމަ އެފިޝަންޓް ކަމަށް ބެލެވުނެވެ. ނަމަވެސް، ލޮކްޑައުންތައް ފަހުން ބަދަލުވީ ހައްދުފަހަނަޅާފައިވާ އަނިޔާވެރިކަމަކަށެވެ. ސަގާފީ ގޮތުން ބަލާއިރު، އީޖާދީ ވިސްނުމާއި އަމިއްލަ އިޚްތިޔާރުން ކުރާ ކަންކަމާއި، ފަލްސަފާ މިވަނީ އުފެއްދުންތެރިކަމާ ހެދި މަރުވެފައެވެ. 'ޕޮޒިޓިވް އެނަރޖީ' ފަދަ ދައުލަތުން ކަނޑައިދީފައިވާ ބަސްތައް ބޭނުންކޮށްގެން އެއް ބައްޓަމަކަށް ކަންކަން ކޮށް އުޅުމަށް މި ދަނީ މަޖުބޫރުކުރަމުންނެވެ.
ދުނިޔޭގެ ފެންވަރުގައި ނަޒަރު ހިންގާލާއިރު 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' ގެ ތެރެއިން ޗައިނާއިން މި މޮޑެލް އެހެން ގައުމުތަކަށް އެކްސްޕޯޓްކުރެއެވެ. އަދި ފާރަވެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ ބޯކޮޅު ބެލުމުގެ ފިކުރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރައެވެ.






