ރޮބްލޮކްސް ގޭމުކުޅޭ މަންސަ ރާއްޖޭގައި ވެސް މަނާ ކުރަން ޖެހޭނެ!

އެމެރިކާގެ މަޝްހޫރު އޮންލައިން ގޭމިން ޕްލެޓްފޯމް ކަމަށްވާ ރޮބްލޮކްސް ވަނީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބްލޮކްކޮށްފައެވެ. މިގޮތުން، ރަޝިޔާ، އިރާޤު، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސައޫދީ އަރަބިއްޔާ، އޮމާން، ޤަތަރު އަދި ޗައިނާ ފަދަ ޤައުމުތަކުގައި މި ޕްލެޓްފޯމް ބްލޮކްކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކާއި، އަދި އެ ޕްލެތްފޯމްގައި އުމުރުފުރައަށް ބެލުމެއް ނެތި ނޭދެވޭ ކޮންޓެންޓް ހިމެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިންޑެންބާގް ރިސާޗުން ދާދި ފަހުން ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ދުވާލަކު 79 މިލިއަން އެކްޓިވް ޔޫޒަރުން ރޮބޮލޮކްސް ގޭމިން ޕްލެޓްފޯމްގައި އުޅެއެވެ. ހިންޑެންބާގް ރިސާޗުން ދައްކަނީ ރޮބްލޮކްސް މަންސަ ފަރުމާކޮށްފައިވަނީ ކުޑަކުދިންގެ ސަލާމަތަށް ވުރެ ބޮޑަށް ފައިދާ ބޮޑުކުރުމަށެވެ. ކުޑަކުދިންނަށް އޮންލައިންކޮށް ގޭމް އުފައްދައި ކުޅެވޭ ރޮބްލޮކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ރިކްރިއޭޝަން ޒޯން އެވެ. ރޮބްލޮކްސް ބޭނުންކުރާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 12 އަހަރުން ދަށުގެ މީހުންނެވެ.

މި ޕްލެޓްފޯމްގައި އެތައް މިލިއަން ގޭމްތަކެއް ހިމެނޭއިރު، ޗެޓްރޫމްތަކުގައި ވެސް ކުޅުންތެރިންނަށް އެކަކު އަނެކަކާ ވާހަކަ ދައްކައި ހެދެއެވެ.

ރޮބްލޮކްސް އިން ބުނާ ގޮތުގައި އެމީހުން ކޮންމެ ސިކުންތަކު 50،000 އަށް ވުރެ ގިނަ ޗެޓް މެސެޖު ޕްރޮސެސް ކުރެ އެވެ.

ހިންޑެންބާގް ރިސާޗުން ޝާއިއުކުރި ރިޕޯޓާ ގުޅިގެން 5ރައިޓްސްގެ ޗެއާ ބެރޮނެސް ބީބަން ކިޑްރޮން ވަނީ ކުޑަކުދިން މިފަދަ މަންސަތަކުން ތައްކާތެރިކަން ޔަގީންކުރުމަށް ޔޫކޭގެ އުމުރަށް މުނާސިބު ގޮތަކަށް އެޕްތައް ފަރުމާކުރުން ލާޒިމު ކުރާ ގައިޑްލައިން ތަންފީޒު ކުރުމަސް ބާރުއަޅުއްވާފައެވެ.

ރޮބްލޮކްސް ބްލޮކްކުރުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ކުޑަކުދިންގެ ސަލާމަތަށް ހުރި ނުރައްކާތައް: ކުޑަކުދިންނަށް ނޭދެވޭ ގޮތްގޮތަށް ގޯނާކުރުން، ހެރެސްމެންޓް، އަދި ގެއްލުންދެނިވި ކޮންޓެންޓްތަކަށް ހުށަހެޅުން.
  • ޘަޤާފީ އަދި ޤާނޫނީ ހުރަސްތައް: އިޖުތިމާޢީ އަޚްލާޤާއި އެލްޖީބީޓީ ކޮންޓެންޓާ މެދު ހަރުކަށި ޤާނޫނުތައް ހިނގާ ޤައުމުތަކުން ބްލޮކް ކޮށްފައެވެ.
  • ރެގިއުލޭޓަރީ ކޮންޓްރޯލް: ޗައިނާ އިން ބްލޮކްކުރީ ބޭރުގެ ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް ދައުލަތުގެ ފަރާތުން ބާރު ހިންގުމުގެ ސިޔާސަތެއްގެ ދަށުންނެވެ.

ބްލޮކްކޮށްފައިވާ ޤައުމުތަކުގެ ތަފްސީލު

  • ރަޝިޔާ: 2025 ވަނަ އަހަރު ބްލޮކްކުރީ ހައްދުފަހަނަޅާފައިވާ ކޮންޓެންޓް އަދި “އެލްޖީބީޓީ ޕްރޮޕަގެންޑާ” ފެތުރުމުގެ ތުހުމަތުގައެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މިއީ ކުޑަކުދިންގެ އަޚްލާޤީ ތަރުބިއްޔަތަށް ގެއްލުންވާ ކަމެއް ކަމަށެވެ.
  • އިރާޤާއި ތުރުކީ: މި ދެ ޤައުމުން ބްލޮކްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން އުޅޭ ފަރާތްތަކުން މި ޕްލެޓްފޯމް ބޭނުންކުރުމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
  • ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ): 2018 ވަނަ އަހަރު ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ އޮތޯރިޓީން ރަސްމީކޮށް މި މަންސަ ބްލޮކްކުރީ ހެރެސްމެންޓް އަދި ބޮޑެތި މީހުންނަށް ޚާއްސަ ކޮންޓެންޓްތައް ކުދިން ހުށަހެޅުމާ ގުޅިގެންނެވެ.
  • ސައޫދީ އަރަބިއްޔާ: 2018-2019 ވަނަ އަހަރު ވަގުތީ ގޮތުން ބްލޮކްކުރިއެވެ. ނަމަވެސް، ރޮބްލޮކްސް އިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު ހުރަސްތައް ލުއިކުރިއެވެ، ނަމަވެސް ބައެއް އިންޓަނެޓް ޚިދުމަތްދޭ ފަރާތްތަކުން އަދިވެސް ބައެއް ފަހަރު ބްލޮކްކުރެއެވެ.
  • އޮމާން އަދި ޤަތަރު: މި ދެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބްލޮކްކުރުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ނޭދެވޭ ޖިންސީ ކޮންޓެންޓާއި ކުޑަކުދިންގެ ސަލާމަތަށް ހުރި ނުރައްކާތަކެވެ.
  • ޗައިނާ: “ރޮބްލޮކްސް ޗައިނާ” (Luobulesi) ގެ ނަމުގައި ކުރު މުއްދަތަކަށް ފެށުމަށް ފަހު، ޗައިނާއިން އެ ޕްލެޓްފޯމް ވަނީ އެއްކޮށް ބަންދުކޮށްފައެވެ.
ހިއްސާ ކުރައްވާ!