މާލޭ ޓެކްސީގެ ޚިދުމަތް ތައާރަފް ކޮށްފި. ހަފްތާއެއް ވަންދެން ދަތުރުތައް ހިލޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އައު އިލެކްޓްރިކް ޓެކްސީ ލައިންގެ ޚިދުމަތް ރޭ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއީ ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި، ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހިންގާ މި ޚިދުމަތް ފަށާފައިވަނީ މާލޭގެ ހަނި މަގުތަކަށް އެކަށީގެންވާ ގޮތަށް ބަލައިގެން ހޯދާފައިވާ 150 އިލެކްޓްރިކް އުޅަނދާއެކުގައެވެ. "ލޫމިން"، "ޑީޕް އެސް ފައިވް" އަދި "ޑީޕް ސެވަން" މޮޑެލްގެ މި ކާރުތަކުގައި ހަތަރު ފަސިންޖަރުންނާއި ކުދި ދަބަސް އުފުލޭނެއެވެ. އަދި މި ޚިދުމަތް ދުވާލަކު 24 ގަޑިއިރު ލިބޭނެއެވެ.

އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ވިދާޅުވީ، މި އިސްނެގުމަކީ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ "އިންގިލާބީ" ބަދަލެއް ކަމަށާއި، މީގެ ސަބަބުން ޓެކްސީ ލިބުމަށް އޮތް ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. "މިއީ ރައީސް މުޢިއްޒު ގެނެސްދެއްވި ހައްލެއް،" އޭނާ ވިދާޅުވިއެވެ. އަދި މި ޚިދުމަތް މިހާރުވެސް ދުވާލަކު 27,000 އަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދާ އެމް.ޓީ.ސީ.ސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކާ ގުޅާލެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޓެކްސީ ދަތުރުތަކުގެ އަގުތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުންނެވެ. އަދި ޚާއްޞަ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ދަތުރުތަކަށް ބުކިންގ ހެދޭނެއެވެ. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު އައްޑޫ ސިޓީއަށް މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކަށް އެހީތެރިވުމަށާއި ޓެކްސީ ސެންޓަރުތައް ރަޖިސްޓްރީ ކުރުމުގެ އުސޫލުތައް ލުއިކޮށްދިނުމަށް އިސްލާހީ ބަދަލުތަކެއް ގެންނަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިފަދަ ޚިދުމަތްތަކުގެ ބޭނުމަކީ އަމިއްލަ ދާއިރާތައް ކުރިއެރުވުން،" އަމީން ވިދާޅުވިއެވެ. "ސަރުކާރުން މި ދާއިރާއަށް ވަން ނަމަވެސް، އަމިއްލަ ޓެކްސީ ސެންޓަރުތަކުގެ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނެތި ކުރިއަށްދާނެ." އަމީން ވިދާޅުވިއެވެ.

މާލޭ ޓެކްސީގެ ޚިދުމަތް ތައާރަފްކޮށްފައިވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި އިލެކްޓްރިކް އުޅަނދުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފްކުރި އުޅަނދުތަކެކެވެ.

ސައުދީ ކަށަވަރުކޮށްދެއްވި ގޮތުގައި، މާލޭ ޓެކްސީގެ ޚިދުމަތަށް ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ޓެކްސީ ހޯދުމާއި އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ނަމަވެސް، މިއަދު ހެނދުނު މޯބައިލް ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްގައި ރަޖިސްޓްރީވާން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އެމް.ޓީ.ސީ.ސީން އިޢުލާނުކޮށްފައިވާ ގޮތުގައި، އޭޕްރިލް 3 އިން އޭޕްރިލް 9 ގެ ނިޔަލަށް ޓެކްސީގެ ޚިދުމަތް ދޭނީ ހިލޭސާބަހަށެވެ. މި މުއްދަތުގައި ބުކިންގ ހެދޭނީ ޓޯލްފްރީ ނަންބަރު 1655 މެދުވެރިކޮށެވެ. ކުންފުނިން އެކްސްގައި ބުނީ އެއް ހަފުތާގެ މި އަޖުމަ ބެލުމުގެ މަސައްކަތުގެ ބޭނުމަކީ، ފުރިހަމައަށް ޚިދުމަތް ފެށުމުގެ ކުރިން އޮޕަރޭޝަންތައް ޓެސްޓުކޮށް، އާންމުންގެ ޚިޔާލު ހޯދުން ކަމަށެވެ.

މާލޭ ޓެކްސީއަށް ހޯދާފައިވާ އުޅަނދުތަކާ ބެހޭ މަޢުލޫމާތަށް ބަލާއިރު، މިއީ ޗައިނާގައި އުފައްދާފައިވާ އުޅަނދު ތަކެކެވެ. އަދި މި އުޅަނދު އުފެއްދި، "ޗަންގަން އޮޓޯމޯބައިލް" އަކީ ޗައިނާގައު އުޅަނދު އުފައްދާ އެންމެ ބޮޑު 4 އޮޓޯމޯޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ އިސް ކުންފުންޏެކެވެ. 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މި ކުންފުނީގެ 21 ޕްރޮޑަކްޝަން ސެންޓަރާއި 76 ފެކްޓްރީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. މި ކުންފުނީގެ އަމިއްލަ ބްރޭންޑްތަކުގެ ތެރޭގައި "ޗަންގަން ޔޫ.އެން.އައި"، "ޗަންގަން ނެވޯ"، "ޗަންގަން އެލް.ސީ.ވީ"، "ޑީޕަލް" އަދި "އަވަޓްރާ" ހިމެނެއެވެ. މީގެ އިތުރުން ފޯޑް، މާޒްޑާ އަދި ޖޭ.އެމް.ސީ އާއެކު ޖޮއިންޓް ވެންޗަރތައްވެސް އެކުންފުނިން ހިންގައެވެ. ޗަންގަންގެ އަމިއްލަ ބްރޭންޑްތަކުގެ 20 މިލިއަނަށްވުރެ ގިނަ އުޅަނދު ވިއްކާފައިވެއެވެ. އަދި، 2025 ވަނަ އަހަރު އެ ގްރޫޕުން ވަނީ 30 މިލިއަން ވަނަ ކާރު އުފެއްދިކަން ފާހަގަކުރުމަށް ޗޮންގްކިންގްގައި ރަސްމިއްޔާތެއް ބާއްވާފައެވެ.

ހިއްސާ ކުރައްވާ!