ބައިނަލްއަގުވާމީ ވިޔަފާރީގެ އާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނައިން ޕްލާސްޓިކް ކުނި ބޭރުކުރި ގައުމަކަށް ޖަރުމަނުވިލާތް ވެއްޖެއެވެ. މިއާއެކު، ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުން، ތަރައްގީވަމުން އަންނަ ގައުމުތަކަށް ތިމާވެށީގެ ބުރަ އުުފުލަން ޖައްސާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ތިމާވެށީގެ މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މި ހިސާބުތަކުން ހާމަވަނީ ޖަރުމަނުން ދައްކާ ފެހި ވާހަކަތަކާއި، އެ ގައުމުގެ ކުނި މެނޭޖްކުރުމުގެ ހަގީގަތާ ދެމެދު އޮތް ބޮޑު ފަރަގެވެ. ޚާއްސަކޮށް، ރިސައިކަލް ކުރުމުގެ މިންގަނޑުތައް ދަށް ގައުމުތަކަށް އެތައް ހާސް ޓަނެއްގެ ދަށް ފެންވަރުގެ ޕްލާސްޓިކް ޖަރުމަނުން ފޮނުވަމުންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ދަ ގާޑިއަން އިން ހަވާލާދޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރު އެމެރިކާ އާއި ޖަޕާނަށްވުރެ ގިނައިން ޖަރުމަނުން ވަނީ ޕްލާސްޓިކް ކުނި ބޭރުކޮށްފައެވެ. މީގެ ތެރެއިން ގިނަ ކުނި ފޮނުވާފައިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށެވެ. އެ ގައުމުތަކުގައި ކުނި ނައްތާލުމުގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ކުނިތައް ހާމައަށް އުކާލުމާއި، ގަވާއިދާ ހިލާފަށް އަންދާލުމާއި، ފެން ދައުރުވާ ނިޒާމުތައް ތަޣައްޔަރުވުން ފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
ޖަރުމަނަކީ ތިމާވެށި ހިމާޔަތްކުރުމުގައި ދުނިޔޭގެ ނަމޫނާ ގައުމެއްގެ ގޮތުގައި އިޝްތިހާރުތަކުން ދައްކުވައިދޭ ގައުމެކެވެ. ނަމަވެސް، ޕްލާސްޓިކް ކުނި ބޭރުކުރުމަކީ އެ ގައުމުގެ އިތުބާރު ގެއްލޭ ކަމެއް ކަމަށް ތިމާވެށީގެ ހަރަކާތްތެރިން ބުނެއެވެ. ޖަރުމަނަކީ ޔޫރަޕްގައި ބޮލަކަށް ޖެހޭ ޕްލާސްޓިކް ކުނީގެ ނިސްބަތް އެންމެ މަތީ އެއް ގައުމެވެ. އަދި އެ ގައުމުގެ އެތެރޭގެ ރިސައިކަލް ކުރާ ނިޒާމުތަކަށް ނުކަތާވަރަށް ކުނި އުފެދޭތީ، އީޔޫގެ ގަވާއިދުތަކުގެ ލޫޕްހޯލްތައް ބޭނުންކޮށްގެން ކުނި ބޭރުކުރަނީއެވެ.
ތިމާވެށީގެ ޖަމިއްޔާތަކުން ދަނީ ކުނި ބޭރުކުރުމުގެ ގަވާއިދުތައް ހަރުކަށިކުރުމަށް އީޔޫއަށް ބާރުއަޅަމުންނެވެ. އޭގެ ތެރޭގައި ދަށް ފެންވަރުގެ ޕްލާސްޓިކް ބޭރުކުރުން މަނާކުރުމާއި، ކުނި ބޭރުކުރާ ފަރާތްތައް ރަނގަޅަށް ޗެކްކުރުން ހިމެނެއެވެ. މިހާރުވެސް ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ތަޣައްޔަރުވެފައިވާ ކުނި ކޮންޓޭނަރުތައް އަނބުރާ ފޮނުވާލައި، ބޭރުގެ ކުނި އެތެރެކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޕްލާސްޓިކް އެކްސްޕޯޓަރަކަށް ޖަރުމަނުވުމުން، އެ ގައުމުގެ އާދަކާދަތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކަށް ޒިންމާވުމުގެ ބަދަލުގައި، އެހެން ގައުމުތަކަށް އެ ބުރަ ޖެއްސުން ހުއްޓާލުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.





