ރައީސްގެ ފުރަމާނަ ދަތުރުފުޅު: ދެޤައުމުގެ ދެމެދުގައި ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ 7 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކޮލަމްބޯގައި ބޭއްވި މި ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން އާކުރުމުގެ އިތުރުން، އަރުޝީފުކުރުމާއި، އެކަޑަމިކް ދާއިރާއިން އެއްބާރުލުން ދިނުމާއި، މުދައްރިސުންނާއި ސްކޫލް އިސްވެރިން ތަމްރީނުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އައު އެއްބަސްވުމެއްގައާއި، ދިފާޢީ ތަޢުލީމާއި ތަމްރީނާއި ދިރާސާގެ ދާއިރާއިން ގުޅުން އާކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. ދެ ޤައުމުގެ ލީޑަރުން ވަނީ އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް މުޢިއްޒު ސްރީލަންކާއަށް ވަޑައިގަތުމުން އެޤައުމުގެ ރިޔާސީ ގަނޑުވަރުގައި މިއަދު އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އަރުވައި، ސްރީލަންކާގެ ސިފައިންގެ ތިން ސަފަކުން ވަނީ ގާޑް އޮފް އޮނަރެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 61 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރާތާ އިއްޔެ ބައްދަލުކުރައްވައި، ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރިއާއި، ތަރައްޤީގެ އެހެނިހެން ދާއިރާތަކުން ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށާއި އައު އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަށް ކޮލަމްބޯގައި ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!