2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާއިރު އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް ނަސްލީ ތަފާތު ކުރުމުގެ ހަރުކަށި ހަރަކާތްތަކުގެ ސަބަބުން ބޭރުގައުމުތަކުގެ ސަޕޯޓަރުން ހައްޔަރުކޮށް ނުވަތަ ޑީޕޯޓްކޮށްފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް، މުބާރާތް ފެށުމާއެކު ހަގީގަތް ހާމަވެގެންދިޔައީ މުޅިން ތަފާތު ނުރައްކަލަކާ އެކުގައެވެ. ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުން އެމެރިކާގެ އެއާޕޯޓްތަކުގައި ގަނާކޮށް، ހިފަހައްޓައި، ބައެއް މީހުންނަށް ކުރިން ވިސާ ދޫކޮށްފައި އޮތް ނަމަވެސް، ގައުމަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވެއެވެ.
ދުނިޔޭގެ އެކި ކޮޅުކޮޅުން އަންނަ ޓީމުތަކާއި ސަޕޯޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވީ ނަމަވެސް، މެޗުތަކުގެ ޓިކެޓާއި ހޮޓާ ބުކިންގްސް ހުރި ނަމަވެސް، މޮރޮކޯ އާއި ގިނަ ގައުމުތަކެއްގެ ދިހަވަރަކަށް ސަޕޯޓަރުންނަށް ވިސާ ދިނުމަށް އެމެރިކާގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
މިކަން ހިނގާފައިވަނީ އެމެރިކާ ސަރުކާރުން 19 ގައުމެއްގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތައް ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި މުސްލިމު ގައުމުތަކާއި މިއަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 4 ގައުމެއް ހިމެނެއެވެ. އެއީ ސެނެގާލް، ކޯޓްޑިވުއާ (އައިވަރީ ކޯސްޓް)، އީރާން އަދި ހެއިޓީއެވެ.
ހަރުކަށި ބަލައިފާސްކުރުންތަކާއި ގާނޫނީ ފިޔަވަޅުތައް
- މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ އެންމެ ފަސް ދުވަސް ކުރިން، ވެސް ނިމިދިޔަ އަހަރު އެފްރިކާގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދި ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްގާދިރު އަރްތާން، މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި 11 ގަޑިއިރު ވަންދެން ބަންދުކޮށް ބަހައްޓައި ސުވާލުކުރުމަށްފަހު، ކުރިން ވިސާ އޮތް ނަމަވެސް އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އެއީ ސޯމާލިއާގެ މުސްލިމަކަށްވީތީއެވެ!
- މިފަދަ ހާދިސާއެއް ދިމާވީ ހަމައެކަނި އަރްތާންއަކަށް ނޫނެވެ. އިރާގުގެ ގައުމީ ޓީމުގެ ރަސްމީ ފޮޓޯގްރާފަރު ޠަލާލް ޞަލާޙްވެސް ޗިކާގޯގެ އޯހެއާ އިންޓަނޭޝަނަލް އެއާޕޯޓުގައި 12 ގަޑިއިރު ވަންދެން ބަނޑަށް ބަހައްޓައިގެން ބަންދުގައި ބެހެއްޓުމަށް ފަހު އެތެރެވުން މަނާކުރިއެވެ.
- އިރާގުގެ ފޯވާޑް އައިމަން ޙުސައިން ވެސް އެމެރިކާގެ އިމިގްރޭޝަނުން 7 ގަޑިއިރު ވަންދެން ބަންދުކުރުމަށް ފަހު ގައުމަށް އެތެރެވިޔަނުދެއެވެ.
އީރާންގެ ޓީމާ މެދު ނަސްލީ ތަފާތު ކުރުން
- އެމެރިކާއާއި އީރާނުގެ ދެމެދުގައި އޮތް ދެބަސްވުންތަކުގެ އަސަރު ވޯލްޑް ކަޕަށް ފޯރައި، އީރާނަށް ލިބެންޖެހޭ މެޗުތަކުގެ ޓިކެޓް ފޭރިގަނެ، ޓީމުގެ ކޭމްޕް މެކްސިކޯއަށް ބަދަލުކުރަން ޖެހުނެވެ.
- މީގެ އިތުރުން ސެނެގާލް ޓީމަށް ވެސް އާދަޔާ ހިލާފު ހަރުކަށި ސެކިއުރިޓީ ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހުނެވެ. ކުޅުންތެރިން އެއާޕޯޓުގެ ޓާމިނަލް އިމާރާތަށް ވަނުމުގެ ކުރިން، ރަންވޭމަތީގައި ހާސާކޮށް ބައިތިއްބައި މީހުންނާއި ފޮށިތަންމަތި ފާސްކޮށް ވަނީ އިހާނާތްތެރިކޮށް ހިތާފައެވެ.
ހުއްދަ ދިނުމަށްފަހު ބާތިލުކުރުން
މި ހަރުކަށި ފިޔަވަޅުތައް ހަމައެކަނި ކުޅުންތެރިންނާއި އޮފިޝަލުންނަށް އެކަނި އަމާޒުވީއެއް ނޫނެވެ، ސަޕޯޓަރުންނަށް ވެސް މީގެ އަސަރުކުރިއެވެ. 28 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕަށް އެނބުރި އައި ސްކޮޓްލޭންޑް ޓީމަށް ސަޕޯޓްކުރުމަށް ދަތުރުކުރަން ތައްޔާރުވި އެތައް ބައެއްގެ ވިސާ ވަނީ ބާތިލުކޮށްފައެވެ.
ގިނަ ސަޕޯޓަރުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރި ގޮތުގައި، މެޗުތައް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން އެމީހުންގެ ދަތުރުގެ ހުއްދައިގެ ސްޓޭޓަސް ކުއްލިއަކަށް ބަދަލުވިއެވެ. އެގޮތުން އެއް ހަފުތާ ތެރޭގައި އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަ (ހުއްދަދެވިފައި) އިން (ހުއްދަނެތް) އަށް ބަދަލުވިއެވެ. ހަމައެކަނި އެއް ސަޕޯޓަރެއްގެ ވިސާ، އޭނާ ފުރަން އޮތް ފްލައިޓްގެ އެއް ގަޑިއިރު ކުރިން އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ބާތިލުކުރިއެވެ.
ދަތުރުވެރިން ހަރުކަށިކޮށް ބެލެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ތަފާތުކުރުމުގެ ވިސްނުމުގެ ދަށުން، އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން އިން ވަނީ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަނާ ގުޅިގެން، އެއާޕޯޓްތަކުގައި މޫނު ދެނެގަންނަ ޓެކްނޮލޮޖީ ބޭނުންކުރުން ފުޅާކޮށްފައެވެ. އަދި 2026 ގެ ވޯލްޑް ކަޕް މެޗުތައް ބާއްވާ ސިޓީތަކަށް މީކަމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ.
އެއާޕޯޓްތަކުގައި ICE ހަރަކާތްތެރިވޭތަ؟
އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އިން ވޯލްޑް ކަޕްގެ މެޗުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ބައިވެރިވެއެވެ. މި އިދާރާއަކީ ނަސްލީ ތަފާތު ކުރުމުގެ ރެކޯޑެއް އޮތް އިދާރާއެއް ކަމުން ބޭރުގެ ސަޕޯޓަރުންގެ މެދުގައި މިއީ ބިރުވެރިކަން އިތުރުވާ ކަމެކެވެ. ސަބަބަކީ އެ އެޖެންސީއަކީ މީހުން ހައްޔަރުކުރުމާއި ޑީޕޯޓްކުރުމުގައި ހަރުކަށި ސިޔާސަތެއް ގެންގުޅޭ ތަނަކަށް ވުމެވެ.
ސްޓޭޑިއަމްތަކުގެ އެތެރޭގެ ގޮންޖެހުންތައް
އެއާޕޯޓްތަކުގައި އައިސް ގެ އޮފިސަރުން ތިބުމުގެ ފުރުސަތު ކުޑަނަމަވެސް، ސަޕޯޓަރުންގެ އެންމެ ބޮޑު ބިރަކީ މެޗުތައް ހިނގަމުންދާއިރު ސްޓޭޑިއަމްތަކުގެ އެތެރެއިން ނުވަތަ ކައިރިން ސިއްރު ފުލުހުންގެ ގޮތުގައި އެމީހުން ފެނުމުގެ ފުރުސަތެވެ.
ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވަނީ ވޯލްޑް ކަޕްގެ މެޗުތަކުގައި އައިސް އޮފިސަރުން ހަރަކާތްތެރިވާނެކަން އިއުލާނުކުރައްވާފައެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ހުރި ކަންބޮޑުވުންތައް
ވޯލްޑް ކަޕްގެ މެޗުތައް ފެށުމުގެ ކުރިން، ގިނަ ޔޫނިއަންތަކާއި އިއްތިހާދުތަކުން ވަނީ އީރާނުގެ ހަނގުރާމައާއި، ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކާއި އަދި އިގްތިސާދީ ހާލަތު ދަށަށްދިއުމާ ދެކޮޅަށް މުޒާހަރާތައް ބާއްވާފައެވެ. އަދި މެޗުތަކާ ދިމާކޮށް އިތުރު ހަރަކާތްތައް ހިންގާނެ ކަމުގެ ވައުދުވެސް ވެފައިވެއެވެ.
މި ހަރަކާތްތަކާއި، އޭގެ ތެރޭގައި އުފުލާ ޝިއާރުތަކާއި ދިދަތަކުގެ ސަބަބުން، ބައިވެރިވާ މީހުން، ހާއްސަކޮށް ބޭރުގެ ޒިޔާރަތްތެރިން ހައްޔަރުކޮށް ނުވަތަ ޑީޕޯޓްކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، މުބާރާތުގެ ތައްޔާރީތަކަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޖުމްލަ 104 މެޗުގެ ތެރެއިން 78 މެޗު ހޯސްޓްކުރާ އެމެރިކާއަށް މި މުބާރާތް ދިނުމަށް ފީފާއިން ނިންމި ނިންމުމާ މެދު "ދެރަނުވާ" ކަމަށެވެ. އެއީ މުބާރާތުގައި ވާދަކުރާ ހަތަރު ގައުމެއްގެ ސަޕޯޓަރުންނަށް ހުރަސްތަކެއް އޮތް ނަމަވެސް، އަދި ސޯމާލިއާގެ ރެފްރީ އުމަރު އަރްތާން އެމެރިކާއަށް އެތެރެވުން މަނާކޮށްފައި އޮތަސް ހެވެ!
"އަޅުގަނޑުމެން މިއުޅެނީ ހަނދުގައެއް ނޫން، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ އަޅުގަނޑުމެންނަކީ ދުނިޔޭގެ ރަސްކަލުން ނޫންކަން، އަދި ސަރުކާރުތަކާއި ފުލުހުންގެ ބާރުތަކުގެ މައްޗަށް އަޅުގަނޑުމެންގެ ބާރެއް ނެތްކަން. އަޅުގަނޑުމެންނަކީ ކުޅިވަރު ޖަމްއިއްޔާއެއް، އަޅުގަނޑުމެންގެ އެންމެ މަތީ ގާބިލުކަން ބޭނުންކުރަމުން މިދަނީ. ބައެއް ފަހަރު ހަމަޖެހިލައިގެން ތިބުން މުހިންމު. އަޅުގަނޑުމެން ހުރިހާ ކަމަކަށް މަސައްކަތް ކުރަމުން މިދަނީ. ބައެއް ފަހަރު ހަޅޭއްލެވުމާއި އަޑުގަދަކުރުމުން އެއްވެސް ފައިދާއެއް ނުކުރޭ." އިންފަންޓީނޯ ވިދާޅުވިއެވެ.





