ޕާކިސްތާނުގައި އުފެއްދި ފުޓްބޯޅައެއް ފުޓްބޯޅަ ދަނޑުތައް ފަހަނައަޅައި، ޖައްވަށް ގޮސް ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގައި ތިބި އެސްޓްރޮނޯޓުން ދާދި ފަހުން ވަނީ ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ ބޯޅަ ބޭނުންކޮށްގެން، ބަރުދަން ނެތް މާހައުލެއްގައި ބޯޅަ ހަރަކާތްތެރިވާ ގޮތް ދެނެގަތުމަށް ސައިންޓިފިކް ތަޖުރިބާއެއް ކޮށްފައެވެ.
"ޓްރިއޮންޑާ"ގެ ނަމުން ނަންދީފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ ބޯޅަ، ނާސާގެ އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަންގެ ކިއުޕޯލާ މޮޑިއުލްގެ އެތެރޭގައި ޓެސްޓުކުރިއެވެ. މި ބޯޅައަކީ އެޑިޑާސްއިން ޑިޒައިންކޮށް، ޕާކިސްތާނުގައި އުފައްދާފައިވާ ބޯޅައެކެވެ.
ނާސާއިން ބުނިގޮތުގައި، މި ތަޖުރިބާގެ ބޭނުމަކީ ބޯޅައިގެ ބަރުދަން ހަމަހަމަކޮށް ހުރުމުން، ގްރެވިޓީ ނެތް މާހައުލެއްގައި އޭގެ ހަރަކާތްތަކަށް އަސަރުކުރާ ގޮތް ދެނެގަތުމެވެ. ޖައްވުގައި ބޯޅަ ހަރަކާތްތެރިވާ ގޮތް ބެލުމުން، ބޯޅައިގެ ޑިޒައިންގެ ސިފަތަކުން އޭގެ ދުވެއްޔަށާއި މިސްރާބަށް ކުރާ އަސަރު ރަނގަޅަށް ދެނެގަނެވޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ. 2019 ވަނަ އަހަރު ވެސް މިފަދަ ތަޖުރިބާއެއް ކޮށްފައިވާއިރު، އއިން ދެއްކި ގޮތުގައި ބޯޅައިގެ ބެލެންސްގައި ހުންނަ ކުޑަކުޑަ ތަފާތަކުން ވެސް އޭގެ ހަރަކާތަށް ބޮޑު އަސަރެއް ކުރެއެވެ.
ފީފާއިން ހާމަކޮށްފައިވާ ގޮތުގައި "ޓްރިއޮންޑާ" މި ނަން ނެގިފައިވަނީ ސްޕެނިޝް ބަހުގެ ލަފުޒަކުންނެވެ. އޭގެ މާނައަކީ "ތިން ރާޅު" އެވެ. މި ނަމަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ތާރީޚީ ގޮތުން ތިން ގައުމެއް (އެމެރިކާ، ކެނެޑާ އަދި މެކްސިކޯ) ގުޅިގެން ބާއްވާތީ އެކަމަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. ތިން ގައުމު ގުޅިގެން ފީފާ ވޯލްޑް ކަޕް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
ސިއާލްކޯޓަކީ މަތީ ފެންވަރުގެ ފުޓްބޯޅަ އުފައްދާ ދުނިޔޭގެ މައި މަރުކަޒުކަމުން، ނާސާގެ މި ތަޖުރިބާގައި ޕާކިސްތާނުގައި އުފެއްދި ބޯޅަ ބޭނުންކުރުމަކީ އެ ގައުމުގެ ކުޅިވަރު ސާމާނު އުފެއްދުމުގެ ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ގައުމުގެ ފުޓްބޯޅަ އުފެއްދުމުގެ ތާރީޚަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔަ ކަމެކެވެ.
ފީފާ ވޯލްޑްކަޕަށް ބޭނުންވާ ހުރިހައި ބޯޅައެއް އުފައްދަނީ މިމީހާ!






