އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ ކަނޑުތަކުގެ އަޑީގައި މޫދު ވިނައާ ބެހޭ ދުނިޔޭގެ ފުރަތަމަ ހައި ރިޒޮލިއުޝަން ޗާޓު އާންމުކޮށްފިއެވެ.
"ނޭޗާ" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، 2019 އިން 2024 އަށް ކޮންމެ އަހަރަކު 1 ޕަސެންޓްގެ ރޭޓުން ދުނިޔޭގެ މުދު ވިނަ މަދުވަމުންދެއެވެ. މޫދުގެ ވިނައަކީ ކަނޑުގެ ދިރުންތަކަށް ބޯހިޔާވަހިކަމާއި ކާނާ ފޯރުކޮށްދީ، ގޮނޑުދޮށްތައް ގިރުމުން ސަލާމަތްކޮށް، ކާބަން ރައްކާކުރުމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.
މިއީ 500 މިލިއަން ކާރުން އަހަރަކު ބޭރުކުރާ ކާބަން ޑައިއޮކްސައިޑާ އެއްވަރުގެ ކާބަން ރައްކާކުރާ ގުދުރަތީ ނިޒާމެކެވެ.
މި ދިރާސާގައި ބުނާ ގޮތުން 4 އަހަރުގެ ތެރޭގައި 4 ޕަސެންޓްގެ ވިނަ ވަނީ ނެތިގޮސްފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ އިންސާނުންގެ އަމަލުތަކާއި ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ތަޣައްޔަރުވުމާއި މޫސުމީ ބަދަލުތަކެވެ. މި ޗާޓު ތައްޔާރުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އާއި ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެންނެވެ. ދުނިޔޭގެ 70 ޕަސެންޓް މޫދު ވިނަ ހުރީ އެމެރިކާ، ބަހާމާސް، ކިއުބާ، އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާ މި ފަސް ގައުމުގައެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، މޫދު ވިނަ ހުރި ސަރަހައްދުތަކުގެ ތެރެއިން ހިމާޔަތްކޮށްފައިވަނީ އެންމެ 21 ޕަސެންޓް ސަރަހައްދެވެ. އަދި ނެތިދާ ވިނައިގެ 80 ޕަސެންޓަކީ މިފަދަ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ބޭރުގައި ހުރި ވިނައެވެ. ނަމަވެސް އުއްމީދީ ޚަބަރަކީ، ރަނގަޅު މެނޭޖްމަންޓާއި ހިމާޔަތުގެ މަސައްކަތްތަކުގެ ސަބަބުން ކިއުބާ އާއި ލޮސް އެންޖެލިސް ކައިރީގައި ފަދަ ބައެއް ސަރަހައްދުތަކުގައި މޫދު ވިނަ އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމެވެ. މި ޗާޓަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ 30 ޕަސެންޓް ކަނޑުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ.







