ފަލަސްތީނުގެ ބިމުގައި އުފަންވާ ކޮންމެ ކުއްޖަކަށް، ދިރިއުޅުމުގެ ހައްގަކީ ކޮންމެ ސިކުންތަކު ހަނގުރާމަކުރަންޖެހޭ އެއްޗެކެވެ. ރޭގަނޑުގެ ހިމޭން ވަގުތު، ރާމަﷲ ގެ ހުޅަނގުގައި އޮންނަ ދައިރު ޢައްމާރު އަވަށުން އިވުނީ އެފަދަ ހިތްދަތި ހިތާމައެއްގެ އަޑެވެ. އެއީ އެންމެ ހަތަރު މަހުގެ ތުއްތު ރަހީނެއް، އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓެއްގެ ކުރިމަތީގައި ނޭވާ ހާސްވެގެން މަރުވެދިޔަ ޚަބަރެވެ.
ތުއްތު އަޙްމަދު މަޢުރޫފް ޒައިދު (4 މަސް) ބަލިވެގެން، އޭނާގެ މައިންބަފައިން ނިކުތީ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ދިއުމަށެވެ. ނަމަވެސް، ދައިރު ޢައްމާރު އަވަށުގެ ޗެކްޕޯސްޓްގައި ދޮރާށީގައި ހުރި އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓް ވެގެންދިޔައީ އެ މައުސޫމް ދަރިފުޅުގެ ހަޔާތުގެ ފަހު މަންޒިލަށެވެ.
އޭނާގެ ހާލަތު ނާޒުކުވެ، ފަރުވާއަށް ދިއުމަށް މައިންބަފައިން ރޮއި އާދޭސްކުރަމުން ދިޔައިރުވެސް، ހިތެއްނެތް ޔަހޫދީ ޒަޔަނިސްޓު ސިފައިން ވަނީ އެމީހުން ހޮސްޕިޓަލަށް ދިޔަ ނުދީ އެއް ގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓާފައެވެ. އެވަރުންވެސް ފުދުމެއް ނެތި، އެ ސަރަހައްދަށް އެއްވި އާންމުންނާއި ވެހިކަލްތަކަށް އަމާޒުކޮށް ސިފައިން ވަނީ ކަރުނަގޭސް އުކާފައެވެ. އެ ބަރު އަދި ވިހަ ގޭހުގެ ތެރޭގައި، އެހީއަށް އެދި ތެޅިތެޅި އޮތް ތުއްތު އަޙްމަދުގެ ފުރާނަ މާތްﷲ ގެ ހަޟްރަތަށް ދަތުރުކުރިއެވެ. ރާމަﷲ ގެ އަރަބް އިސްތިޝާރީ ހޮސްޕިޓަލަށް އޭނާ ގެންދެވުނުއިރު، ޑޮކްޓަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާ ވަނީ ޝަހީދުވެފައެވެ.
ތުއްތު އަޙްމަދުގެ ވަކިވުމަކީ އިއްތިފާގުން ހިނގި ކަމެއް ނޫނެވެ. އެއީ ހުޅަނގު އައްސޭރީގެ އަވަށްތަކާއި ސިޓީތަކުގެ ދޮރުމަތީގައި ޖަހާފައިވާ ސައްތައަށްވުރެ ގިނަ ޔަހޫދީ އަސްކަރީ ހުރަސްތަކާއި ގޭޓުތަކުގެ ސަބަބުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރާ ނިޒާމީ އަނިޔާގެ ބައެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތަކުރާރުކޮށް ޑޮކިއުމެންޓްކުރާ ގޮތުގައި، އެމްބިއުލާންސްތަކާއި ކުއްލި ފަރުވާއަށްދާ ބަލިމީހުން ގަސްތުގައި ޔަހޫދީން ހިފަހައްޓައި، ހޮސްޕިޓަލަށް ވާސިލުވުން ލަސްކުރުމަކީ ޔަހޫދީ އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާއެކެވެ. މިކަމުގެ ސަބަބުން، އިމަޖެންސީ ހާލަތްތަކުގައި ތިބޭ ކުޑަކުދިންނާއި އާންމުންނަށް ދިރިހުރުމުގެ އެންމެ ފަހު ފުރުސަތުވެސް ޔަހޫދީން ގެއްލުވާލައެވެ.
އަޙްމަދުގެ މައިންބަފައިންގެ އަތްދަނޑި މަތީގައި މަރުވެދިޔަ އެ ތުއްތު ދަރިފުޅަކީ، ހަމައެކަނި ފަރުވާއެއްގެ ހައްގުން މަހުރޫމްވި ކުއްޖެއް ނޫނެވެ. އެއީ ދުނިޔޭގެ ކުރިމަތީގައި، އިސްތިއުމާރުގެ އަނިޔާވެރިކަމުން ނޭވާ ހާސްކޮށްލައި، ދިރިއުޅުމުގެ ހައްގު ޔަހޫދީން ފޭރިގަތް ފަލަސްތީނުގެ ނިކަމެތިކަމުގެ ހިތްދަތި ރަމްޒެކެވެ.







