އުމުރުން 83 އަހަރުގައި ޕީއެޗްޑީ ހާސިލުކުރި މިޞްރުގެ އަންހެނާ

އިލްމު ހޯދުމަށް ފެށި، އެތައް އަހަރަކަށް ދެމިގެންދިޔަ ދިގު ދަތުރަކަށްފަހު، މިޞްރުގެ ރިސާޗަރެއް ކަމަށްވާ އާމާލް އިސްމާއީލް މުތަވައްލީ ޢަބްދާ މިވަނީ މުޅި ސޯޝަލް މީޑިއާގެ ސަމާލުކަން އަތުލާފައެވެ. އުމުރުން 83 އަހަރުގައި، މިޞްރުގެ އުތުރުގައި ހުންނަ މަންޞޫރާ ޔުނިވަރސިޓީން ސޯޝިއޮލޮޖީގެ ދާއިރާއިން ފުރަތަމަ ދަރަޖައިގެ ޝަރަފާއެކު އޭނާ ޕީއެޗްޑީ ހާސިލުކުރި މަންޒަރަކީ، މިޞްރުގެ އެތެރެއާއި ބޭރުންވެސް އެތައް ބައެއްގެ ހިތްތަކަށް އަސަރުކުރުވި ތާރީޚީ ވަގުތުކޮޅެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ، ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސައިންޓިފިކް ކޮމިޓީގެ ކުރިމަތީގައި އާމާލް އޭނާގެ ތީސީސް ދިފާއުކުރައްވަމުން ގެންދަވާ މަންޒަރެވެ. ކޮމިޓީން އޭނާއަށް ފުރަތަމަ ދަރަޖައިގެ ޝަރަފާއެކު ޕީއެޗްޑީ އެވޯޑްކޮށް، އެ ރިސާޗް އެހެން ޔުނިވަރސިޓީތަކާ ހިއްސާކުރުމަށް ރެކޮމެންޑްކުރި ވަގުތު، މުޅި ހޯލް ގުގުމާލީ ހާޒިރުވެތިބި އެންމެންގެ ހޫނު އަތްތިލަބަޑީގެ އަޑުންނެވެ.

މަންޞޫރާ ޔުނިވަރސިޓީގެ ރަސްމީ ސަފުހާގައިވާ ގޮތުން، އާމާލްގެ ރިސާޗް ބިނާވެފައިވަނީ "އެކްޓިވް އޭޖިންގް އެންޑް އިޓްސް ރިލޭޝަންޝިޕް ވިތް ސަމް ސޯޝިއޮލޮޖިކަލް ވޭރިއަބަލްސް" މުސްކުޅިވުމުންވެސް ހަރަކާތްތެރިކަންމަތީ ދެމިހުރުމާއި، އިޖުތިމާއީ ބަދަލުތަކާ ހުރި ގުޅުން މި މައުޟޫޢުގެ މައްޗަށެވެ. މި ދިރާސާގައި ބަލާލާފައިވަނީ މުޖުތަމައުގައި އުމުރުން ދުވަސްވީ މީހުން ބައިވެރިކުރުވުމުގެ މުހިންމުކަމާއި، ޒަމާނީ އިޖުތިމާއީ ގުޅުންތަކުގެ ތެރޭގައި އެމީހުންގެ ދައުރަކީ ކޮބައިކަމުގެ މައްޗަށެވެ.

މި ޕީއެޗްޑީ ޑިފެންސް ކުރިއަށްދިޔައީ ޔުނިވަރސިޓީގެ ރައީސް ޑރ. ޝަރީފް ޚާޠިރުގެ ހާޒިރުގައެވެ. އަދި ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ އިސްކަންދަރިއްޔާ ބައިނަލްއަގްވާމީ ލައިބްރަރީގެ ޑިރެކްޓަރު ޑރ. އަޙްމަދު ޒާޔިދެވެ. ޔުނިވަރސިޓީގެ ރައީސް ވިދާޅުވި ގޮތުގައި، މި ކާމިޔާބީން ދައްކުވައިދެނީ އިންސާނާގެ އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އޭނާގެ ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަމެވެ. އަދި އާމާލްގެ ވާހަކައަކީ "އުމުރުދުވަހުގެ އުނގެނުމުގެ" ދިރިހުރި މިސާލެކެވެ.

އާމާލް އޭނާގެ އުފާވެރިކަން ފާޅުކުރައްވަމުން ވިދާޅުވިއެވެ. "ދެމީހަކު ދުވަހަކުވެސް ފުރިހަމައެއް ނުވާނެއެވެ: އެއީ އިލްމު ހޯދާ މީހާއާއި މުދާ ހޯދާ މީހާއެވެ."

އޭނާ އިޚްތިޔާރުކުރެއްވީ އުމުރުގެ މި ހިސާބުގައިވެސް އިލްމުގެ މަގެވެ.

އާމާލްގެ ވާހަކަ އާދައިގެ ސަނަދެއް ހާސިލުކުރުމަކުން ނުނިމެއެވެ. އޭގެ ފަހަތުގައި ވަނީ ސިއްހީ އަދި އިންސާނީ ބޮޑެތި ގޮންޖެހުންތަކެކެވެ. އޭނާގެ ފިރިހެން ދަރިފުޅު މުޞްޠަފާ އަލްޢަދަވީ، މަންމައަށް ޕީއެޗްޑީ ލިބުނު ވަގުތުކޮޅުގެ ވީޑިއޯ ހިއްސާކުރުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން މި ވާހަކައަށް ހުއްޓުނެވެ.

މުޞްޠަފާ ހާމަކުރި ގޮތުގައި، އާމާލް ސާނަވީ ތައުލީމު ނިންމަން އުޅުނު ދުވަސްވަރު އޭނާއަށް އުރަމަތީގެ ކެންސަރު ޖެހުނެވެ. އަދި ޔުނިވަރސިޓީގެ ފުރަތަމަ އަހަރު، ފައިގެ ކަށިގަނޑު ބިންދައިގެންގޮސް ބޮޑު ސާޖަރީއެއް ކުރަންޖެހުނެވެ. ނަމަވެސް، މި ހުރިހާ ސިއްހީ ތަކުލީފުތަކާއެކުވެސް އޭނާ އުނގެނުން ހުއްޓައެއް ނުލައެވެ. އުމުރުން 80 އަހަރުގައި މާސްޓާސް ހާސިލުކުރުމަށްފަހު، އޭގެ ތިން އަހަރު ފަހުން މިވަނީ ޕީއެޗްޑީ ނިންމާފައެވެ.

ދަރިފުޅު ބުނިގޮތުގައި، އާމާލް އަބަދުވެސް ކުޑައިރުއްސުރެ ވިދާޅުވާ ބަހެއް އޮވެއެވެ.

"ﷲ ބަޔަކު މީހުންނަށް ކޯފާލައްވައިފިނަމަ، އެބަޔެއްގެ ތެރޭގައި ވާހަކަދެއްކުން ގިނަކުރައްވައި، އަމަލުކުރުން މަދުކުރައްވައެވެ."

ދައުރުވަމުންދާ ވީޑިއޯތަކުގައި ޑރ. އާމާލް ޒުވާނުންނަށް މުހިންމު މެސެޖެއް ދެއްވިއެވެ. އޭނާ ގޮވާލެއްވީ ބުރަކޮށް މަސައްކަތްކުރުމަށާއި އުންމީދު ކަނޑާނުލުމަށެވެ. އިލްމު ހޯދުމާއި މުޖުތަމައަށް ޚިދުމަތްކުރުމަކީ މުސްކުޅިވުމުން ހުއްޓޭނެ ކަމެއް ނޫންކަމަށާއި، ކިތަންމެ ލަހުން ފެށިނަމަވެސް ކެތްތެރިކަމާއެކު ސާބިތުވެ ހުރެއްޖެނަމަ ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޚަބަރާއެކު މިޞްރުގެ ހަޔަރ ޑިއުކޭޝަން މިނިސްޓްރީން ވަނީ އާމާލްއަށް މަރުހަބާ ކިޔާފައެވެ. އަދި މިއީ ތައުލީމީ މުއައްސަސާތަކުގެ ތެރޭގައި އުމުރުދުވަހުގެ ލައިފްލޯންގ ލާނިންގެ އުނގެނުން ދިރުވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އެ މިނިސްޓްރީން ސިފަކުރިއެވެ.

މީގެ އިތުރުން، މިޞްރުގެ ނޭޝަނަލް ކައުންސިލް ފޯ ވުމަން އިންވެސް އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. އާމާލް އުމުރުން 80 އަހަރުގައި މާސްޓާސް ހާސިލުކުރުމާ ގުޅިގެން، 2023 ވަނ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިޞްރުގެ ރައީސްގެ އަނބިކަނބަލުން އިންތިޞާރު އައްސީސީގެ ފަރާތްޕުޅުން އޭނާއަށް ވަނީ ރަސްމީ ޝަރަފެއްވެސް އަރުވާފައެވެ.

އަމިއްލަ ދިރިއުޅުމުގެ ހިތްވަރުގަދަ ވާހަކައާއި، އޭނާގެ ދިރާސީ މައުޟޫޢު ކަމަށްވާ އެކްޓިވް އޭޖިންގް އާ ދެމެދު އޮތް ގުޅުމާއެކު، ޑރ. އާމާލް އިސްމާއީލް މިވަނީ ހަމައެކަނި ފާރުގައި އެލުުވައިލާ ސަނަދެއް ހޯދުމުގެ ބަދަލުގައި، އިލްމަކީ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ހަދާނެ ގޮތުގެ ދިރިހުރި ލާމަސީލު މިސާލަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!