ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ސަލާމާ، އައު ގެއެއް ބިނާކުރަމުން ދިޔައީ އޭނާގެ ކައިވެނި ކުރަން އުޅޭ ފިރިހެން ދަރިފުޅު އައު ދިރިއުޅުމެއް ފެށުމަށްޓަކައެވެ. ނަމަވެސް، އެ ގޭގެ މަސައްކަތް މުޅިން ނިންމައިނުލެވި އުޅެނިކޮށް، ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންގެ ގުރޫޕަކުން ވަނީ އެ ގެއަށް ވަދެގަނެ، އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މި ހިނގާ ހަފުތާގެ ކުރީކޮޅު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކައިރީގައި ހުރި ފަރުބަދައެއްގެ ތިރީގައި ހުރި ނުނިމިހުރި ދެ ބުރީގެ އެ ގޭގެ ފުރާޅުމަތީގައި ހަ ނުލަފާ ޔަހޫދީން ތިއްބެވެ.
ސަލާމާ ބުނިގޮތުގައި، މިކަމާ ގުޅިގެން ޔަހޫދީންގެ ސިފައިންނަށާއި ފުލުހުންނަށް ތަކުރާރުކޮށް މައްސަލަ ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އޭނާ މިހާރު ބިރުގަންނަނީ އެ ގެ އަބަދުގެ އަބަދަށް ގެއްލުނީ ކަމަށެވެ. އަދި ޔަހޫދީ ސެޓްލްމަންޓްތަކުން ވަށާލާފައިވާ އެ ސަރަހައްދުގެ އެހެން ފަލަސްޠީނު މީހުންގެ ގެތަކަށްވެސް މިފަދަ ނިކަމެތި ގޮތެއް މެދުވެރިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ބުންޏެވެ.
"ވާނުވާ އެނގޭނީ ހަމައެކަނި މާތްﷲ އަށް. ގާނޫނެއް ނިޒާމެއް އޮތް ނަމަ އެމީހުން އެތަނުން ދާނެ. އެމީހުންނަށް އެއް ގެ އަތުލެވިއްޖެއްޔާ، ދެން ހުރި ގެތައްވެސް އަތުލާނެ،" ސަލާމާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ޔަހޫދީ ސިފައިން ބުނީ އެމީހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އިސްރާއީލު ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ގާތްގަނޑަކަށް 3 މިލިއަން ފަލަސްޠީނު ރައްޔިތުން ދިރިއުޅޭ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި، މައި މިލިއަނެއްހައި ޔަހޫދީން ވަޒަންވެރިވެގެން އުޅޭއިރު، ފަލަސްޠީނުގެ ބިންތައް ފޭރުމަކީ އާންމު ކަމެކެވެ.
އދ. ގެ ތަހުގީގީ ރިޕޯޓެއް ބުނާގޮތުން، 2023 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ އަވަށްތަކަށާއި ދަނޑުބިންތަކަށް ޔަހޫދީ ވަޒަންވެރިންދޭ ހަމަލާތައް ވަނީ 130 އިންސައްތައަށް އިތުރުވެފައެވެ. މި ކަމާމެދު މުސްލިމުންނާއި އަރަބިން ތިބެނީ ކުޅި ބަލާށެވެ.
ސަލާމާ ދިރިއުޅޭ ޖާލޫދު އަވަށުގެ ކައުންސިލްގެ ރައީސް ރާއިދު އަލްޙާއްޖު މުޙައްމަދު ވިދާޅުވީ، މިއީ ވަރަށް ނުރައްކާތެރި ޔަހޫދީ ފެށުމެއް ކަމަށެވެ. ސަބަބަކީ ޔަހޫދީން މިހާރު ހަދަމުންދާ ގެތައްވެސް ފޭރެން ފެށުމެވެ. އެމީހުން މިހާރު ތިބީ ޖާލޫދުގެ އެންމެ ފަހު ގޭގެ ފާރާ 100 މީޓަރުވެސް ނުވާހާ ކައިރީގައެވެ. އޭނާ ބުނިގޮތުގައި ޖާލޫދު އަވަށަށް މިހާތަނަށް ބޮޑު 5 ހަމަލާއެއް ދީ، ގެތައް އަންދައި، ވެހިކަލްތަކަށް ގެއްލުންދީ، ގަސްތައް ވަނީ އުފުރާފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކާއި އދ. އިން ގަބޫލުކުރާ ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ޖެނީވާ ކޮންވެންޝަނާ ޚިލާފަށް ހިންގާ ބައިނަލްއަޤްވާމީ ގާނޫނާ ޚިލާފު ޖަރީމާއެކެވެ. ނަމަވެސް އެމެރިކާގެ ޕްރޮކްސީ އިސްރާއީލުން އެކަން ގަބޫލެއް ނުކުރެއެވެ.
ފަލަސްޠީނުގެ ރައްޔިތުން ދެކޭގޮތުގައި ހުޅަނގު އައްސޭރިއާއި، ޣައްޒާ އަދި އިރުމަތީ ޤުދުސަކީ މުސްތަޤްބަލުގައި އުފެދޭ ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ބިންތަކެވެ. އަދި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހެވެ. ޖެނޮސައިޑަށް ސަޕޯޓު ކުރާ އެމެރިކާ ފަދަ އިސްރާއީލުގެ އެންމެ ގާތް އެކުވެރިންވެސް މި އަނިޔާވެރިކަން ބައެއް ފަހަރަށް ކުށްވެރިކުރެއެވެ. އެހެންނަމަވެސް، ޔަހޫދީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ ހަރުކަށި ސަރުކާރުން ދަނީ މި މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ސަލާމާ ބުނިގޮތުގައި، 2023 ގައި ޣައްޒާގެ ހަނގުރާމަ ފެށުމާއެކު އޭނާގެ ދަރިފުޅަށް ވަޒީފާ ގެއްލި، މާލީ ދަތިކަން ކުރިމަތިވުމުން ގޭގެ މަސައްކަތް އޮތީ މެދުކަނޑާލާފައެވެ. "އަޅުގަނޑުމެންގެ އަވަށްޓެރިޔާވެސް އެހެރީ ދެ ބުރީގެ ގެއެއް އަޅާފައި. އެމީހުން ޔަގީނުންވެސް އެ ގެވެސް އަތުލާނެ. އަޅުގަނޑުމެންނަށް މި ގެ ގެއްލިއްޖެއްޔާ، އެމީހުންނަށްވެސް އެމީހުންގެ ގެ ގެއްލޭނެ،" ސަލާމާ ހިތާމައާއެކު ކިޔައިދިނެވެ.






