ދޫކޮށް ނުލެވޭނެ ފަދަ ބައިނަލްއަގްވާމީ ބައިވެރިއެއްކަން ތުރުކީން ސާބިތުކޮށްދީފި

ނޭޓޯ ސަމިޓް ފެށުމުގެ ދުވަސްތަކެއް ކުރިން، ތުރުކީގެ ވެރިރަށް އަންކާރާ އޮތީ މުޅިން އާދަޔާ ޚިލާފު ބަދަލުވުމެއްގެ ތެރޭގަ އެވެ. ދުނިޔޭގެ އެކި ކޮޅުކޮޅުން 32 ގައުމެއްގެ އިސްވެރިންނާއި، ސަތޭކައެއްހާ ވަޒީރުން އަދި އެތައް ހާސް ވަފުދުތަކެއް މި ސަހަރަށް ޖަމާވިއިރު، މިއީ ފަހުގެ ތާރީޚެއްގައި މި ސަރަހައްދު ދުށް އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. ނަމަވެސް، މި ބޮޑު ސަމިޓުގެ އެންމެ ފާހަގަކޮށްލެވޭ މަންޒަރަކީ އަންކާރާގެ މަގުތަކުން ފެނުނު ހަމަހިމޭންކަމެވެ.

ފަޅުވެފައިވާ ސަހަރަކާއި ބޭރު ނުފެންނަ ފާރުތައް

ސަމިޓާ ދިމާކޮށް ސަރުކާރުގެ އިދާރާތައް ބަންދުކުިއެވެ. އާންމުންގެ ކިބައިން އެދިފައިވަނީ "ވީހާވެސް ބޮޑަކަށް ސަހަރު ދޫކޮށް ދިއުމަށެވެ." ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުންހިފާ އަތިރިމަތީ ރަށްރަށަށް ދަތުރުކުރުމުން، މުޅި ސަހަރު އޮތީ ކޮވިޑް-19 ގެ ފުރަބަންދު ދުވަސްވަރު ފަދައިން ފަޅުވެފަ އެވެ. މަގުމަތިން ޓެކްސީއަކަށް އަރާނެ ފަސިންޖަރަކު ވެސް ނުވެ އެވެ.

ސަމިޓް ބޭއްވި ރިޔާސީ ގަނޑުވަރު ވަށައިގެންވާ ސަރަހައްދު "ރެޑް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅައި، ހުއްދަ ނެތް އެއްވެސް މީހަކަށް ވަނުން މަނާކުރި އެވެ. ސަހަރުގެ ރީތިކަން ދެއްކުމަށްޓަކައި، ބާވެ ހަޑިވެފައި ހުރި އިމާރާތްތަކުގެ ކުރިމަތީގައި ނޭޓޯގެ ލޯގޯ ޖެހި ބޮޑެތި ފޮތިގަނޑުތައް ދަމައި ފޮރުވި އެވެ. މަގުމަތީގައި އުޅޭ 52,000 އެއްހާ ވަލު ކުއްތާ ހިފައި، ހިޔާވަހިތަކަށް ބަދަލުކުރި އެވެ. މަގުތައް ދޮވެ، ސާފުކުރިލެއް ފުރިހަމަކަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އޭނާގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ތައުރީފު ކުރެއްވި އެވެ.

މި ސަމިޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 57,000 ސަލާމަތީ ބާރުތަކުގެ މުވައްޒަފުން ހަރަކާތްތެރިވިއިރު، ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށް 640 މާހިރުންގެ ޓީމަކުން ދިޔައީ "ޑިޖިޓަލް ފާރުތަކެއް" ބިނާކުރަމުންނެވެ. އެންމެ ޚާއްސަ ކަމަކީ، ހަމައެކަނި ވެރިންގެ މަތިންދާބޯޓުތައް ޖެއްސުމަށްޓަކައި އަސްކަރީ އެއާޕޯޓެއް މަދަނީ އެއާޕޯޓަކަށް ބަދަލުކޮށް، އެތަނުން ރިޔާސީ ގަނޑުވަރަށް 15 މިނެޓުން ދެވޭނެ އާ ހައިވޭއަކާއި ބްރިޖެއް ބިނާކުރުމެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ކުތުބުޚާނާ: ނޫސްވެރިންނާއި ތުރުކީގެ ފޮނިކާނާ

ސަމިޓް ކަވަރުކުރުމަށް ދުނިޔޭގެ އެކި ކޮޅުކޮޅުން 3,000 އަށްވުރެ ގިނަ ނޫސްވެރިން އަންކާރާއަށް ޖަމާވި އެވެ. ނޭޓޯގެ މެންބަރަކަށް ނުވިޔަސް، ޖަޕާނުން އެކަނިވެސް އެތައް ނޫސްވެރިންނެއް އައެވެ. "މިއީ ހަމައެކަނި ޖަޕާނަށް އެކަންޏެއް ނޫން، މުޅި ދުނިޔެއަށް މުހިންމު ސަމިޓެއް،" ޖަޕާނުގެ ނޫސްވެރިއަކު ބުންޏެވެ.

ނޫސްވެރިންގެ މީޑިއާ ސެންޓަރަކަށް ބަދަލުކުރީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ކުތުބުޚާނާ އެވެ. ތިން ދުވަސް ވަންދެން ތުރުކީގެ މަޝްހޫރު ހުރިހާ ކާނާއަކާއި ބަކްލާވާ ފަދަ ފޮނިކާނާތައް ނޫސްވެރިންނަށް ހިލޭ ލިބެން ހުއްޓެވެ. ފްރާންސްގެ ލޯ ފިގާރޯ ނޫހުގެ ތަޖުރިބާކާރު ދެ ނޫސްވެރިއަކު ބަކުލާވާ ކަމުން ބުންޏެވެ: "އިންތިޒާމްތައް ވަރަށް ފުރިހަމަ. މިފަދަ މީރު ކާނާއެއް މީގެ ކުރިން އެއްވެސް ސަމިޓަކުން ނުލިބޭ." ކަމަށެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާ، ޓީއާރްޓީން 96 ކެމެރާއާއެކު ސަމިޓް ލައިވްކޮށް، ދުނިޔޭގެ އެހެން ޓީވީ ޗެނަލްތަކަށް ސެޓެލައިޓް ފްރީކުއެންސީ ދޫކުރީ ހިލޭސާބަހަށެވެ.

ޓްރަމްޕްގެ ބީސްޓް އަދި މެކްރޮންގެ މިނީވެން

ވެރިންގެ މެދުގައި ހުރި ތަފާތުތައް ފެނުނީ އެމީހުން ދަތުރުކުރެއްވި ގޮތުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވުމަށް މުޅި ޖޭޑަބްލިއު މެރިއޮޓް ހޮޓާ އޮތީ އެއްކޮށް ހުސްކޮށްފަ އެވެ. އޭނާގެ 1,000 އެއްހާ މީހުންގެ ވަފުދު ފިޔވައި އެހެން މީހަކަށް އެތަނަށް ނުވަދެވެއެވެ. ޓްރަމްޕް ހުންނެވި 200 އަކަމީޓަރުގެ ސުއިޓްގެ ބިއްލޫރިތަކަކީ ވަޒަންނާރާ ބިއްލޫރިއެވެ. އަދި ފާރުތަކަކީ ބޮންތަކަށް ގޮއްވައިނުލާ ފަދަ ވަރުގަދަ ފާރުތަކެކެވެ.

މަގުމަތީގައި ދަތުރުކުރެއްވުމަށް ޓްރަމްޕް ބޭނުންކުރެއްވީ އޭނާގެ އަމިއްލަ ރަސްމީ ކާރުކޮޅު "ދަ ބީސްޓް" އެވެ. އޭގެ ބަދަލުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަޑައިގަތީ ފްރާންސް އެމްބަސީގެ އާދައިގެ މިނީވެންއެއްގަ އެވެ.

ވެރިންނަށް މަރުހަބާ ކިއުމަށް ތުރުކީން ބޭނުންކުރީ އުސްމާނީ ދައުރުގެ އަސްކަރީ ހެދުމުގައި ތިބި ރަސްމީ ބޭންޑެކެވެ. ޓްރަމްޕް އަތުގެ އިޝާރާތުން އެ މިއުޒިކަށް ސާބަސް ދެއްވިއިރު، ގްރީސްގެ ބޮޑުވަޒީރަށް އެ މަންޒަރު ފެނިވަޑައިގެން ހައިރާންކަން ފޮރުވައެއް ނުލެވުނެވެ.

ސިޔާސީ ކާމިޔާބީއާއި ހަންގޭރީގެ "ޓޫރިސްޓް" ބޮޑުވަޒީރު

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ހުންނެވީ ވަރަށް އުފަލުންނެވެ. ޚާއްސަކޮށް، ތުރުކީއާ ދެކޮޅަށް އެމެރިކާއިން ޖަހާފައިވާ "ކާޓްސާ" އެކްޓްގެ ދަށުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެފް-35 ޖެޓްތައް ތުރުކީއަށް ދޭނެކަމަށް ޓްރަމްޕް އިއުލާނު ކުރެއްވުމުން އުރުދުޣާންގެ މޫނުމަތިން ބޮޑު ހިނިތުންވުމެއް ފެނުނެވެ.

މި ހުރިހާ ސިޔާސީ ހައިޖާނެއްގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ހަންގޭރީގެ ބޮޑުވަޒީރު ޕީޓާ މަގްޔާރް އެވެ. ސަމިޓް ފެށުމުގެ ދެދުވަސް ކުރިން އިސްތަންބޫލަށް ވަޑައިގެން، އާދައިގެ ޓޫރިސްޓެއް ފަދައިން ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓްތަކުން އޭނާ ވީ މަގުބޫލު އިންފްލުއެންސަރަކަށެވެ. އޭނާ އިސްތަންބޫލުން އަންކާރާއަށް ދަތުރުކުރެއްވީ ކާރުގަ އެވެ. މަގުމަތިން ރީތި ކޮންމެ ތަނަކަށް ހުއްޓިވަޑައިގެން، ފޮޓޯނަންގަވައި އާންމުކުރެއްވި އެވެ.

އަންކާރާގެ ރައްޔިތުން ސަލާމަތީ ފިޔަވަޅުތަކުގެ ބުރަ އުފުލި ނަމަވެސް، ދުނިޔޭގެ ސަމާލުކަން އެ ސަހަރަށް ހުއްޓުމުން ތިބީ ފަޚުރުވެރިވެފަ އެވެ. މި ތާރީޚީ ސަމިޓުގެ ވާހަކަތައް އަންކާރާގެ ފާރުތަކުގެ ތެރޭގައި އެތައް ދުވަހަކަށް ދެމިހުންނާނެ އެވެ. ތުރުކީން ދައްކައި ދިނީ އަރަމުން އަންނަ ތުރުކީއަކީ ދޫކޮށް ނުލެވޭނެ ބައިނަލްއަގްވާމީ ބައިވެރިއެއް ކަމެވެ. އަދި ތުރުކީގެ އިންތިޒާމާއި ޓެކްނޮލޮޖީއަކީ ޔޫރަޕަށް ވާދަ ނުކުރެވޭނެ އެއްޗެއް ކަމެވެ.

ހިއްސާ ކުރައްވާ!