ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހިނގަމުންދިޔަ ނަމަވެސް، އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި، ފަލަސްޠީނުގެ އަސީރުން، ޚާއްޞަކޮށް ޑޮކްޓަރު ޙުސާމް އަބޫ ޞަފިއްޔާ ވަގުތުން މިނިވަންކުރުމަށް ގޮވާލައި ޔޫރަޕްގެ ބައެއް ބޮޑެތި ވެރިރަށްތަކުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގެ "ފޮންޓެއިން ޑެޒް އިންޮސާންޓް" މައިދާނުގައި "ޔޫރޯޕަލަސްޠީން" ޖަމްޢިއްޔާއިން އިންތިޒާމުކުރި އެއްވުމެއްގައި، ފަލަސްޠީނާއި ލުބުނާނުގެ ދިދަތައް އުފުލައި، "ކަނޑުން ފެށިގެން ކޯރާ ހަމައަށް ފަލަސްޠީނަކީ އަރަބި ބިމެއް" ކަމަށް ބުނެ އަދި އިސްރާއީލުގެ އުދުވާނު ހުއްޓާލުމަށް ގޮވާލައި އަޑުއުފުލާފައިވެ އެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ އިސްރާއީލު އެމްބަސީ ކުރިމަތީގައި ވެސް ގިނަ ބަޔަކު އެއްވެ، އިސްރާއީލުގެ ޖަލުތަކުގައި ތިބި އަސީރުން މިނިވަންކުރުމަށް ގޮވާލި އެވެ. ޚާއްޞަކޮށް 2024 ވަނަ އަހަރުގެ ފަހުކޮޅު ހައްޔަރުކުރި ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. ޙުސާމް އަބޫ ޞަފިއްޔާ މިނިވަންކުރުމަށް ގަދައަޅައި ގޮވާލާފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އަބޫ ޞަފިއްޔާގެ ފޮޓޯތައް އުފުލައި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ހުރިހާ އަސީރުން މިނިވަންކުރުމަށް ގޮވާލައި ޝިއާރުތައް އުފުލާފަ އެވެ.
އެ އެއްވުމުގައި ވާހަކަދެއްކި ފަލަސްޠީނުގެ ކްރިސްޓިއަނަކު ބުނީ، މުސްލިމުންނާއި ޔަހޫދީންނާ އެކު ފަލަސްޠީނުގެ ހައްގުގައި މުޒާހަރާކުރުމަކީ ފަޚުރެއް ކަމަށެވެ. އަދި 1970 ގެ އަހަރުތަކުގައި އދ. އިން ނިންމާފައިވާ ގޮތުން ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމުގެ ބާވަތެއް ކަމަށާއި، އެކަމަކު މި ހަރަކާތުން ސުލްހަ ހަލާކުކުރާ ވާހަކަ ދެއްކުމުން މިއަދު އެމީހުންނަށް ޓެރަރިސްޓުންގެ ލޭބަލް އަޅުވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ޖަރުމަނުގެ ވެރިރަށް ބާރލިންގައި ވެސް ފަލަސްޠީނުގެ ދިދަތަކާއި "މިއީ އަހަރެމެންގެ ބިމެއް" ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހިނގާލުމެއް ބާއްވައި، އަސީރުން މިނިވަންކުރުމަށް ގޮވާލާފަ އެވެ.
ޑރ. ޙުސާމް އަބޫ ޞަފިއްޔާގެ މައްސަލަ
2024 ޑިސެމްބަރު މަހު އޭނާ ވަޒީފާގައި ހުއްޓައި އިސްރާއީލުގެ ސިފައިން އޭނާ ހައްޔަރުކުރީ ޓެރަރިޒަމްގެ ތުހުމަތުގަ އެވެ. ފާއިތުވި ދުވަސްތަކުގައި ކޯޓު އަޑުއެހުމެއްގެ ވީޑިއޯއަކުން އޭނާ ފެނުނުއިރު، ބަނޑުހައިހޫނުކަމާއި އަނިޔާކުރުމުގެ ނިޝާންތައް ހަށިގަނޑުން ފާޅުވާން ހުރުމުން ބައިނަލްއަގުވާމީ ގޮތުން ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފަ އެވެ. އޭނާގެ ވަކީލުން ވެސް ވަނީ އޭނާއަށް ނިޒާމީ ގޮތެއްގައި އަނިޔާކޮށް ބަނޑަށް ބަހައްޓާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.
އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން ދާދިފަހުން ވަނީ އޭނާ ނަގަބް ޖަލުން ނަފްޙާ ސަހަރާގެ ޖަލުގެ އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފަ އެވެ. އެތަނުގައި ބައިނަލްއަގުވާމީ ގާނޫނުތަކުން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި ބޭސްފަރުވާއިން އޭނާ ވަނީ މަހުރޫމްކޮށްފަ އެވެ.
މިފަދަ މުޒާހަރާތައް ބާއްވާއިރު އަރަބި ވެރިން ފުއްދާލަނީ ފެކްސް ނެރުމާއި އެކްސް ޕޯސްޓްތަކުންނެވެ. އަދި ޚުދުމުޚުތާރު ވެރިން ވަނީ ފަލަސްޠީނުގެ ހައްގުގައި މުޒާހަރާ ކުރިޔަ ނުދީ ރައްޔިތުން އޮބިއަޅާފައެވެ.






