ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޖޭޑީއެސްގެ ދަށުން، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް 152 މިލިއަން ޖަޕާނީސް ޔެންގެ ހިލޭ އެހީއެއް ދިނުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެއްޖެއެވެ.
މި އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ، ދިވެހި ސަރުކާރުގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދު އަދި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.![]()
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތައް:
- ގާބިލު ޒުވާނުން ބިނާކުރުން: މުސްތަގުބަލުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރާނެ ޒުވާނުން އުފެއްދުން.
- މަތީ ފެންވަރުގެ ތައުލީމު: ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުން.
2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ދެމުން އަންނަ މި އެހީގެ ދަށުން މިހާތަނަށް 17 ދަރިވަރަކު ތައުލީމު ހާސިލުކޮށްފައިވާއިރު، މިހާރު ވެސް 9 ދަރިވަރަކު ޖަޕާނުގައި ކިޔަވަމުންދެއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކަމާބެހޭ މިނިސްޓްރީތަކުގެ އިސް ބޭފުޅުންނާއި ޖަޕާނުގެ އެމްބަސީ އަދި ޖައިކާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.



