އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާއިން އަދިވެސް ޗައިނާގެ މުދާ ގިނަ އަދަދަކަށް އެތެރެކުރަމުންދިޔަ ނަމަވެސް، ޖީޑީޕީ ކުރިއެރުމުގެ އަދަދުތަކުގެ ދުވެލީގައި އިންޑިއާއިން ވަނީ ޗައިނާއަށްވުރެ ކުރިހޯދާފައެވެ.
ފަހުގެ ރިޕޯޓެއްގައިވާ ގޮތުން، ޗައިނާގެ މުދާ އެންމެ ގިނައިން އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ އަދިވެސް ހިމެނެއެވެ. އެހެންނަމަވެސް، ޗައިނާގެ އިޤްތިޞާދީ ކުރިއެރުން ވަނީ ދަށަށް ގޮސްފައެވެ. އަދި އިންޑިއާއިން ވަނީ ޖީޑީޕީ ކުރިއެރުމުގެ މަތީ ރޭޓެއް ރެކޯޑްކޮށްފައެވެ.
ޗައިނާގެ ޖީޑީޕީ ކުރިއެރުން ދަށަށް
މިހަފްތާގައި އާންމުކުރި ޗައިނާގެ ޖީޑީޕީ ކުރިއެރުމުގެ ރިޕޯޓުގައިވާ ގޮތުން، އޭޕްރީލް-ޖޫން ކުއާޓަރުގައި އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާފައިވަނީ 4.3 އިންސައްތައަށެވެ.
މި އަދަދަކީ ޖެނުއަރީ-މާރޗް ކުއާޓަރުގައި ރެކޯޑްކުރެވުނު 5 އިންސައްތައިގެ ކުރިއެރުމަށްވުރެ ދަށް އަދަދެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ޗައިނާގެ އިޤްތިޞާދު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. މިއީ އިޤްތިޞާދީ މާހިރުން ލަފާކޮށްފައިނުވާ ބަދަލެކެވެ.
އިންޑިއާއިން މަތީ ކުރިއެރުމެއް ރެކޯޑްކުރުން
ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ޖީޑީޕީ ކުރިއަރާފައިވާ ރޭޓަކީ 7.8 އިންސައްތައެވެ. މިއީ ޗައިނާގެ ރޭޓަށްވުރެ މަތީ އަދަދެކެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ކުރިއެރުމުގެ ރޭޓް އިތުރަށް ރަނގަޅުވުން އެކަށީގެންވާ ކަމަށެވެ. އަދި އިންޑިއާއިން ޗައިނާގެ މުދާ ގިނަ އަދަދަކަށް އެތެރެކުރި ނަމަވެސް، އިންޑިއާއިން ޗައިނާއަށް ބޭރުކުރާ މުދާ ނިސްބަތުން މަދުކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޗައިނާގެ ޖީޑީޕީ ދަށަށްދަނީ ކީއްވެ؟
ޔޫބީއެސް ޗައިނާގެ ޗީފް އިކޮނޮމިސްޓް ޔޫ ސޮންގ، ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި، ޗައިނާގެ އިޤްތިޞާދު ހީނަރުވުމުގެ ފަހަތުގައިވާ މައިގަނޑު ތިން ސަބަބެއް ހާމަކުރެއްވިއެވެ.
ޔޫ ސޮންގ ވިދާޅުވި ގޮތުގައި، މި ދަށަށްދިއުމުގެ ޒިންމާ އާޓިފިޝަލް އިންޓެލިޖންސްގެ ބޮލުގައި އެޅުވޭކަށް ނެތެވެ. އަދި އޭއައިގެ ސަބަބުން ޗައިނާއަށް ފައިދާތަކެއް ވަނީ ކޮށްފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އިޤްތިޞާދީ ދުވެލި މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ ދިގުލައިގެން ގޮސްފައިވާ ރިއަލް އެސްޓޭޓް މާކެޓްގެ ކާރިސާއެވެ. ޗައިނާގެ ޕްރޮޕަޓީ މާރކެޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، މީހުން ޕްރޮޕަޓީއަށް އިންވެސްޓްކުރުމުގެ ބަދަލުގައި ފައިސާ ރައްކާކުރުމަށް އިސްކަންދެއެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކޮންސިއުމަރުން ކުރާ ހޭދަ ކުޑަވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިރާނުގެ ދެބަސްވުންތަކާ ގުޅިގެން ޗައިނާގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. މީގެ ސަބަބުން ކޮންސިއުމަރުން އަގުބޮޑު ބްރޭންޑްތަކުގެ މުދާ ދޫކޮށް، އަގުހެޔޮ ހޯދުމަށް ވަނީ މަޖުބޫރުވެފައެވެ.
މީގެ އިތުރުން، ވަޒީފާގެ ފުރުޞަތުތައް މަދުވުމަކީވެސް އިޤްތިޞާދަށް ބާރުބޮޑުވަމުންދާ ކަމެއް ކަމަށް ޔޫ ސޮންގ ވިދާޅުވިއެވެ. އޭއައިގެ ސަބަބުން ޗައިނާއަށް ފައިދާވީ ނަމަވެސް، އޭގެ ސަބަބުން މަސައްކަތްތެރިން ބޭނުންވާ އަދަދު ވަރަށް ބޮޑަށް މަދުވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.





