ފްރާންސްގެ ގައުމީ ގޭމްބްލިންގް ރެގިއުލޭޓަރީ އިދާރާއިން، ވަނީ މަގުބޫލު ބެޓިންގް ވެބްސައިޓެއް ކަމަށްވާ "ޕޮލިމާކެޓް" އެ ގައުމުގައި ބްލޮކް ކޮށްފައެވެ. ރެގިއުލޭޓަރުން ހުކުރު ދުވަހު ބުނި ގޮތުގައި މި ފިޔަވަޅު އެޅީ މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެދާނެތީ އާއި، އެ ޕްލެޓްފޯމްގައި ގޭމްބަލް ކުރާ ބައެއް ބެޓްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންނެވެ.
"16 ޖުލައި 2026 ގައި ފްރާންސްގެ ނޭޝަނަލް ގޭމްބްލިންގް އޮތޯރިޓީގެ ރައީސް ވަނީ ޕޮލިމާކެޓް ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމަށް އެ ގައުމުގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް އަމުރު ކުރައްވާފަ" ރެގިއުލޭޓަރުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ވެއެވެ. "ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރަމުންދާ މި ސައިޓަކީ ގާނޫނާ ހިލާފަށް ގޭމްބްލިންގް އާއި ބެޓިންގްގެ ހިދުމަތްތައް ޕްރޮމޯޓްކުރާ ތަނެއް." އިތުރަށް ބުނެފައި ވެއެވެ.
އެ އިދާރާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ފްރާންސްގެ ގޭމްބްލިންގް ގަވާއިދުތަކާ އެއްގޮތަށް ޕޮލިމާކެޓުން އަމަލުކުރަން ނުފަށާހާ ހިނދަކު، އެ ވެބްސައިޓް އެ ގައުމުގައި ބްލޮކްކޮށްފައި ބަހައްޓާނެއެވެ. މިކަމާ ގުޅޭގޮތުން ޕޮލިމާކެޓްގެ އިސްވެރިން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ދުނިޔޭގައި ފޯރިގަދަވަމުންދާ ކުރިއަށް ކަންކަން ވާނެ ގޮތް ދިމާކޮށްގެން ފައިސާ ހޯދާ މާކެޓްތައް ކަމަށްވާ 'ކަލްޝީ' އާއި 'ޕޮލިމާކެޓް' ފަދަ ޕްލެޓްފޯމްތައް މޮނިޓާކުރުން ދުނިޔޭގެ ރެގިއުލޭޓަރުން މިހާރު ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. މިދިޔަ މެއި މަހު ސްޕެއިން ސަރުކާރުންވެސް ވަނީ މި ދެ ޕްލެޓްފޯމް އެ ގައުމުގައި ހިންގުން ވަގުތީގޮތުން މަނާކޮށްފައެވެ. އަދި ޖޫން މަހު އެމެރިކާގެ ޑެރިވޭޓިވްސް ރެގިއުލޭޓަރުން ވެސް ވަނީ މި ސިނާއަތަށް ޚާއްސަ އައު ގަވާއިދުތަކެއް އެކުލަވާލާފައެވެ.
އިސްލާމީ ޝަރީއަތުގައި ލޮޓަރީގެ ހުކުމާ ބެހޭ ފިގުހީ ކުރު ނޯޓެއް:
އިންޓަރނޭޝަނަލް އިސްލާމިކް ފިގުހު އެކަޑެމީ އަދި އަލްއަޒްހަރު ފަދަ އިސްލާމީ ފިގުހީ އެކަޑެމީތަކާއި ދީނީ އިލްމީ މުއައްސަސާތައް އިއްތިފާގުވާ ގޮތުގައި، މި ޒަމާނުގައި ކުޅޭ ލޮޓަރީގެ ހުރިހާ ބާވަތްތަކަކީވެސް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ މައިސިރް ގެ ތެރެއިންވާ ކަންކަމެވެ. މި ހަރާމްކުރެއްވުން ބިނާވެގެންވަނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ޤަޠުޢީ ދަލީލުތަކުގެ މައްޗަށެވެ. އެއީ މިފަދަ މުއާމަލާތްތަކުގައި، ވިޔަފާރީގެ އަގުތައް ފާސިދުކޮށްލާ ފަދަ އޮޅުވާލުމާއި ނޭނގުން (ޣަރަރު) އެކުލެވޭތީއެވެ.
ކީރިތި ގުރުއާނުން ދަލީލުތައް
ކީރިތި ގުރުއާނުގައި ޖުވާކުޅުމާއި މައިސިރް ހިމަނުއްވާފައިވަނީ ބުދަށް އަޅުކަންކުރުމާއި ރާބުއިމާ އެއް ދަރަޖައެއްގެ ބޮޑެތި ފާފަތަކުގެ ތެރޭގައެވެ. އަދި އެކަންކަމުން ދުރުހެލިވުމަކީ ކާމިޔާބީގެ ޝަރުތެއް ކަމުގައިލައްވާފައިވެއެވެ.
މާތްﷲ ސޫރަތުލް މާއިދާގައި ވަހީކުރައްވާފައިވެއެވެ:
﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴾ [المائدة: 90].
(މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.)
މި އާޔަތުގައިވާ "فَاجْتَنِبُوهُ" (އެކަމުން ދުރުހެލިވާށެވެ!) މި އަމުރުން ދޭހަކޮށްދެނީ އެކަން މުތުލަގުކޮށް (ކަނޑައެޅިގެން) ހަރާމްވުމެވެ. އަދި މައިސިރަކީ ޝައިޠާނާގެ ހަޑިމުޑުދާރު އަމަލެއްގެ ގޮތުގައި ސِފަކުރެއްވުމުން، މިއީ ހަމައެކަނި މަކުރޫހަ ކަމެއް ނޫންކަމާއި، މިއީ މުޅިން މަނާވެގެންވާ ބޮޑު ފާފައެއްކަން ސާބިތުވެއެވެ.
ޖެހިގެން އައި އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ:
﴿إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ﴾ [المائدة: 91].
(މާނައީ: شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)
މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުން ހަރާމްކުރެއްވުން:
ލޮޓަރީއަކީ މީސްތަކުންގެ މުދާ ނާޖާއިޒު ގޮތުގައި އަތުލުންކަމަށްވާތީ، އެކަން މި އާޔަތަށް ވަދެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ﴾ [النساء: 29].
(މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.)
މަނާކުރެއްވުމުގެ ފިގުހީ އަސާސް (އިގްތިސާދީ ސަބަބު)
ލޮޓަރީ ހަރާމްވުމުގެ އެކަޑެމިކް އަދި ފިގުހީ ސަބަބުތައް މައިގަނޑު ދެ ނުކުތާއަކަށް ބެހިގެންވެއެވެ.
- ނޭނގުމާއި އޮޅުވާލުން (ޣަރަރު): އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ މުއާމަލާތްތައް ބިނާވަނީ އަގާއި މުދާ ސާފުކޮށް އެނގި އޮޅުން ފިލުމުގެ މައްޗަށެވެ. ނަމަވެސް ލޮޓަރީގައި، ބައިވެރިޔާ، ޓިކެޓުގެ އަގުގެ ފައިސާ ދެނީ އޭނާއަށް ލިބޭނެ އެއްޗެއް ނޭނގޭ ހާލުގައެވެ. އޭނާ ހުންނަނީ ފައިސާ ގެއްލިދާނެ ކަމުގެ ބިރާއި ނުވަތަ އެއްވެސް މަސައްކަތެއް ނެތި ބޮޑު ފައިދާއެއް ލިބިދާނެ ކަމުގެ އުންމީދެއްގެ މެދުގައެވެ. މިއީ ހަމަ ޖުވާކުޅުމުގެ އަސްލެވެ.
- ފައިސާ ބޭނުންކުރާ މަގްސަދު ރަނގަޅުވިޔަސް ހަލާލުނުވުން: ލޮޓަރީން ލިބޭ ފައިސާގެ ބައެއް ހެޔޮ ކަންކަމަށް ނުވަތަ ގައުމީ މަޝްރޫއުތަކަށް ހޭދަކުރި ކަމުގައިވިޔަސް، އޭގެ ހަރާމްކަން ކެނޑިގެނެއް ނުދެއެވެ. ފިގުހީ ގާޢިދާގައި އޮންނަނީ "الغاية لا تبرر الوسيلة" (މަގްސަދު ރަނގަޅުވުމަކީ ވަސީލަތް ހަލާލުވާނެ ސަބަބެއް ނޫނެވެ!) މިފަދައިންނެވެ. މާތްﷲ ގެ ހަޟްރަތަށް ކުއްތަންވެވޭނީ ހަލާލު ތާހިރު ކަންކަމުންނެވެ. ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ: "إنَّ اللَّهَ طَيِّبٌ لا يَقْبَلُ إلَّا طَيِّبًا" (ހަމަކަށަވަރުން މާތްﷲ އީ ތާހިރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތާހިރު އެއްޗެއް މެނުވީ ގަބޫލެއް ނުކުރައްވަތެވެ.)
ޕޮލިމާކެޓް އަދި ކަލްޝީ މެދުވެރިކޮށް ކުޅިވަރު މެޗުތަކުގެ ނަތީޖާއިން ފެށިގެން، ސިޔާސީ އިންތިޚާބުތަކާއި، އަދި އީރާނާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅުންހުރި ކަންކަމަށް ވެސް މީހުން ދަނީ ބެޓް ކުރަމުންނެވެ.
ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުން ގޮވާލައްވަނީ މިފަދަ ބައެއް ބެޓްތައް މަނާކުރުމަށެވެ. ސަބަބަކީ މިއިން އިގްތިސާދީ އެއްވެސް ފައިދާއެއް ނެތުމުގެ އިތުރުން، އާންމު މަސްލަހަތަށް މީގެން ގެއްލުންވެދާނެތީއެވެ.
ފްރާންސްގެ ރެގިއުލޭޓަރުން ފާހަގަކުރި ގޮތުގައި، މޫސުން އޮންނާނެ ގޮތް ދިމާކުރަން ވެސް މީހުން ފައިސާ އޮއްސަމުންދާއިރު، މީގެ ތެރޭގައި އެތެރޭގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ ޝައްކުތައް އެބަހުއްޓެވެ.
ޕޮލިމާކެޓްގެ އަހަރީ އާމްދަނީ މިހާރު ވަނީ 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
ތިބާގެ ގައުމުގައި ގޭމްބްލިން ވެބްސައިޓްތަކަށް ވަދެވޭ ހެއްޔެވެ؟





