ހިނގަމުންދާ ޖޫލައި މަހުގެ ކުރީކޮޅު، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކެމިސްޓްރީ ގެ ރޮނގުން ސައިންޓިސްޓެއް ކަމަށްވާ ޖޯޑަން އަދި ސައޫދީ އެމެރިކާއަށް ނިސްބަތްވާ އުމަރު ޔާޣީ ވަނީ އޭނާ 14 އަހަރު ވަންދެން ހިދުމަތް ކުރެއްވި ޔުނިވަސިޓީ އޮފް ކެލިފޯނިއާ، ބާކްލީ ދޫކޮށްލައްވައިފައެވެ. އޭނާގެ އާ މަންޒިލަކީ ޗައިނާގެ ބީޖިންގގައި ހުންނަ ސިންހުއާ ޔުނިވަސިޓީއެވެ.
އެ ޔުނިވަސިޓީގެ ރައީސާއި ޗައިނާގެ އެންމެ އިސް ސައިންސްވެރިންގެ ހާޒިރުގައި ޔާޣީއަށް ދެއްވި ހޫނު މަރުހަބާއަކީ ހަމައެކަނި އެކަޑަމިކް އުފާފާޅުކުރުމެއް ނޫނެވެ. މިއީ އެމެރިކާގެ ސިޔާސީ ފިކުރު ހަރުކަށިވެ ސަހުޔޫނިއްޔަތަށް ލެނބުމުން ސައިންސްގެ މުއައްސަސާތައް ހަލާކުވަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ ސައިންސްގެ ސުޕަޕަވަރުގެ މަގާމު އެމެރިކާގެ އަތުން ބީވެ، ޗައިނާއަށް ބަދަލުވަމުންދާކަމުގެ ނުރައްކާތެރި އިންޒާރެކެވެ.
ޔާޣީއަކީ "މެޓަލް-އޯގަނިކް ފްރޭމްވާކްސް" އީޖާދުކޮށްގެން 2025 ވަނަ އަހަރުގެ ކެމިސްޓްރީ ދާއިރާއިން ނޯބެލް އިނާމު ހޯއްދެވި ސައިންޓިސްޓެކެވެ. އެއީ ޖައްވުން ކާބަންޑައިއޮކްސައިޑް އަތުލައިގަތުމަށާއި، ސަހަރާގެ ވައިގެ ތެރެއިން ފެން ނެގުމަށް ބޭނުންކުރާ އިންގިލާބީ މާއްދާއެކެވެ.
އޭނާ މިހާރު ބީޖިންގގައި ހަވާލުވެވަޑައިގަތީ "އޭއައި، ކެމިސްޓްރީ އެންޑް މެޓީރިއަލްސް ރިސާޗް އިންސްޓިޓިއުޓް"އާ އެވެ. އެއީ މުޅިން އާ މުއައްސަސާއެކެވެ.
ދުނިޔޭގެ ސައިންސްގެ ބާރު ބަދަލުވަމުންދާ ގޮތަށް ބަލާއިރު، އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ތަފާތު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
އެމެރިކާއިން ދަނީ ސައިންސްގެ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުތައް ކަނޑާލައި، ވިސާ ދޫކުރުމުގައި ސައިންޓިސްޓުންނަށް ހުރަސް އަޅައި ދަތިތަކާއި ބިރުވެރިކަން އުފައްދައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އަންނަމުންދާ އިންގިލާބަށް ފުރިހަމައަށް ތައްޔާރުނުވެ ފަހަތަށް ޖެހެމުންނެވެ.
އެއާ ހިލާފަށް، ޗައިނާއިން ދަނީ ރިސާޗުތަކަށް ކުރާ ޚަރަދު އަހަރަކު 10 އިންސައްތައިން އިތުރުކޮށް، ބޭރުގެ ގާބިލު މީހުންނަށް ހާއްސަ ވިސާ ދޫކޮށް އަދި އާ ސައިންސްވެރިންނަށް ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ދީގެން ދުނިޔޭގެ ސައިންސްވެރިންނަށް އެންމެ މަގްބޫލު ގައުމަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ސިޔާސީ ނިޒާމުގެ ތެރެއިން ސައިންސް "ކޮށާލުން"
ޔާޣީ އެމެރިކާ ދޫކޮށްލެއްވީ ކީއްވެގެންކަން ސީދާ ވިދާޅުނުވި ނަމަވެސް، އެމެރިކާގެ ސައިންސްވެރިންނަށް މިއަދު ކުރިމަތިވެފައިވާ ހަގީގަތް ވަރަށް ސާފެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ވެރިކަމަށް އައި ހައްދުފަހަނައަޅާފައިވާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ސައިންސަށް ދޭ ފަންޑިންގތައް ކުއްލިއަކަށް ހުއްޓުވާލާފައެވެ.
- ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު: އެންމެ 40 ދުވަސް ތެރޭގައި 1.81 ބިލިއަން ޑޮލަރުގެ ރިސާޗް ގްރާންޓް ކަނޑާލިއެވެ.
- ނެޝަނަލް ސައިންސް ފައުންޑޭޝަން: ބަޖެޓުގެ 55 އިންސައްތަ ކަނޑާލުމަށް ހުށަހެޅިއެވެ.
މިފަދަ ހަރުކަށި، އަދި ސައިންސާ ދެކޮޅު ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ރިސާޗް ސިސްޓަމް ވަނީ ސިއްސައިގެން ގޮސްފައެވެ. "ނޭޗާ" މަޖައްލާއިން ކުރި ސާވޭއަކުން ދެއްކި ގޮތުގައި، އެމެރިކާގައި ތިބި ސައިންސްވެރިންގެ 75 އިންސައްތަ މީހުން ދަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ބަދަލުވުމަށް ވިސްނަމުންނެވެ.
އެމެރިކާގެ ސައިންސްގެ އިންފްރާސްޓްރަކްޗާ ރޫޅެނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގާބިލު ސައިންސްވެރިން 1944ން ފެށިގެން އެމެރިކާއަށް ގެނެސްގެން އެމެރިކާ ވަނީ ސައިންސްގެ ދާއިރާ ވަރުގަދަ ކޮށްފައެވެ.
ނަމަވެސް، މިއަދު އެމެރިކާ ވަނީ އަމިއްލައަށް އެ ބިންގާ ރޫޅާލާފައެވެ:
-
ބޭރުގެ ދަރިވަރުންނަށް ނަފުރަތުކުރުން: 2025 ގެ ފުރަތަމަ ބައިގައި ޗައިނާގެ ދަރިވަރުންނަށް ދޫކުރި ވިސާ 24% މަދުވި އިރު، އިންޑިއާގެ ދަރިވަރުންނަށް ދޫކުރި ވިސާ ވަނީ 44% މަދުވެފައެވެ.
-
ތައުލީމީ ފެންވަރު ދަށަށް ދިއުން: 2022 އާއި 2024 އާ ދެމެދު އެމެރިކާގެ ހައިސްކޫލް ކުދިންގެ މެތެމެޓިކްސް އަދި ސައިންސްގެ ފެންވަރު ވަނީ ތާރީހުގައި ވެސް ނުވެއްޓޭ މިންވަރަށް ދަށަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބަކީ "ޓިކްޓޮކް" އާއި ސޯޝަލް މީޑިއާއަށް ދެވިހިފުމާއި، ސައިންސްވެރިންނަށް ކުރާ އިހުތިރާމް ކުޑަވުމެވެ.
އެމެރިކާއިން ސައިންސްވެރިންނަށް ދަތިކޮށް، ސިޔާސީ ފިކުރުގެ ތެރެއިން ޔުނިވަސިޓީތަކަށް ހަމަލާދެމުންދިޔަ އިރު، ޗައިނާއިން ވަނީ އެ ފުރުސަތުގެ ފައިދާ ވަރަށް ފުރިހަމައަށް ނަގާފައެވެ.
-
2024-2025 ގެ ތަފާސްހިސާބު: ނޭޗަރ އިންޑެކްސް އިން ދައްކާގޮތުގައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސައިންސް ރިސާޗް އުފެއްދުމުގައި ޗައިނާއިން ވަނީ އެމެރިކާ މުޅިން ފަހަތަށް ޖައްސާލާފައެވެ.
-
ފައިސާއާއި ވަސީލަތް: ޗައިނާއިން ދަނީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، މެތެމެޓިކްސް) ދާއިރާއިން އަހަރަކު 77,000 ޕީއެޗްޑީ ދަރިވަރުން ނެރެމުންނެވެ. އެމެރިކާއަށް ނެރެވޭނީ އެންމެ 40,000 އެވެ.
"އެމެރިކާގެ ސައިންސްގެ ކުރިއެރުން މަޑުމަޑުން ހުއްޓުނީކީ ނޫން. އެއީ ގަހެއް ބުރިވެގެން ވެއްޓުނު ފަދައިން ކުއްލިއަކަށް ވެއްޓިގެން ދިޔަ ދިޔުމެއް،" އޮހާއޯ ސްޓޭޓް ޔުނިވަސިޓީގެ ޕްރޮފެސަރު ކެރޮލައިން ވެގްނާ ވިދާޅުވިއެވެ.
އުމަރު ޔާޣީ ފަދަ ނޯބެލް ގެ އިނާމު ހާސިލުކޮށްފައިވާ ސައިންޓިސްޓުން އެމެރިކާ ދޫކޮށް ބެއިޖިންގއަށް ބަދަލުވުމަކީ، އެމެރިކާގެ އަމިއްލަ ސިޔާސީ ސަބަބުތަކާ ހުރެ ގައުމީ ސައިންސްގެ ބާރު ކަނޑުވާލުމުގެ ނަތީޖާއެވެ. އެމެރިކާގެ ވިސްނުން ހުރީ ސޯޝަލް މީޑިއާ ޓްރެންޑް ތަކާއި ސިޔާސީ ޒުވާބުތަކަށް ގެއްލިފައި ކަމަށްވާއިރު، ޗައިނާއިން ދަނީ ކުރިއަށް އޮތް ގަރުނުގެ ސައިންސްގެ ރަސްކަން އަތުލަމުންނެވެ.




