ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑާއި ރިސާޗު އުޅަނދުފަހަރުގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ. މިއާއެކު ތައިވާނުގެ ޕެސިފިކް ކޯސްޓު ކައިރީގައި ޗައިނާއިން ކުރިމަތިކޮށްފާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުން ތައިވާނުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ތައިޕޭ ޓައިމްސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ތައިވާނުގެ ކޯސްޓްގާޑް އެޑްމިނިސްޓްރޭޝަން (ސީޖީއޭ) އަށް ޖޫން މަހު ޗައިނާ ސަރުކާރުގެ 55 އުޅަނދެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ކޯސްޓްގާޑު އުޅަނދުފަހަރާއި ރިސާޗު އުޅަނދުތައް ހިމެނެއެވެ. މިއީ މޭ މަހު ފާހަގަކުރެވުނު 30 އުޅަނދާއި، މިދިޔަ އަހަރުގެ މި މުއްދަތުގައި ފާހަގަކުރެވުނު 25 އުޅަނދާ އަޅާބަލާއިރު އިތުރުވުމެކެވެ. މި އަދަދުތަކުގެ ތެރޭގައި ޗައިނާގެ މައި ސަރަހައްދާ ކައިރީގައިވާ ތައިވާނުގެ ކޮންޓްރޯލް ދަށުގައިވާ ރަށްތައް ކައިރީގައި ހަރަކާތްތެރިވި އުޅަނދުފަހަރެއް ނުހިމެނެއެވެ.
މި އިތުރުވުމުން އަންގައިދެނީ ތައިވާނުގެ މައްޗަށް އޮތް މިލްކުވެރިކަމުގެ ދައުވާ ވަރުގަދަކުރުމަށްޓަކައި ޗައިނާއިން ކޯސްޓްގާޑުގެ ބޭނުން ހިފުން އިތުރުކުރަމުންދާ ކަމެވެ. ޗައިނާގެ ސިފައިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތައިވާން ވަށައިގެން ހަރަކާތްތެރިވަމުންދާއިރު، ތައިވާނުގެ އޮފިޝަލުން ބުނަނީ ޗައިނާއިން ދަނީ "ލޯފެއާ" ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް ބޭނުންކޮށްގެން ދައުވާތައް ވަރުގަދަކުރުމުގެ އުސޫލުން ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކުރަމުން ކަމަށެވެ.
ތައިޕޭ ޓައިމްސްއަށް މައުލޫމާތު ދެއްވި ސީޖީއޭގެ ސީނިއާ އޮފޝަލަކު ނަން ހާމަނުކުރުމަށް އެދިވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެނަމަ، ޗައިނާއިން ތައިވާނުގެ ޕެސިފިކް ކަނޑުގެ ސަޕްލައި ރޫޓުތަކަށް ހުރަސްއަޅައި ނުވަތަ ބަންދުކޮށްފާނެ ކަމުގެ ފުރުސަތަށް ތައިވާނުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކަނޑުގެ މަގުތައް ރައްކާތެރިކުރުމަށްޓަކައި ތައިވާނުގެ ނޭވީއާ ގުޅިގެން މޭޒުމަތީގެ ތަމްރީނުތަކާއި އަމަލީ ތަމްރީނުތައް ބޭއްވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާގެ ކޯސްޓްގާޑުގެ ބައެއް އުޅަނދުތަކަކީ ކުރިން ނޭވީގެ "ޑިސްޓްރޯޔާ" މަނަވަރުތަކުގެ ގޮތުގައި ބޭނުންކުރުމަށްފަހު، ކޯސްޓްގާޑުގެ އުޅަނދުތަކަށް ބަދަލުކޮށްފައިވާ އުޅަނދުތަކެއް ކަމަށް ތައިވާނުގެ އޮފިޝަލުން ގަބޫލުކުރެއެވެ. މީގެ ސަބަބުން އާދައިގެ ކޯސްޓްގާޑު އުޅަނދުތަކަށްވުރެ ކަނޑުމަތީގައި ގިނައިރު ތިބުމުގެ ގާބިލުކަމާއި އަސްކަރީ ގާބިލުކަން އެ އުޅަނދުތަކަށް ލިބިގެންވެއެވެ. އަދި ޗައިނާގެ އުޅަނދުތައް ގުޅިގެން ޖޯޑުޖޯޑަށް ޕެސިފިކް ކަނޑުގައިވާ ތައިވާނުގެ އިޤްތިޞާދީ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވަމުންދާތީ، އެކަމުގެ ސަބަބުން ތައިވާނުގެ ކޯސްޓްގާޑުގެ ވަސީލަތްތަކަށް ބާރުބޮޑުވަމުންދާ ކަމަށް އޮފިޝަލުން އިތުރަށް ވިދާޅުވިއެވެ.
ތައިޕޭ ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާގެ ކޯސްޓްގާޑު އުޅަނދުތަކުން ދަނީ ވިޔަފާރި އުޅަނދުފަހަރަށް ރޭޑިއޯ މެސެޖުތައް ފޮނުވައި، އެ އުޅަނދުފަހަރު ފުރި ބަނދަރާއި ދާ ބަނދަރުގެ މައުލޫމާތު ހޯދުމަށް އެދެމުންނެވެ. މިއީ ވިޔަފާރި އުޅަނދުފަހަރަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ތައިވާނުން ތުހުމަތުކުރެއެވެ. ތައިވާނުން ވަނީ އެފަދަ މެސެޖުތަކަށް ސަމާލުކަން ނުދީ އދއގެ މަތިން ދަތުރުތައް ކުރިއަށްގެންދިއުމަށް އުޅަނދުފަހަރަށް އަންގާފައެވެ.
ތައިވާނުގެ ސީނިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ޗައިނާއަށް އެއްވެސް ޤާނޫނީ އިޚްތިޞާޞެއް ލިބިގެންނުވި ނަމަވެސް، ޗައިނާގެ އަމާޒަކީ ކަނޑުމަތީގެ ފާރަވެރިކަން އިތުރުކޮށްގެން ސަރަހައްދީ ހަމަޖެހުމަށް ބަދަލުތަކެއް ގެނައުމެވެ.






