ހަނގުރާމަތަކުގެ ތާރީޚު ކަނޑައެޅެނީ މަރުވާ މީހުންގެ އަދަދަކުން ނޫން ކަމަށާއި، އޭގެ އަސަރާއި ނުފޫޒުގެ ފުންމިނުން ކަމަށް ޖަރުމަނުގައި ހުންނަވާ އީރާނުގެ ސަފީރު މަޖީދު ނީލީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މުއްދަތާއި އެމެރިކާއަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަފްޣާނިސްތާން، އިރާޤު، ވިއެޓްނާމް، ކޮރެއާ، ވެނެޒުއޭލާ އަދި އީރާނާއެކު ކުރެވޭ ހަނގުރާމައިގެ މުއްދަތާއި އެމެރިކާގެ ސިފައިންނަށް ލިބުނު ގެއްލުންތައް އަޅާކިޔުއްވާފައެވެ. އަދި ހަތަރު މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އީރާނުގެ ހަނގުރާމައިގައި މަރުވީ އެމެރިކާގެ 18 ސިފައިން ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއަށް ލިބޭ ގެއްލުންތަކަށް އެކަނި ޓްރަމްޕް އިސްކަންދެއްވާތީ އެކަމަށް ރައްދު ދެއްވަމުން މަޖީދު ނީލީ ވިދާޅުވީ، ހަނގުރާމައެއްގެ ތާރީޚާއި ކާމިޔާބު ވަޒަންކުރުން ބިނާވެގެންވަނީ އޭގެ ސަބަބުން ނުކުންނަ ފުޅާ އަދި ފުން ނަތީޖާތަކުގެ މައްޗަށް ކަމަށެވެ.
ނީލީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ހަނގުރާމަވެރި އަސްލު ސޫރަ ހާމަވުމަށް، އީރާނުގެ މިނާބް ސިޓީގެ "ޝަޖަރައޭ-ޠައްޔިބާ" ޕްރައިމަރީ ސްކޫލަށް ޓްރަމްޕް ދިން ދެ މިސައިލް ހަމަލާގައި 168 ކުޑަކުދިންނާއި ޓީޗަރުން ޝަހީދުވި ހާދިސާއާއެކު ހަތަރު މަސްދުވަސް ފުދެއެވެ. އަދި އީރާނަކީ ދިފާއީ ގޮތުންނާއި ސާބިތުކަމުގެ ގޮތުން ސުޕަޕަވަރެއްކަން ސާބިތުކޮށްދިނުމަށް 143 ރޭ ވަންދެން އާންމުން މަގުތަކަށް ނުކުމެ ކުރި އިހުތިޖާޖުތަކާއި، އީރާނުގެ ލީޑަރު ޝަހީދުވުމުގެ ހާދިސާއާއެކު، މި ކުރު މުއްދަތުގެ އަސަރު މުޅި ތާރީޚުގައި ނުހުރެ ނުދާނެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރު މުއްދަތެއްގެ އަސްކަރީ އުދުވާނަކުން ކުރާ އަސަރު، މަދު އަހަރުތަކަށް ދެމިގެންދާ ހަނގުރާމަތަކާއި އެތައް ހާސް ބަޔަކު މަރުވުމަށްވުރެ މާ ފުންކޮށް އަދި ދާއިމީކޮށް ތާރީޚުގައި ބިންވަޅު ނެގޭ ފަހަރު އަންނާނެ ކަމަށެވެ.






