ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގަމުންދާ އިސްރާއީލުގެ މަދަދާއެކު ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން މަސްޖިދުލްއަޤްޞާއަށް ވަދެގަތުމަށް ތައްޔާރުވަމުންދާތީ، ނުރައްކާތެރި އިންޒާރުތަކެއް މަސްޖިދުލް އަޤްޞާ އިން ދީފިއެވެ.
މިއަދު ބުރާސްފަތި ދުވަހު ފާހަގަކުރާ ޔަހޫދީންގެ ޢީދާ ގުޅުވައިގެން، ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިންގެ ޖަމާޢަތްތަކުން މަސްޖިދުލްއަޤްޞާއަށް ގުރޫޕް ހަދައިގެން ވަދެގަތުމަށް ރާވަމުންދާތީ، ޤުދުސްގައި އަނެއްކާވެސް ނުވަތަނަވަސްކަން ބޮޑުވެ، ފަލަސްޠީނުގެ ފަރާތްތަކުން ވަނީ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.
ފަލަސްޠީނުގެ އިސްލާމީ މިނިވަން ނަމުގެ ޙަރަކާތް (ޙަމާސް) އިން ވަނީ އިސްރާއީލުން މަސްޖިދުލްއަޤްޞާ ޔަހޫދީ ކުރަން ކުރާ މަސައްކަތްތަކާއި، މުސްލިމުންގެ މުޤައްދަސް ބިމަށް އަރައިގަންނަން ކުރާ މަސައްކަތްތަކާ މެދު އިންޒާރުދީފައެވެ. ހައްދުފަހަނައަޅާފައިވާ "ހޭކަލް" ޖަމާޢަތްތަކުން ވަނީ އެބައިމީހުންގެ ބާތިލު ޢީދުގެ ނަމުގައި އެތައް ހާސް ޔަހޫދީންނެއް އެއްކޮށް، އަޤްޞާ މިސްކިތަށް ވަދެގަތުމަށް ގޮވާލާފައެވެ.
ބުދަ ދުވަހު ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ޙަމާސްއިން ބުނެފައިވަނީ، ޤުދުސްގައި ޔަހޫދީން ހިންގަމުންދަނީ އެ ސިޓީގެ ދީނީ އަދި ތާރީޚީ ހުރިހާ ނިޝާންތަކެއް އޮޅުވާލައި ފޮހެލުމުގެ މަސައްކަތެއް ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ވަދެގަތުމަށް ތައްޔާރުވުމުގެ ގޮތުން، އަޤްޞާ މިސްކިތުގެ އިރުމަތީ ފަރާތު ގޯތިތެރޭގެ ގާތަކުގައި ޔަހޫދީންގެ ނިޝާން ކުރަހާފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މަސްޖިދުލްއަޤްޞާއަށް ދޭ ހަމަލާތަކުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލައި، އެ މިސްކިތުގެ ޙުރުމަތް ކެނޑުމަކީ ރަތް ރޮނގު ފަހަނައަޅައި ދިއުން ކަމަށް ޙަމާސްއިން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ޣައިރުޤާނޫނީ ވެރިކަމަށް، އަޤްޞާ މިސްކިތުގެ ޢަރަބި އަދި އިސްލާމީ ހުރިހާ ސިފައެއް އޮޅުވާލައިގެން އެތަން ފޭރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް އެކިއެކި ބަޔާންތަކުގައި އެކަން ކަށަވަރުކޮށްދީފައިވެއެވެ.
ޙަމާސްއިން ވަނީ ފަލަސްޠީނުގެ އެންމެހައި ރައްޔިތުން މަސްޖިދުލްއަޤްޞާއަށް ޖަމާވެ، އެތަނުގެ ގޯތިތެރޭގައި ގިނަ ވަގުތު ހޭދަކޮށް އަޅުކަންކުރުން އިތުރުކުރުމަށާއި، އިސްރާއީލުގެ މި ނުރައްކާތެރި ރޭވުންތައް ނާކާމިޔާބުކޮށްލުމަށް ގޮވާލާފައެވެ. މީގެ އިތުރުން ޢަރަބި އަދި އިސްލާމީ ޤައުމުތަކާއި، ދީނީ، ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އަދި މީޑިއާއިން މިއަށް ފިޔަވަޅުތަކެއް އެޅުމަށްވެސް އެދިފައިވެއެވެ.
އަންގާރަ ދުވަހު، ޤުދުސްގެ ގަވަރނަރޭޓުންވެސް ވަނީ "ހޭކަލް" ތަކުގެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކުން މަސްޖިދުލްއަޤްޞާއަށް ވަދެގަންނަން އުޅޭ އުޅުމާ މެދު އިންޒާރުދީފައެވެ. ފަލަސްޠީނުގެ ނިއުސް އޭޖެންސީ (ވަފާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ހައްދުފަހަނައަޅާފައިވާ ބަޔަކު ހިންގާ ހަރަކާތެއް ނޫން ކަމަށާއި، މިއީ މަސްޖިދުލްއަޤްޞާގެ ތާރީޚީ އަދި ޤާނޫނީ ހައިޞިއްޔަތު އޮޅުވާލުމަށް އިސްރާއީލު ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ބުނެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގެ މަޢުލޫމާތަށް ބަލާއިރު، މި ފަހަރު މި ވަދެގަތުމުގައި ފާއިތުވި އަހަރުގެ ރެކޯޑު (އެއްދުވަހާ 4000 އެއްހާ ޔަހޫދީން ވަދެގަތް ރެކޯޑު) މުގުރާލުމަށް އެ ޖަމާޢަތްތަކުން ދަނީ ބޮޑު ހަރަކާތެއް ހިންގަމުންނެވެ.





