އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި 16 ވަނަ އަހަރީ ސަމިޓަށްފަހު، ޖަޕާނާއި އިންޑިއާއިން ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ހާލަތު ބަދަލުކުރުމަށް ދެ ގައުމުން ގުޅިގެން މުހިމު މަސައްކަތްތަކެއް ކުރާން އެއްބަސްވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީ ބޭއްވި މި ބައްދަލުވުމުގައި ދިފާއީ، އިގްތިސާދީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ހަކަތައިގެ ދާއިރާއިން ގިނަ އެއްބަސްވުންތަކެއް ވަނީ ސޮއިކޮށްފަ އެވެ.
ޒަމާނުއްސުރެ އޮތް މި ދެ ގައުމުގެ ގުޅުން މިހާރު ވަނީ "ހާއްސަ ސްޓްރެޓެޖިކް އަދި ދުނިޔޭގެ ފެންވަރުގެ ބައިވެރިކަމަކަށް" ބަދަލުވެފަ އެވެ. 2027 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުމުގެ 75 އަހަރު ފުރޭއިރު، މި ދެ ގައުމުންވެސް ވަނީ މިނިވަން، ހުޅުވިފައިވާ އަދި ތަރައްގީވެފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއްގެ އުންމީދު އާކޮށްފަ އެވެ.
ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓަކައިޗީ ވަނީ އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގެ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޗައިނާއިން ބާރުގެ ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދުތަކުގެ ހާލަތު ބަދަލުކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި އެކަމާ ދެކޮޅަށް ދެ ލީޑަރުންވެސް އަޑުއުފުއްލެވި އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ހާއްސަކޮށް އދ. ގެ ކަނޑުގެ ގާނޫނުތަކާ އެއްގޮތަށް މައްސަލަތައް ހައްލުކުރުމަށް ގޮވާލެއްވި އެވެ.
އާ ދާއިރާއެއްގެ ގޮތުން "އިގްތިސާދީ ރައްކާތެރިކަން" މި ސަމިޓުގައި ފާހަގަކުރެވުނެވެ. ދުނިޔޭގެ ސަޕްލައި ޗއިންގައި ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، ސެމީކޮންޑަކްޓަރު، މުހިންމު މައުދަނުތައް އަދި އޭއައި ދާއިރާއިން ގުޅުން ބަދަހިކުރަން ވަނީ ނިންމާފަ އެވެ. މި ސަމިޓުގެ ތެރެއިން 100 އަށްވުރެ ގިނަ ވިޔަފާރީގެ އެއްބަސްވުންތައް އިއުލާންކުރެވުނުއިރު، މިއީ ޗައިނާ ނޫން އެހެން ގައުމުތަކުގައި އިންވެސްޓްމަންޓްތައް ހެދުމަށް ކުންފުނިތަކަށް ލިބުނު ބޮޑު ހިތްވަރެކެވެ.
ހަކަތައިގެ ދާއިރާއިން ޖަޕާނާއި އިންޑިއާއިން ވަނީ ސްޓްރެޓެޖިކް ޕެޓްރޯލިއަމް ރިޒާވް، ގްރީން ހައިޑްރޯޖަން އަދި ސޯލާ ޕަވަރުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފަ އެވެ. މީގެ އިތުރުން، އޭއައިގެ ދާއިރާއިން ދިރާސާތައް ކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށްވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރާނެ އެވެ. ޖަޕާނުން ވަނީ އިންޑިއާގެ އޭއައި ޕްރޮފެޝަނަލުންނަށް އެ ގައުމުގެ ބާޒާރުން ފުރުސަތު ދޭނެކަން ހާމަކޮށްފަ އެވެ.
އިންޑިއާއިން 2047 ވަނަ އަހަރު ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ޖަޕާނަކީ މުހިންމު ބައިވެރިއެއް ކަމަށް މި ސަމިޓުން ވަނީ ސާބިތުކޮށްދީފަ އެވެ. މިއީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިންސާފުވެރި، ގާނޫނުތަކަށް ބޯލަނބާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.




