އިޒްރޭލުގެ މީޑިއާއިން އިންޒާރު ދެމުންދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި "ބޮޑު ގޮވުމެއް" ގޮވާފާނެ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ، ފަލަސްތީނު މީހުންނަށް ހަމަލާދޭ ޔަހޫދީ ވަޒަންވެރިންނަށް އެއްވެސް ފިޔަވަޅެއް ނޭޅި، އެމީހުންނަށް އަދަބު ނުލިބުމުގެ މިނިވަންކަމެވެ.
އިޒްރޭލު ސިފައިން މި ވަޒަންވެރިން ހުއްޓުވުމުގެ ބަދަލުގައި، އެމީހުންނަށް ހިމާޔަތް ދީ، ފަލަސްތީނު މީހުންގެ ހަރަކާތްތައް ހަނިކޮށް، ހުރަސް އަޅައި އެމީހުންގެ އަވަށްތަކުގައި ބަންދުކޮށްފައި ތިބޭއިރު، ޔަހުދީ ވަޒަންވެރިން ދަނީ ބޭނުން ކޮންމެ ތަނެއްގައި ހަމަނުޖެހުން ހިންގަމުންނެވެ.
މިހާރު ހުޅަނގު އައްސޭރި އޮތީ ވަރަށް ނާޒުކު ހާލަތެއް ގައި ކަމަށް ޔަހޫދީ މީޑިއާއިން ބުނެފިއެވެ. ކޮންމެ މިނިޓަކު ކަންކަން ބަދަލުވަމުންދާ މި ހާލަތުގައި، ފަލަސްތީނު މީހުންނަށް ހީވަނީ އެމީހުންނަށް އެއްވެސް ހިމާޔަތެއް ނެތި، ނިކަމެތިވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ވަޒަންވެރިން ދަނީ ފަލަސްތީނުގެ އަވަށްތަކާއި ކުދި ރަށްތަކުގެ ތެރެއަށް ވަދެގަންނަމުންނެވެ. އެމީހުން އާންމުކޮށް ޚިޔާރުކުރަނީ މީހުން މަދު، އެކަހެރި ސަރަހައްދުތަކެވެ. އެތަންތަނުގައި ކުދި ޕިކަޕްތައް ބަހައްޓައިގެން ފަލަސްތީނު މީހުންނަށް ހަމަލާދޭން ފަށައެވެ. ދެން އެތަންތަން ފުޅާކުރުމަށްފަހު، ފަހުން އިޒްރޭލު ސަރުކާރުން އެތަންތަން ޔަހޫދީ އާބާދީތަކެއްގެ ގޮތުގައި ގާނޫނީ ހައިސިއްޔަތު ދެއެވެ.
މިއީ ފަލަސްތީނު މީހުންގެ ބިންތައް ފޭރިގަތުމަށާއި، ވަޒަންވެރިންނަށް އެމީހުންގެ ބިންތައް ފުޅާކުރުމަށާއި، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް ބިރުދެއްކުމަށްޓަކައި އެކުލަވާލާފައިވާ ނިޒާމެކެވެ. މިއީ ޣައްޒާގައި ނަސްލު ސާފު ކުރުމަށްފަހު ހުޅަނގު އައްސޭރީގައި ފަށާފައިވާ މަސައްކަތެކެވެ.






