ހުރުމުޒު ކަނޑު އޮޅީގައި އުޅަނދުތައް މެނޭޖުކުރުމާ ގުޅޭގޮތުން އޮމާނާއެކު ސިޔާސީ އަދި ފަންނީ މަޝްވަރާތައް ކުރިއަށްދާ ކަމަށް އީރާނުގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވެއްޖެއެވެ. އޮމާނުގެ ވަފުދެއް ހުކުރު އަދި ހޮނިހިރު ދުވަހު ތެހެރާނަށް ޒިޔާރަތްކޮށްފައިވާއިރު، އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި، މެދުވެރިން މެދުވެރިކޮށް ދެފަރާތުގެ މެދުގައި މެސެޖުތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރެވެއެވެ. މިހާރު ފެންނަމުން މިދަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އީރާނުން ގެންގުޅޭ ސްޓޭންޑް ދަމަހައްޓަމުން، ވޮޝިންޓަނާއެކު ސީދާ ވާހަކަ ދެއްކުމަށް އީރާނުން ދެކޮޅު ހަދަމުންދާ މަންޒަރެވެ.
މި މައްސަލަ ހައްލުކުރުމަށް އޮމާނުން ހުށަހަޅާފައިވާ ގޮތަކީ، ކަނޑު ދަތުރުފަތުރުގެ ސަލާމަތް ކަށަވަރުކޮށްދޭނެ ރީޖަނަލް ކޮންސޯޓިއަމެއް ގެ ގޮތުގައި ގައުމުތައް ގުޅިގެން ހިންގާ ބޯޑެއް އުފެއްދުމެވެ. މި ހުށަހެޅުމުގެ ދަށުން، އުޅަނދުތަކަށް އެއްވެސް ފީއެއް ދެއްކުމަކާ ނުލައި ކަނޑުއޮޅިން ދަތުރުކުރެވޭނެއެވެ.
ނަމަވެސް، އީރާނުން ވަނީ މި ހުށަހެޅުމާ ދެކޮޅު ހަދާފައެވެ. އޭގެ ބަދަލުގައި އީރާނުން ބޭނުންވަނީ އެ ގައުމުގެ ކޮންޓްރޯލްގެ ދަށުން ހިންގާ މެކޭނިޒަމެއް ގާއިމުކޮށް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަތުން "ސަރވިސް ފީ" އެއް ނެގުމަށެވެ.
މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ބުނެ ހެޔޮ ބަސްތައް ބޭނުންކުރި ނަމަވެސް، ހުރުމުޒު ކަނޑުއޮޅިއާ މެދު އީރާނުން ގެންގުޅޭ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމުގެ އިޝާރާތްތައް ވަރަށް ބޮޑަށް އެބަހުއްޓެވެ.




