ދިމްޔާތަށް ދިން ހަމަލާއަށް ފަހު މަސްރަހު އިތުރަށް ގޯސްވާނެ

ދިމްޔާތު ބަނދަރުގައި އޮތް ގޭސް އުފުލާ ދެ އުޅަންދަށް ދިން ޙަމަލާއާއެކު، އެމެރިކާއާއި އީރާނާ ދެމެދު އިތުރުވަމުންދާ ނުތަނަވަސްކަން ފުޅާވެދާނެ ކަމަށާ ބެލެވެން ފަށައިފިއެވެ. މިހާތަނަށް ސީދާ ހަނގުރާމައިގެ ތެރޭގައި ނުހިމެނޭ މުހިންމު ޤައުމުތަކަށް ހަމަލާ އަމާޒު ކޮށްފައެއް ނުވެއެވެ.

މިސްރުގެ ދިމްޔާތު ބަނދަރުގައި އޮތް ދެ އުޅަންދުގައި ބުދަ ދުވަހު ރޯވި އަލިފާނަކީ ޑްރޯން ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއްކަން އިބްތިދާއީ ތަޙުޤީޤުތަކުން ދައްކައެވެ. އަދި މިޞްރުގެ ކެބިނެޓުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް މި ހަމަލާގެ ޒިންމާ އުފުލާ ފަރާތެއް އަދި ސާފުވެފައެއް ނުވެއެވެ. އަދި މިކަމުގެ ތަފްޞީލު ހޯދުމަށާއި މިޞްރުގެ ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްެ އަޅަމުންދާނެ ކަމަށް ކެބިނެޓުން ކަށަވަރުކޮށްދިނެވެ.

މި ޙާދިސާ ސީރިއަސް ވަނީ އެކަން ހިނގީ އިރުމަތީ މެޑިޓަރޭނިއަން ސަރަޙައްދުގެ އެންމެ މުހިންމު ތެލާއި ގޭސް ބޭރުކުރާ  އެނާޖީ ސެންޓަރު ކަމަށްވާ ދިމްޔާޠު ބަނދަރުގައި ކަމަށްވާތީއެވެ. އެ ބަނދަރަކީ ތަބީޢީ ގޭސް ޕްރޮސެސްކުރުމާއި، ރައްކާކުރުމާއި، ބައިނަލްއަޤްވާމީ ބާޒާރުތަކަށް އަލުން އެކްސްޕޯޓްކުރުމުގެ ސްޓްރެޓެޖިކް ވަޞީލަތްތައް ހުރި ތަނެކެވެ. މީގެ ސަބަބުން، މިއީ ހަމައެކަނި މިސްރުގެ ޤައުމީ ފެންވަރުގެ ކަމެއް ނޫނެވެ. އަދި މިއީ މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށާއި ސަޕްލައި ލައިންތަކަށް އޭގެ އަސަރުކުރާނެ ކަމެއް ކަމަށާ މިސްރުން ބުނެއެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އަދި ޑްރޯން ފޮނުވާލި ތަނާއި އޭގެ މިސްރާބާ ބެހޭ ތަފްޞީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ބަދަލުކުރެވޭ ހަމަލާތައް އަލުން ފެށުނު ދަނޑިވަޅާ ދިމާކޮށް މި ހާދިސާ ހިނގުމުން، މިއީ ހަކަތައިގެ ވަޞީލަތްތަކަށާއި ކަނޑުގެ ވިޔަފާރި މަގުތަކަށް އަމާޒުކޮށްގެން ދެވޭ ހަމަލާތަކަކަށް ބަދަލުވަމުންދާ ކަމެއްތޯ ސުވާލު އުފެދެއެވެ.

ޙާދިސާއަށްފަހު މިޞްރުގެ ޕެޓްރޯލިއަމް މިނިސްޓްރީން ބުނީ ދިމްޔާޠު ބަނދަރުގައި ގޭސް ރައްކާކުރާ ދެ އުޅަންދުގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އަނެއްކޮޅުން، މެރިން ސެކިއުރިޓީ ކުންފުނި "އަމްބްރީ" އިން ބުނި ގޮތުގައި އެމެރިކާގެ ކުންފުންޏަކަށް މިލްކުވެގެންވާ ގޭސް ޓޭންކަރަކަށް ޑްރޯން ހަމަލާ ސީދާ އަމާޒުވެފައިވެއެވެ. އަދި އެހެން ސެކިއުރިޓީ ރިޕޯޓްތަކުން ބުނާ ގޮތުގައި އެހެން އުޅަންދަކަށްވެސް މިފަދަ ހަމަލާއެއް ދީފައިވެއެވެ.

ހިއްސާ ކުރައްވާ!