އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ ހުޅަނގު އުތުރުގެ އާދައިގެ ހިމޭން ސަރަހައްދެއްގައި އޮންނަ ވެލްޕަރޭސޯ އަވަށުގެ ގޭތެރެއަށް ފުލުހުން ވަދެގަތްއިރު ފެނުނީ އިންސާނީ ތަބީއަތާ މުޅިން ޚިލާފު، ނާމާން މަންޒަރެކެވެ.
އުމުރުން 69 އަހަރުގެ ގްރެގޮރީ ޑޮލްނިކްސް ބިންމައްޗަށް ވެއްޓިފައި އޮތެވެ. އޭނާ އޮތީ އަމިއްލަ ލޭގެ ކަނޑެއްގެ ތެރޭގައެވެ. ބޮލަށާއި، މޫނަށް އަދި ދެއަތަށް ތޫނު އެއްޗަކުން އެތައް ހަމަލާއެއްދީ ކޮށާލާފައިވެއެވެ. އަދި، އެންމެ ސިއްސައިގެންދާ މަންޒަރަކީ އޭނާގެ މޭކަށިގަނޑު ކޮނެގެން ނަގާފައިވާ އޭނާގެ އަމިއްލަ ހިތް، ބަނޑުމަތީގައި ބާއްވާފައި އޮތް އޮތުމެވެ.
ކޯޓަށް ހުށަހެޅިފައިވާ ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި އަނިޔާވެރި އަމަލުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލަ އަންހެން ދަރިފުޅު، އުމުރުން 32 އަހަރުގެ ސެރީނާ ޑޮލްނިކްސްއެވެ.
ފުލުހުން ގޭތެރެއަށް ވަދެގަތްއިރު ސެރީނާ ހުރީ ލެއިން ތަތްތެޅިފައެވެ. އޭނާގެ ދެއަތުގައި ހުރި ކެފިފައިވާ ނިޝާންތަކާ މެދު ސުވާލުކުރުމުން، އޭނާ ބުނެފައިވަނީ އެއީ "ގޭގޯތި ތެރޭގައި ގަސްއިންދާ އާލާތްތަކުން" ލިބުނު އަނިޔާތަކެއް ކަމަށެވެ.
މާޔޫސްކަމާއި ނިޒާމީ ނުކުޅެދުންތެރިކަން
މިއީ ހަމައެކަނި ކުއްލިއަކަށް ހިންގި ޖަރީމާއެއް ނޫނެވެ. މިއީ އެތައް އަހަރެއްގެ މާޒީގައި އެއްވެ އަނދަމުންދިޔަ ރުޅިވެރިކަމުގެ ރޯވުމެކެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި ސެރީނާއަކީ މީގެ ކުރިންވެސް ކުށްތަކުގެ މާޒީއެއް އޮތް މީހެކެވެ. 2016 އަދި 2017 ގައި މަސްތުގެ ހާލަތުގައި އުޅުމާއި، 2024 ގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. ނަމަވެސް، އިޖުތިމާއީ އަދި ސިއްހީ ނިޒާމުގެ ތެރެއިން އޭނާއަށް ބޭނުންވާ ފަރުވާ ނުލިބި، ގޭތެރޭގެ ހާލަތު މިވަރުގެ ބިރުވެރި ނިމުމަކަށް ދާންދެން ދޫކޮށްލެވިފައި އޮތުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ފުލުހުންގެ ތަހުގީގަށް ސެރީނާ ދީފައިވަނީ އާދަޔާޚިލާފު، އަދި ނަފްސާނީ ގޮތުން ފުން މައްސަލަތަކެއް ހުރިކަން އަންގައިދޭ ޖަވާބުތަކެކެވެ.
"އަޅުގަނޑުމެން ދެބަފައިންގެ ގުޅުން ވަރަށް ރަނގަޅު. ކުދިކުދި މައްސަލަތައް ޖެހުނަސް ވަރަށް އަވަހަށް ހަމައަކަށް އެޅޭ،" ސެރީނާ ފުލުހުންނަށް ކިޔައިދީފައިވެއެވެ. އަދި އޭނާގެ ބައްޕައަށް އެއްވެސް އަނިޔާއެއް ލިބިފައިވަނިކޮށް ނުދެކޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް، އޮޓޮޕްސީ ރިޕޯޓުން ކަށަވަރުވާ ގޮތުގައި ގްރެގޮރީ މަރުވެފައިވަނީ ތޫނު އެއްޗަކުން ދެވުނު ގިނަ ހަމަލާތަކެއްގެ ސަބަބުންނެވެ. ހާދިސާ ހިންގި ގޭތެރެއިން ލޭ އުނގުޅިފައިވާ 3 ވަޅި ފުލުހުން ވަނީ ހޯދާފައެވެ.
އަދާލަތުގެ ކުރިމަތީގައި
އާދީއްތަ ދުވަހުގެ ރޭ 8:00 ހާއިރު ފުލުހުން އެގެއަށް ދިޔައީ ގްރެގޮރީގެ ޚަބަރެއް ނުވެގެން އާއިލާއިން ގުޅުމުންނެވެ. އާއިލާގެ މީހަކު 911 އަށް ގުޅައިގެން ހުއްޓާ، ސެރީނާގެ ރައްޓެއްސަކު ގުޅައި، ގޭތެރެއިން ފެނުނު ބިރުވެރި މަންޒަރުގެ މައުލޫމާތު ދިނެވެ.
ބުރާސްފަތި ދުވަހު އޮތް ކޯޓު އަޑުއެހުމަށް ސެރީނާ ހާޒިރުކުރެވުނީ ވީޑިއޯ ކޯލް މެދުވެރިކޮށް، އަމިއްލައަށް މަރުވުން ހުއްޓުވުމަށް ބޭނުންކުރާ ޚާއްސަ ވެސްޓެއް ލައްވައިގެންނެވެ. އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ. ވަކީލަކު ހަމަޖެއްސުމާ މެދު ސުވާލުކުރުމުން އޭނާ ބުނީ "އެކަން އަދި ހަމަޖައްސާނަން" ކަމަށެވެ.
ގާޒީ ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫނުކުރުމަށް އަމުރުކުރައްވާފައެވެ.
މި ޖަރީމާގެ ސަބަބުން މުޅި އާއިލާ ވަނީ ނަފްސާނީ ގޮތުންނާއި މާލީ ގޮތުން މައްސަލަތަކާ ކުރިމަތި ވެފައެވެ. ގްރެގޮރީގެ އަނެއް ދަރިފުޅު، ޖެނިފާ ނަކާރާތޯ ވަނީ ބައްޕަގެ ކަށުކަމާކެމީގެ ޚަރަދުތައް ހަމަޖެއްސުމަށް ގޯފަންޑްމީ ޕޭޖެއް ހުޅުވާފައެވެ.
"އަޅުގަނޑުގެ އަމިއްލަ ކޮއްކޮ އަޅުގަނޑުގެ ބައްޕަ މަރާލީ. މި ހާދިސާގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ މުޅިން ހަލާކުވެއްޖެ. ތައްޔާރުވެވޭނެ އެއްވެސް ގޮތެއް ނެތި ކުރިމަތިވި ބޮޑު ހިތާމައެއް މިއީ،" ޖެނިފާ ލިޔެފައިވެއެވެ.
މި މައްސަލައަކީ ހަމައެކަނި އަނިޔާވެރި ކުށެއްގެ ވާހަކައެއް ނޫނެވެ. މިއީ ޑްރަގަށ ްފަރުވާ ނުދިނުމާއި ގޭތެރޭގެ މާހައުލުގައި އުފެދޭ ނަފްސާނީ އަދި އާއިލީ ރޫޅުންތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެނަމަ، ނުކުމެދާނެ އެންމެ ބިރުވެރި ނަތީޖާގެ ހިތާމަވެރި މިސާލެކެވެ.







