އީރާނުން ރުހުން ދީފި: ހުރުމުޒު ހުޅުވާލުމުގެ އެއްބަސްވުން މިއަދު އިއުލާން ކުރާނެ

ހުރުމުޒްގައި ވަގުތީ އެއްބަސްވުމެއް އެކުލަވާލާފައިވާކަން މިއަދު އިއުލާން ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރުމުޒުގެ އުތުރުގެ މަގުތައް އީރާނުގެ ބެލުމުގެ ދަށުގައި ބާއްވައި ދެކުނުގެ މަގުތައް އޮމާނުގެ ބެލުމުގެ ދަށުގައި ބާއްވާ ގޮތަށް ނިންމާނެ ކަމަށް އެމެރިކާގެ މީޑިއާ ބުނެފިއެވެ.

އެމެރިކާއާއި، އީރާނާއި، އޮމާނުންދަނީ ހުރުމުޒް އަލުން ދަތުރުތަކަށް ހުޅުވާލުމަށްޓަކައި ވަގުތީ އެއްބަސްވުމަކާ ވަރަށް ގާތަށް ގޮސްފައެވެ.

އެމެރިކާގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ އެކްސިއޮސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަލްފްގެ ދެ މަސްދަރަކާއި އެމެރިކާގެ އޮފިޝަލަކު ވަނީ އެމެރިކާއިން މި އެއްބަސްވުން މިއަދު ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.

އެތައް ހަފުތާއަކަށް އީރާނާއި އޮމާނާ ދެމެދު ދެމިގެންދިޔަ މަޝްވަރާތަކަކަށްފަހު އެކުލަވާލެވޭ މި އެއްބަސްވުމުގެ މަޤްޞަދަކީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން އާކުރުމާއި، ނިއުކްލިއަރ އެއްބަސްވުމާ ގުޅޭގޮތުން އަލުން މަޝްވަރާ ފެށުމެވެ.

ރިޕޯޓު ބުނާގޮތުން، މި އެއްބަސްވުމަކީ އީރާނު ބޭނުންވާ ގޮތަށް އެމެރިކާ ދީލާލުމުން ފަހި ވެގެންދާ އެއްބަސްވުމެކެވެ. ޓްރަމްޕް އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން އީރާނަށް ވަނީ ހުރުމުޒުގައި އިތުރު ބާރެއް ލިބިފައެވެ. އަދި މިއީ ހަނގުރާމައިގެ ކުރިން އެ ޤައުމަށް ލިބިފައި އޮތް ބާރެއް ނޫން ކަމަށް އެކްސިއޮސްއިން ބުނެއެވެ.

ސަރަޙައްދުގެ ދެ މަސްދަރަކުން ބުނާގޮތުގައި، މި އެއްބަސްވުމުގައި އުމާނާއި އީރާނާ ދެމެދު 60 ދުވަހުގެ ވަގުތީ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ. އަދި މި މުއްދަތު އިތުރުވެސް ކުރެވިދާނެއެވެ.

މި އިންތިޒާމުގެ ދަށުން، ހުރުމުޒް މެދުވެރިކޮށް ގަލްފް ސަރަހައްދަށް ވަންނަ ހުރިހާ އާގު ބޯޓުފަހަރުގެ ޓްރެފިކް ދަތުރުކުރާނީ އީރާނުގެ ސަރަޙައްދުގެ ތެރެއިން އުތުރު މަގުން ލައިގެންނެވެ. އަދި ހުރުމުޒް އިން ގަލްފުން ނިކުމެގެން ޢަރަބި ކަނޑާ ދިމާއަށް ނުކުންނަ އާގުބޯޓުތައް ދަތުރުކުރާނީ އީރާނާ މަޝްވަރާ ކުރުމަށްފަހު އޮމާނުގެ ސަރަޙައްދުގެ ތެރެއިން ދެކުނުގެ މަގުން ލައިގެންނެވެ. މި އެއްބަސްވުމުގަިއ ކަނޑައަޅާފައިވާ މި 60 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފީއެއް ނުނަގާނެއެވެ.

އެކްސިއޯސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ފަރާތުންވެސް 30 ދުވަހުގެ ތެރޭގައި ހުރުމުޒްގެ މެދުތެރޭ މަގުން ކަނޑުގެ މައިން ނައްތާލުމުގެ މަސައްކަތް ކުރާނެއެވެ. އަދި މައިން ސާފު ކުރުމަށްފަހު މެދުތެރޭ މަގު ސާފުވުމަށްފަހު، އޮމާނާއި އީރާނާ ދެމެދު އޮންނަ ދާއިމީ އިންތިޒާމުތަކުގެ ދަށުން އެ ސަރަޙައްދުން ދަތުރުކުރުމަށް އެ މަގު ބޭނުންކުރެވޭނެއެވެ.

ސަރަޙައްދުގެ މަސްދަރުތަކުން ބުނާގޮތުގައި، އޮމާނާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގެ އިތުރުން، ސުލްޙަ ޤާއިމުކުރުމުގެ މަސައްކަތްތަކުގައި ޤަޠަރާއި، ޕާކިސްތާނާއި، ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.

މި މަޝްވަރާތަކުގައި ވައިޓް ހައުސްއިންވެސް ބައިވެރިވެފައިވާއިރު، ފަހުގެ ދުވަސްތަކުގައި ރައީސް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ އާއި، އުމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީއާ ދެމެދު އެތައް ފަހަރަކު ފޯނުން ގުޅުއްވައި ވާހަކަދައްކާފައިވެއެވެ.

ސަރަޙައްދުގެ ދެ މަސްދަރަކުން ބުނެފައިވާ ގޮތުގައި، ޢައްބާސް އަރާޤްޗީ ވަނީ ހަފުތާ ބަންދުގައި މި އެއްބަސްވުމަށް އުސޫލެްގެ މަތިން އެއްބަސްވެފައެވެ. ނަމަވެސް އޭނާއަށް ބޭނުން ފުޅުވީ އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އިން އެ އެއްބަސްވުމަށް ރުހުން ދޭށެވެ.

މަސްއޫލު ފަރާތްތަކުން ބުނާ ގޮތުގައި އީރާނުގެ ލީޑަޝިޕުން ވަނީ އަންގާރަ ދުވަހު މި އެއްބަސްވުމަށް ރުހުން ދިނުމުގެ ކަންތައް ނިންމާލާފައެވެ.

ހިއްސާ ކުރައްވާ!