އިނގިރޭސިވިލާތުގެ މަތީ އިސްތިއުނާފް ކޯޓުން އިއްޔެ ކުރި ޙުކުމްގައި ބުނެފަިއ ވަނީ ޒަޔަނިޒަމާ ދެކޮޅު ހެދުމަކީ ޔަހޫދީންގެ ނަސްލާ އަދާވާތްތެރިވުމެއް ނޫން ކަމަށެވެ. އިންގިރޭސި އަދުލުއިންސާފުގެ ތާރިޚުގައި ކޮށްފައިވާ މި ތާރީޚީ ޙުކުމަކީ ބްރިސްޓޮލް ޔުނިވަސިޓީން ޕްރޮފެސަރ ޑޭވިޑް މިލަރއާ ދެކޮޅަށް ކުރި ދައުވާގައި ކޮށްފައިވާ ޙުކުމެކެވެ.
މި ހުކުމްގައި ބުނެފައި ވަނީ ޒަޔަނިޒަމާ ދެކޮޅު ވިސްނުންތަކަކީ 2010 ވަނަ އަހަރު އިނގިރޭސިވިލާތުގައި ފާސްކޮށްފައިވާ ހަމަހަމަކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ޙިމާޔަތްލިބިގެންވާ ފަލްސަފާވެރި ފިކުރެއް ކަމަށެވެ.
މި ހުކުމަކީ ޤާނޫނީ ގޮތުން ފާހަގަކޮށްލެވޭ ބަދަލެކެވެ. މިއީ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޒަޔަނިޒަމަށް ފާޑުކުރުމުގެ އިންތައް ކަނޑައަޅައިދޭ ޙުކުމެކެވެ. އަދި ޒަޔަނިޒަމާ ދެކޮޅު ވިސްނުން ގެންގުޅުމާއި ފަލަސްޠީނަށް ތާއީދުކުރުމަކީ ވަޒީފާގެ މާހައުކުގައި މުވައްޒަފާ މެދު ފިޔަވަޅުއެޅުމަށް ނުވަތަ ވަޒީފާއިން ވަކިކުރުމަށް ސަބަބަކަށް ހެދުން މަނާކުރާ ކަމެކެވެ.
އިދާރީ ގޮތުން ފިޔަވަޅުއެޅުމުގެ އިންތައް
މި ޙުކުމުން ޔޫކޭގައި ވަޒީފާ ދޭ ފަރާތްތަކާއި މުއައްސަސާތަކަށް، މީހަކު ޒަޔަނިޒަމާ ދެކޮޅު ވިސްނުމެއް ގެންގުޅޭކަމަށްޓަކައި ވަޒީފާއިން ވަކިކުރުން ނުވަތަ އިދާރީ އަދަބުދިނުން މަނާކުރާ އިޖުރާއާތެއް މި ވަނީ ޤާއިމުކޮށްދީފައެވެ.
ކޯޓުން ފާހަގަ ކުރި ގޮތުގައި، ނަސްލީ ނުވަތަ އިސްތިއުމާރީ ފިކުރެއްގެ ގޮތުގައި ޒަޔަނިޒަމް ސިފަކުރާ ފިކުރީ ވިސްނުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ފަލްސަފާވެރި ވިސްނުމެއް ގޮތުން ޤާނޫނީ ޙިމާޔަތް ލިބިގެންވާ ވިސްނުމެކެވެ.
މި ދައުވާ ރައްދުވީ ފަރާތް ކަމަށްވާ ޕްރޮފެސަރު ޑޮކްޓަރ ޑޭވިޑް މިލަރ އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ނިންމުމުން އެކެޑެމިކް ފާޑުކިޔުމާއި އިދާރީ ތުހުމަތުތަކާ ދެމެދުގައިވާ ރޮނގު ވަރަށް ސާފުކޮށް ކަނޑައަޅައިދީފައިވާ ކަމަށެވެ.
"ބްރިސްޓޯލް ޔުނިވަރސިޓީން ވަނީ އަޅުގަނޑުގެ އިލްމީ ދިރާސާތަކާއި ޒަޔަނިޒަމްގެ އިޖްތިމާޢީ ތަޙުލީލަށް އަމާޒުކޮށްގެން އެކި އެކި ޝަކުވާތައް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުގެ ޙުކުމުން ކަށަވަރުކޮށްދިނީ ޒަޔަނިޒަމާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ޤާނޫނުން މިނިވަންކަން ކަށަވަރުކޮށްދީފައިވާ ފިކުރީ އަދި ސިޔާސީ ހައިސިއްޔަތެއް ލިބިފައިވާ ކަމެއް ކަމަށާއި، އެއީ ޔަހޫދީންނާ ދެކޮޅުވުމުގެ އެންޓިސެމެޓިކް ވިސްނުމެއްގެ ގޮތުގައި މާނަ ކުރެވޭނެ ކަމެއް ނޫންކަމަށެވެ." ޑޭވިޑް މިލަރ
މިލަރ ވިދާޅުވި ގޮތުގައި މި ޤާނޫނީ ނަމޫނާގެ އަސަރު ޔުނިވަރސިޓީތަކުން ބޭރުގައި އާންމު ދިރިއުޅުމުގެ ތަފާތު އެކި ދާއިރާތަކަށް ފޯރާނެއެވެ. އެގޮތުން ޞިއްޙީ ދާއިރާގެ ޕްރޮފެޝަނަލުންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި ޤާނޫނީ ދާއިރާއާއި، އެކައުންޓިންގ އަދި ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތްކުރާ މީހުން މީސްމީޑިއާގައި ޒަޔަނިޒަމަށް ފާޑުކިޔައި ޚިޔާލުފާޅުކުރުމުގެ ސަބަބުން އެ މީހުންނާ ދެކޮޅަށް އިދާރީ ގޮތުން ސުވާލުކުރުމާއި ތަޙުޤީޤުކުރުން ފަދަ ކަންކަން ހިންގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ޙުކުމުގެ ސަބަބުން އެފަދަ ތަޙުޤީޤުތަކާއި ޤާނޫނީ ދަޢުވާތައް ނުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "ޒަޔަނިސްޓް ނިޒާމުގެ ސިޔާސީ ނުވަތަ ތާރީޚީ އުފެދުން ތިލަކޮށް ފާޅުކުރުމަށް ކުރާ މަސައްކަތަކީ މީހާ ވަޒީފާއިން ވަކިކުރުމަށް ނުވަތަ މަސައްކަތް މެދުކަނޑައިލުމަށް އޮތް ޤާނޫނީ ބަހަނާއަކަށް ދެނެއް ނުހެދޭނެއެވެ."
ޤާނޫނީ އަސަރުތައް
މި ޙުކުމުގެ ސަބަބުން އިނގިރޭސި މުއައްސަސާތަކުގައި މިހާރު މަޑުޖެހިފައި ހުރި ބައެއް ޝަރީޢަތްތަކަށާއި އިދާރީ ފިޔަވަޅުތަކަށް ސީދާ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ މި މައްސަލައާ އެއްފަދަ އަދި އެއްގޮތް މައްސަލަތައް ނިންމުމަށް ޝަރީޢަތްތަކާއި އިދާރީ ފަރާތްތަކުން މި ޙުކުމަށް އިންތިޒާރުކުރަމުން ދިޔުމެވެ.
މިކަމާ ގުޅޭގޮތުން ލަންޑަންގެ އިސްލާމީ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީ (އައި.އެޗް.އާރް.ސީ) ގެ ރައީސް މަޢުސޫދު ޝަޖަރާ ވިދާޅުވީ، "މި ޙުކުމުގެ ސަބަބުން ޕްރޮފެޝަނަލުންނާއި މުވައްޒަފުންނަށް، ޒަޔަނިޒަމާ ދެކޮޅު ވިސްނުން ގެންގުޅުމަށް ޤާނޫނީ ޙިމާޔަތް ލިބިފައިވާކަން އިހުސާސް ކުރެވޭނެ އެވެ. އަދި އޭގެ މާނައަކީ މަސައްކަތުގެ މާހައުލުގައި އެކަމާ މެދު ބަހުސްތައް ހިންގުމުގައި ނުވަތަ މުވައްޒަފުންގެ ހަރަކާތްތަކާ ގުޅޭގޮތުން ސުވާލުކުރުމުގައި ވަޒީފާ ދޭ ފަރާތްތަކުން ޖެހިލުންވާނެ ކަމެވެ."
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ނެރެފައިވާ ބަޔާންތަކަށް ބަލާއިރު، މި ޙުކުމުގެ ސީދާ އަސަރުތަކުގެ ތެރޭގައި ތިން ކަމެއް ފާހަގަކުރެވެއެވެ.
-
އިދާރީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކުގެ މަޤާމު ވަރުގަދަވުން: މިހާރު ވަޒީފާއިން ވަކިކުރުމުގެ ބިރު ދައްކާފައިވާ ނުވަތަ މަސައްކަތް މެދުކަނޑާލާފައިވާ ފަރާތްތަކުގެ ޤާނޫނީ މަޤާމު މިކަމުން ވަރަށް ބޮޑަށް ވަރުގަދަވެގެންދެއެވެ.
-
އިދާރީ ބާރުތަކަށް ހުރަސްއެޅުން: ޞިއްޙީ، ޤާނޫނީ އަދި އެކައުންޓިންގ ފަދަ ދާއިރާތަކުގެ ބެލެނިވެރި ފަރާތްތަކުން، ޒަޔަނިޒަމާ ދެކޮޅު ޚިޔާލު ފާޅުކޮށްފައިވާ ޕްރޮފެޝަނަލުންނާ ދެކޮޅަށް އެތެރޭގެ ޤަވާއިދުތައް ބޭނުންކޮށްގެން އަދބުދިނުން މި ޙުކުމުން ހުރަސްއަޅައެވެ.
-
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޙިމާޔަތްކުރުމުގެ މިންގަނޑެއް ޤާއިމުވުން: ޢާންމު އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ދާއިރާތަކުގައި ސިޔާސީ ވިސްނުންތައް ބަހަނާއަކަށް ހަދައިގެން އެއްބަސްވުންތައް ބާޠިލުކުރުން ނުވަތަ މުވައްޒަފުން ވަކިކުރުން މަނާކުރާ ޤާނޫނީ ބިންގައެއް މިކަމުން އެޅިގެންދެއެވެ.
މައްސަލައިގެ ކުރިމަގު
މި ޙުކުމުން އިނގިރޭސިވިލާތުގެ އެކެޑެމިކް އަދި ޕްރޮފެޝަނަލް މުއައްސަސާތަކުގެ މަސައްކަތްތައް ހިންގާ ޤާނޫނީ އޮނިގަނޑު އަލުން ބައްޓަންކޮށްދޭނެ ކަމަށް ބެލެވެއެވެ. އެއީ މަސައްކަތްދޭ ފަރާތްތަކާއި ބެލެނެވެރި އިދާރާތަކުގެ އަދަބުދިނުމުގެ ބާރުގެ ހުދޫދު ކަނޑައަޅައިދެމުންނެވެ.
މީގެ ކުރިން ޖަރުމަންވިލާތުންވެސް ވަނީ މިފަދަ ޙުކުމެއް ކޮށްފައެވެ. މިއީ ފަލަސްޠީނުގެ މައްސަލައަށް ލިބޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.





