ފުލުހުންނާއި ސިފައިންގެ އިތުރުން ރައްޔިތުންގެ މަޖިލިސް ފަދަ ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ކަނޑުވާލުމަށާއި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ މަގު ފަހިކޮށްދިނުމަށް، ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކާއި މުއައްސަސާތަކުގެ ކަރާމާތާއި އިތުބާރު ހިފެހެއްޓުމަކީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ވެރިކަމުގައި އޮތީ ކޮންމެ ސަރުކާރެއް ނުވަތަ ކޮންމެ ސިޔާސީ ފިކުރެއް ކަމުގައި ވީނަމަވެސް، ފުލުހުންނާއި ސިފައިން ފަދަ ރައްޔިތުން ބަރޯސާވާ ސަލާމަތީ ބާރުތަކުގެ އަބުރާއި އިއްޒަތް ސިޔާސީ މަންފާއަކަށްޓަކައި ނަގާލުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިހުސާން މެންބަރުންގެ ކިބައިން މިކަމަށް އެދިވަޑައިގެންނެވީ، ފުލުހުންގެ މުއައްސަސާއާ މެދު އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު މިހާރުގެ ގާނޫނީ އޮގަނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅޭނެ ފުރުސަތު އޮތްތޯ ސާފުކުރުމަށް މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިވަގުތު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އެފަދަ މުއައްސަސާތަކުގެ ކަރާމާތް ހިމާޔަތްކުރުމަށް އެކަށީގެންވާ ގާނޫނީ ރައްކާތެރިކަމެއް ލިބިދީފައި ނުވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ މުއައްސަސާތަކުގެ އަގުހިފެހެއްޓުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސްދިނުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.





