އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޗަންދްރަޗޫދު، ރަޝިޔާ ސަރުކާރުގެ ވަކީލެއްގެ ގޮތުގައި

ޖިއޯޕޮލިޓިކަލް އަދި ބައިނަލްއަޤްވާމީ ޤާނޫނީ ދާއިރާގައި ނުހަނު ބޮޑު ސަމާލުކަމެއް ލިބެމުންދާ މައްސަލައެއްގައި، އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑީ.ވައި. ޗަންދްރަޗޫދު، ޔުކްރެއިންގެ ދައުލަތުގެ ބޭންކަކުން ރަޝިއާއާ ދެކޮޅަށް ހުށަހަޅާފައިވާ ބޮޑު އިންވެސްޓްމަންޓް މައްސަލާ ގައި ރަޝިއާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން އާބިޓްރޭޓަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

"ގްލޯބަލް އާބިޓްރޭޝަން ރިވިއު" އާއި "ބާ އެންޑް ބެންޗް" އިން ހާމަކޮށްފައިވާ ގޮތުގައި، 1998 ވަނަ އަހަރުގެ ރަޝިއާ-ޔުކްރެއިން ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީގެ ދަށުން އެކުލަވާލާފައިވާ ޚާއްޞަ ތިން މެންބަރުންގެ އާބިޓްރަލް ޓްރިބިއުނަލްގައި، ރަޝިއާއިން ވަނީ ޖަސްޓިސް ޗަންދްރަޗޫދު އެމީހުންގެ ފަރާތުން ކަނޑައަޅާފައެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރު ރަޝިއާއިން ޔުކްރެއިނަށް އަރައިގަތުމަށްފ، ޔުކްރެއިންގެ ޑޮނެޓްސްކް، ލުހާންސްކް، ޚެސަން އަދި ޒަޕޮރީޒިއާ ސަރަޙައްދުތަކުގައި ހުރި ޔުކްރެއިންގެ ދައުލަތުގެ ބޭންކު އޮޝާޑްބޭންކް ގެ މިލްކުވެރިކަމާއި ވިޔަފާރީގެ ވަސީލަތްތައް ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ ހުށަހަޅާފައިވާ ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި މައްސަލައެކެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ފޮނުވި ނޯޓިސްއަށް ރަޝިއާގެ ސަރުކާރުން ޖަވާބު ނުދިނުމުން، އޮޝާޑްބޭންކުން ވަނީ މިމައްސަލަ އާބިޓްރޭޝަންއަށް ރަސްމީކޮށް ހުށަހަޅާފައެވެ. މި ޓްރިބިއުނަލްގެ ރައީސަކަށް ހަމަޖައްސާފައިވަނީ ކޮސްޓަރީކާގެ ކުރީގެ ވިޔަފާރީގެ ވަޒީރު އަދި އާބިޓްރޭޓަރ ޑްޔަލާ ޚިމެނޭޒްއެވެ. އޭނާ ހޮވާފައިވަނީ ދެ ފަރާތުގެ ރުހުމާއެކުއެވެ. އަދި އޮޝާޑްބޭންކުގެ ފަރާތުން އާބިޓްރޭޓަރަކަށް ހަމަޖައްސާފައިވަނީ ގްރީކް އާބިޓްރޭޓަރ އަދި ނޭޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޯގެ ޕްރޮފެސަރު ސްޓަވްރޮސް ބްރެކުލާކިސްއެވެ.

މި ނިންމުމަކީ ޤާނޫނީ މާހިރުންގެ މެދުގައި ނުހަނު ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ރިޕޯޓުތައް ބުނާގޮތުން، މީގެ ކުރިން ރަޝިއާގެ ފަރާތުން އާބިޓްރޭޓަރަކަށް ވުމަށް ރަޝިއާއިން ހުށަހެޅުމުން، ޖަސްޓިސް ޗަންދްރަޗޫދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

ނަމަވެސް، އޮޝާޑްބޭންކުގެ މި މައްސަލައިގައި ރަޝިއާގެ ފަރާތުން އޭނާ ހަމަޖެއްސުމާއެކު، އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދަ ބައިނަލްއަޤްވާމީ ބޮޑު މައްސަލައެއްގައި ބައިވެރިވެވަޑައިގަތުމަކީ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލެކެވެ.

ހިއްސާ ކުރައްވާ!