އިންޑިއާއިން 2047 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އެ ޤައުމުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ރޭޓު އަވަސްކުރަންޖެހޭ ކަމަށާއި، ނަމަވެސް މިހާރގެ ކުރިއެއރުމުގެ ފަހަތުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ހާމަވެއްޖެއެވެ.
އިންޑިއާގެ 80 ވަނަ މިނިވަން ދުވަހާ ދިމާކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ 2047 ވަނަ އަހަރާ ހަމައަށް އެ ޤައުމު ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި "ސަޕްތަދާރާ" ނަމުގައި ހަތް ދާއިރާއެއްގެ މައްޗަށް އެކުލެވޭ ޚާއްސަ އިޤްތިސާދީ ސްޓްރެޓެޖީއެއް އިއުލާނުކުރައްވާފައެވެ. މި ޕްލޭންގެ އެންމެ މުހިންމު ބަހާއަކީ އުމްރާނީ ތަރައްޤީ ވަރުގަދަކުރުން ކަމަށްވާއިރު، މިހާރު 4.15 ޓްރިލިއަން ޑޮލަރުގެ އިޤްތިސާދެއް އޮތް އިންޑިއާއަކީ ދުނިޔޭގެ އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އިޤްތިސާދެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަންދާސާކުރާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއިން އިނގިރޭސިވިލާތާއި ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު، 2031 ގެ ކުރިން ޖަރުމަނުވިލާތްވެސް ފަހަތަށް ޖައްސާލާނެއެވެ.
ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އިންޑިއާގެ ޤައުމީ ހައިވޭ ހެދުމުގެ މަސައްކަތް ވަނީ ދުވާލަކު 12 ކިލޯމީޓަރުން 34 ކިލޯމީޓަރަށް އަވަސްވެފައެވެ. އަދި މަގުތަކުގެ ނެޓްވޯކް 61 އިންސައްތަ އިތުރުވެ، 146,000 ކިލޯމީޓަރަށް ވުރެ ދިގުވެފައިވެއެވެ. މީގެ އިތުރުން 3,300 ކިލޯމީޓަރުގެ ދެ ރޭލު ކޮރިޑޯގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، މިއީ މުދާ އުފުލުމުގެ 70 އިންސައްތަ ހިއްސާކުރާނެ މަޝްރޫޢުތަކެކެވެ. 2014 އިން ފެށިގެން ދައުލަތުން އުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ 6 ގުނަ އިތުރުވެފައިވާއިރު، ވޯލްޑް ބޭންކުގެ ލޮޖިސްޓިކްސް ރޭންކިންގައި އިންޑިއާ ވަނީ 16 ދަރަޖަ ކުރިއަށްޖެހި، 139 ޤައުމުގެ ތެރެއިން 38 ވަނައަށް ޖެހިލާފައެވެ.
ނަމަވެސް، ސަރުކާރުގެ އަމިއްލަ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ކޮންމެ މަޝްރޫޢަކަށް 150 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު ހޭދައެއް ކުރާ 1,775 މަޝްރޫޢެއްގެ ތެރެއިން ގުޅޭ 17 މިނިސްޓްރީއަކުން ހިންގާ މަޝްރޫޢުތަކުގެ ބަޖެޓު ވަނީ 3.4 ލައްކަ ކްރޯޑް ރުޕީސްއިން އިތުރުވެފައެވެ. އަދި 2026 ވަނަ އަހަރު ނިމުނު މާލީ އަހަރުގައި ހައިވޭ ހެދުމުގެ އާ ކޮންޓްރެކްޓްތައް ހަވާލުކުރުމާއި އަމަލީ މަސައްކަތް ވަނީ ވޭތުވެދިޔަ 7 އަހަރުގެ އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ.
މި މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ބިން މިލްކުކުރުމުގެ މައްސަލަތަކާއި ތިމާވެށީގެ ހުއްދަތައް ހޯދުމުގައި ހުރި ތުރާލެވެ. ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ހާމަކޮށްފައިވާ ގޮތުގައި ހައިވޭގެ 189 މަޝްރޫޢެއް ބިން ހޯދުމުގެ މައްސަލައިގައި ލަސްވެފައިވާއިރު، 64 މަޝްރޫޢެއް ވަނީ ތިމާވެށީގެ ހުއްދަ ނުލިބިގެން ހުއްޓިފައެވެ. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުވެސް ކުރިމަތިވަމުންދާ މައްސަލަތަކެކެވެ. މިއާއެކު ނޭޝަނަލް ހައިވޭސް އޮތޯރިޓީން 2025 ގައި ވަނީ ބިން ހޯދުމަށް 336 ދުވަހުގެ އާ ނިޒާމެއް ތައާރަފުކޮށްފައެވެ.
އިންޑިއާއިން 2030 އާ ހަމައަށް 90 ލައްކަ ކްރޯޑާއި 100 ލައްކަ ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދެއް އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ރާވާފައިވީ ނަމަވެސް، ކޮންޓްރެކްޓްތައް ހަވާލުކުރުމާއި ބިން ހޯދުމުގެ ރޭޓު އަވަސްނުކުރެވިއްޖެނަމަ، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. 2047 ގެ މިސްރާބަށް އިންޑިއާއަށް ދެވޭނީ މިފަދަ އިދާރީ އަދި ޤާނޫނީ ހުރަސްތައް ނައްތާލައިގެން ކަމަށް އިޤްތިސާދީ މުހައްލިލުން ފާހަގަކުރައްވައެވެ.





