ދިގުދެމިގެންދާ ހަނގުރާމައަކާއި، ސިޔާސީ އަދި އިޖުތިމާޢީ ބައިބައިވުންތަކުގެ ސަބަބުން، ޖެނޮސައިޑް ހިންގަމުންދާ ޔަހޫދީ ޒަޔަނިސްޓުންގެ ގައުމު ދޫކޮށްދާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވެއްޖެއެވެ. ފާއިތވި ތިން އަހަރުގެ ތެރޭގައި ގާތގަނޑަކަށް އެއްލައްކަ ފަންސާސް ހާސް މީހުން ޔަހޫދީ ރެޖީމް ދޫކޮށް ގޮސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މި ހިނގާ 2023 އަދި 2024 ވަނަ އަހަރު، ޖެނޮސއިޑް ރެޖީމް ދެކެ ލޯބިން އެތެރެއަށް ހިޖުރަކުރާ މީހުންގެ އަދަދަށްވުރެ ބޭރުވާ މީހުންގެ އަދަދު އިތުރުވެ، ހިޖުރައިގެ ހިސާބުތައް ވަނީ ނެގެޓިވް ވެފައެވެ. މިއީ ޔަހޫދީ ދައުލަތުގެ ތާރީޚުގައި މަދުން ނޫނީ ހިނގާފައިނުވާ ފަދަ ކަމެއްކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މި މައްސަލަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު ނަތަންޔާހޫ ޔަހޫދީންގެ އަދުލު އިންސާފުގެ ނިޒާމު އޮޅާލަން ކުރި މަސައްކަތުގެ ތެރެއިންނެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހު ފެށި ފަލަސްޠީނު މިނިވަން ކުރުމުގެ ލީޑަރު ޔަހުޔާ ސިންވާރުގެ ހަނގުރާމައާއެކު ޔަހޫދީން ބޯކޮށް ގައުމުން ބޭރުވުން އިތުރަށް އަވަސްވެގެންދިޔަ ކަމެކެވެ.
ބޭރަށް ހިޖުރަކުރާ ޔަހޫދީންގެ އަދަދު އިތުރުވުމުގެ ސަބަބުން އެންމެ ބޮޑު ވުން އުފެދިފައިވާ ކަމަކީ ޔަހޫދީންގެ ޤާބިލު އަދި މުއްސަނދި ފަންތީގެ މީހުން ބޭރުވުމެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީއާއި، ޞިއްޙީ ދާއިރާގެ އިތުރުން މަތީ ފަންތީގެ ތަޢުލީމު ލިބިފައިވާ ފަންނު ވެރިން ހިމެނެއެވެ.
ޓެކްނޮލޮޖީގެ ސިނާޢަތަކީ ޔަހޫދީންގެ އިޤުތިޞާދުގެ ފަސްބައިކޮށްކޮށްފަ އެއްބައެވެ. މި ކަމުގެ ފަންނުވެރިން ފޭބުމުގެ ސަބަބުން އިޤުތިޞާދަށާއި ސިފައިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އިޤުތިޞާދީ މާހިރުން ބުނެއެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި ޔަހޫދީ ޒަޔަނިސްޓުންގެ ސަރުކާރުން ވަނީ ބޭރުގައި ވަޒަން ވެރިވެފައިވާ މާހިރުން އަނބުރާ ގެނައުމަށްޓަކައި ޓެކްސްގެ ލުއިތަކެއް ދިނުމާއި، އެކި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، ޔޫރަޕާއި އެމެރިކާ ފަދަ ޤައުމުތަކުގައި އާންމު ދިރިއުޅުމުގެ ރައްކާތެރިކަމާއި ރައްކާތެރިކަމާއި ހަމަޖެހުން ލިބެމުންދާތީ އެނބުރި ދިއުމަށް ގިނަ ބަޔަކު ފަސްޖެހެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.







