އިންޑިއާގެ މެދުފަންތިއާއި ފަގީރު އާއިލާތަކުން ކުދިންގެ ތައުލީމަށް ކުރަންޖެހޭ ބޮޑެތި ޚާރަދުތައް ކުޑަކޮށް، އިންސާފުވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން، ވާދަވެރި ގައުމީ އިމްތިހާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް ހިލޭ އޮންލައިން ކޯޗިން ދިނުމުގެ ގައުމީ މަޝްރޫއެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނު ކުރައްވައިފިއެވެ.
އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތާރީހީ ރެޑް ފޯޓުގައި ގައުމާ މުޚާތަބު ކުރައްވަމުން މޯދީ ވިދާޅުވީ، އަމިއްލަ ކޯޗިން ސެންޓަރުތަކަށް ބަރޯސާވާންޖެހުމުގެ ސަބަބުން އާއިލާތަކަށް ކުރިމަތިވެފައިވާ މާލީ ތަކުލީފުތަކުން މިންޖުކުރުމަށްޓަކައި، ސަރުކާރުން ހާއްސަ އޮންލައިން ނެޓްވޯކެއް ގާއިމުކުރާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ގައުމުގެ އެކި ކަންކޮޅުތަކުގައި ތިބި މޮޅު ޓީޗަރުންނާއި އިންޑިއާގެ ފުޅާ ޑިޖިޓަލް ވަސީލަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ކޮންމެ ކުއްޖަކަށްވެސް ގޭގައި ހުރެގެން އުނގެނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
"އަމިއްލަ ކޯޗިން ކްލާސްތަކުގެ ސަބަބުން އުފެދިފައިވާ ވާދަވެރިކަމަކީ މެދުފަންތީގެ އާއިލާތަކަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ބުރައެއް. ކޯޗިން ސެންޓަރަކަށް ކުއްޖާ ނުފޮނުވައިފިނަމަ، އެ ކުއްޖާ ފަހަތަށްޖެހި، އަބުރުވެރި އާއިލާއެއްގެ ގޮތުގައި ބަލައިނުގަނެފާނެ ކަމުގެ ބިރު ކޮންމެ ބެލެނިވެރިއަކަށްވެސް އޮވޭ،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ބެލެނިވެރިން ކޯޗިންއަށް ކުރާ ކްރޯޑު ރުޕީސް ގެ ހޭދަ ސަލާމަތްކޮށްދީ، ކުދިން އާއިލާއާ ދުރުނުވެ، ގޭގައި ތިބެގެން ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުން." މޮދީ ވިދާޅުވިއެވެ.
މި މަޝްރޫއުގެ އިތުރުން، ކުރިއަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައި 10 މިލިއަން ކުދިންނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރުތައް ދަސްކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށްވެސް މޯދީ އިއުލާނު ކުރެއްވިއެވެ. މިއީ މުޅި ދުނިޔޭގެ އޭއައި ދާއިރާގައި އިންޑިއާގެ ޒުވާނުން އިސްރޯލެއް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ސަރުކާރުން މިފަދަ ނިންމެވުމެއް ނިންމާފައި މިވަނީ، ގައުމީ ފެންވަރުގެ މެޑިކަލް އެންޓްރަންސް އިމްތިހާނު (ނީޓް-ޔޫޖީ) ގެު ސުއާލު ކަރުދާސްތައް ލީކުވި މައްސަލައަކާ ގުޅިގެން، ދިއްލީއާއި އެހެނިހެން ސިޓީތަކުގައި ޒުވާނުންނާއި ދަރިވަރުން މުޒާހަރާތަކެއް ކުރުމަށްފަހުގައެވެ. އެ މުޒާހަރާތަކާ ގުޅިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފަިއ ވެއެވެ. އަމިއްލަ ކޯޗިން ސެންޓަރުތަކުގެ ނުފޫޒާއި އިމްތިހާނުތަކުގެ ސައްހަކަމާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
އާބާދީގައި 1.4 ބިލިއަން މީހުން ތިބި އިންޑިއާއަކީ ދުނިޔޭގައިވެސް އެންމެ ޒުވާން އާބާދީއެއް އޮތް ގައުމެވެ. އެ ގައުމުގައި އަމިއްލަ ޓިއުޝަންދޭ ކޯޗިން ސެންޓަރުތަކުގެ ވިޔަފާރީގެ އަގު 15 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.






