ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ވެކްސިންތަކާއި، ބޭހާއި، ސިއްހީ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓާއެކު ސްޓޭޓް ފާމަސޫޓިކަލްސް އިން ރަސްމީ މަޝްވަރާތަކެއް ފަށައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސެރަމް އިންސްޓިޓިއުޓާ އެކު މި މަޝްވަރާތައް ބާއްވާފައިވަނީ އިއްޔެއެވެ.
މި ބައްދަލުވުމަކީ، އެ ކުންފުނީގެ އިންޓަނޭޝަނަލް ބިޒްނަސްގެ ޑައިރެކްޓަރު ސަންދީޕް މުލޭ މާލެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. ސްޓޭޓް ފާމަސޫޓިކަލްސްއިން ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ބޭނުންވާ މުހިންމު ސިއްހީ ސާމާނު އެއްވެސް ދަތިކަމެއްނެތި ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަންކަމުގެ ތެރޭގައި، ފެންވަރު ރަނގަޅު ވެކްސިން އެތެރެކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ތަކެތި ގަތުމުގެ ނިޒާމު ހަރުދަނާކުރުމާއި، އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އާންމު ސިއްހަތުގެ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އާއި އދ. ގެ އެހީތެރިކަމާއެކު ހިންގާ ބައިނަލްއަޤްވާމީ ދިފާއީ ވެކްސިން ޕްރޮގްރާމްތަކަށް ބޭނުންވާ ވެކްސިންގެ ބޮޑު ބައެއް ފޯރުކޮށްދެނީ ސެރަމް އިންސްޓިޓިއުޓުންނެވެ. ސްޓޭޓް ފާމަސޫޓިކަލްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ބައިނަލްއަޤްވާމީ ބޮޑު އުފެއްދުންތެރިއަކާ ގުޅިގެން މަސައްކަތްކުރުމުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖެއަށް ބޭނުންވާ ރައްކާތެރި، އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ވެކްސިން އަދި ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުކުރުމެވެ.






