މިސްރުގެ ސަލާމަތީ ބާރުތަކުން ވަނީ، އަމިއްލަ މަންމަ މަރައިލުމަށްފަހު އެއްވެސް މީހަކަށް ނޭނގޭގޮތަށް ކޮޓަރިއެއްގެ ތެރޭގައި ހަށިގަނޑު ފޮރުވައިގެން ދެ އަހަރު ދުވަސް ވަންދެން އުޅުނު ޒުވާނަކު ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މަޤްތޫލްގެ ބޭބެ ފުލުހަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. މި ހައިރާންކުރުވަނިވި އަދި ބިރުވެރި ހާދިސާ ހިނގާފައިވާގޮތުގެ ތަފުސީލުތައް ފުލުހުންގެ ތަޙުޤީޤަށް ވަނީ ހާމަވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން، އަންހެން މީހާ ގެއްލިފައިވާކަމަށް ބުނެ އޭނާގެ ބޭބެ ފުލުހަށް މައްސަލަ ހުށަހެޅީ އެމީހާ ނުފެންނަތާ މާ ގިނަ ދުވަސްތަކެއް ވުމާ ގުޅިގެންނެވެ.
އެއާއެކު ފުލުހުން ފެށި ޚާއްސަ ތަޙުޤީޤެއްގެ ތެރެއިން، އެ ޒުވާނާ އެކި ފަހަރުމަތިން މަންމަގެ ޚަބަރާ ގުޅޭގޮތުން ދައްކާފައިވަނީ ފުށުއަރާ ވާހަކަތަކެއްކަން ފާހަގަކުރެވުނެވެ.
ފުރަތަމަ މަރުޙަލާގައި މަންމަ ގާތްތިމާގެ މީހަކަށް ޒިޔާރަތްކުރުމަށް ރަށުން ބޭރަށް ގޮސްފައިވާ ކަމަށް ބުނެ އޭނާ ވަނީ ވާހަކަތައް އޮޅުވާލާފައެވެ. ނަމަވެސް، ފުލުހުންނަށް ލިބުނު ބައެއް ހެއްކާއި ސުވާލުކުރުންތަކާ ގުޅިގެން އެ ޒުވާނާ ވަނީ ވާހަކަ ބަދަލުކޮށް، މަންމައާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި މަންމަ، މަރުވަންދެން އަނިޔާކުރިކަމަށް އިއުތިރާފުވެފައެވެ.
މި އަނިޔާވެރި ޢަމަލަށްފަހު ޖަރީމާ ފޮރުވުމުގެ ނުބައި ވިސްނުމުގައި އޭނާ ނިންމީ ކޮޓަރީގައި ފާރެއް ރާނައިގެން އެތެރޭގައި ހަށިގަނޑު ވަޅުލުމަށެވެ.
އެގޮތުން ކޮޓަރީގައި ފާރެއް ރާވައި، އޭގެ މައްޗަށް ސިމެންތިގެ ފަށަލައެއް އަލައިގެން ޖަރީމާ ވަނީ ސިއްރުކޮށްފައެވެ.
ފުލުހުން އެ ގެއަށް ގޮސް ބެލިއިރު، ނިދާކޮޓަރީގައި އަލަށް ރާނާފައިވާ ފާރެއް ފެނުނެވެ. އަދި ސިމެންތިގަނޑު ނައްޓައިގެން ބެލިއިރު އެތަނުން ފެނިފައިވަނީ މުޅިން ކުނިވެ ފައިވާ ކަށިތަކެކެވެ.
މިއީ ގެއްލިގެން ހޯދަމުންދިޔަ މައިމީހާކަން ތަޙުޤީޤަށް ވަނީ ކަށަވަރުވެފައެވެ. މިކަމާ ގުޅިގެން، ފުލުހުން ވަނީ އެ ޒުވާނާ ހައްޔަރުކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައެވެ.
އަދި ތަޙުޤީޤު ފުރިހަމަކުރުމުގެ ގޮތުން، އެ މީހާގެ ނަފްސާނީ ހާލަތު ބެލުމަށްޓަކައި ޚާއްސަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް ގެންގޮސް ޑޮކްޓަރުންގެ ލަފާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.







